ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއިމެދު، ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެނަމަ، އެ މެމްބަރަކު މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް، އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ ބިލުގެ ޑްރާފްޓު މަޖިލީހަށް ވެއްދުމަށް ތައްޔާރު ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މި ބިލް ޑްރާފްޓް ކޮށްފައިވަނީ ހިނގަމުން މިދާ ދައުރުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތި ލައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ޤާނޫނީ ވަކީލް ހަމްޒާ ޚަލީލެވެ. ފުރަތަމަ މި ބިލް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މެދުވެރިކޮށެވެ.
އަދި މިކަމާއި ގުޅުވައިގެން ހަމްޒާ އަންނަނީ އާންމު ރައްޔިތުންގެ ޚިޔާލު މިކަމުގައި އޮތްގޮތް ބަލައި މިކަމާއި ގުޅުވައިގެން ސޯޝަލް މީޑިޔާގައި ކެމްޕެއިން ވެސް ކުރަމުންނެވެ. މާބޮޑު ކާމިޔާބީއެއް މިކަމަށް ނުލިބިގެން އުޅެނިކޮށް ވިލިމާލެ ދާއިރާއަށް ނިސްބަތްވާ މީހަކު ވަނީ އެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ ކިބައިން އެކަމަށް ތާއިދުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.
އެ ޓްވީޓަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ މެންބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭ ގޮތަށް އޮތުމަކީ އޭނާ ޔަގީނުން ވެސް ތާޢީދު ކުރައްވާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ދާއިރާގެ މެމްބަރު މެދުވެރިކޮށް މަޖިލީހަށް ބިލް ވެއްދުމަށް މަސައްކަތް ކުރުމަށް އުޝާމްގެ ޓްވީޓްގައި ވިދާޅުވެއެވެ.
މިހާރު މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުންނަމަ، ރައްޔިތުންނަށް މެމްބަރުން ހޮވުމުގެ ބާރު ލިބިފައި ވިނަމަވެސް، އެބޭފުޅުން މަޤާމުން ދުރުކުރުމާއި ގުޅޭ އެއްވެސް ކަމެއްގައި ދާއިރާގެ ރައްޔިތުންގެ އެއްވެސް ޙިއްސާއެއް ނޯވެއެވެ.