ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ގައި ތިބި 7 ދިވެހިން ، އިންޑިއާގައި ކަރަންޓީން ކުރުމަށްފަހު މާދަމާ މާލެ ގެންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ޗައިނާގެ ވުހާން ގައި ތިބި އިންޑިއާގެ ރައްޔިތުން ބަލާ އެގައުމުގެ ސަރުކާރުން ފޮނުވި އެއާ އިންޑިޔާގެ ޙާއްސަ ފްލައިޓެއްގައި ، މިމަހުގެ ދެވަނަ ދުވަހު މިހަތް ދިވެހި ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. މިހަތްްދިވެހިންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ނިއު ދިއްލީގެ ޗައުލާގައި ގާއިމުކޮށްފައިވާ ކަރަންޓީނު ސެންޓަރުން ހަތް ދިވެހީންވެސް މިރޭގެ ވަގުތެއްގައި ދޫކޮށް ލެވޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސަރުކާރުން ކުރިން މައުލޫމާތު ދީފާވާގޮތުގަ މިހަތް ދިވެހިން ވެސް ވައިރަސް އަށް ނެގެޓިވްއެވެ.
14 ދުވަހުގެ ކަރަންޓީން ހަމަވުމުން މާދާމާ ހެނދުނު އެމީހުން ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ކޮރޯނާ ވައިރަސް އަދިވެސް ކޮންޓްރޯލް ވުމެއްނެތި ޗައިނާގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ވައިރަސް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ ސީދާ ޗައިނާއިން އަންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް، ސީދާ ދަތުރުތައްވެސް މެދުކަނޑާލާފައެެވެ.
ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1770 އަށް އަރާފައެވެ. އަދި މިހާތަނަށް މިބަލި ޖެހިފައިވާ 70،500 މީހުން އެބަތިބި ކަމަށް އެންމެ ފަހުގެ ޙަބަރު ތަކުން ދައްކައެވެ.