ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމަށް އޯޑަރު ދެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ބުނެ އެމެރިކާއިން ނެރުނު އިންޓެލިޖެންސް ރިޕޯޓް ބަލައިގަނެވެން ނެތް ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

އެގައުމުގެ ފޮރިން  މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ އެގައުމުގެ ލީޑަރޝިޕާއި ގުޅޭގޮތުން ނެރުނު ރިޕޯޓްގައި ހުރީ ދޮގު މައުލޫމާތު ކަމަށާއި އެ ރިޕޯޓް ބަލައިގަނެވެން ނެތް ކަމަށެވެ.

މި ރިޕޯޓް ތައްޔާރުކުރީ އެމެރިކާގެ ޑިރެކްޓަރ އޮފް އިންޓެލިޖެންސްގެ އޮފީހުންނެވެ. މި ރިޕޯޓްގައި ވަނީ ތުރުކީގެ އިސްތަންބޫލުގައި ހުރި ޖަމާލް ޚާޝުގްޖީ މަރާލުމަށް ނުވަތަ ހައްޔަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔުމަށް އޯޑަރު ދެއްވީ މުހައްމަދު ބިން ސަލްމާން ކަމަށެވެ.

ޚާޝުގްޖީ މަރާލީ އިސްތަންބޫލުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ތެރޭގައެވެ. އޭނާގެ ހަށިގަނޑުގެ އެއްވެސް ބަޔެއް ހޯދޭ ގޮތް ވެފައެއް ނުވެއެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފީހުން ތައްޔާރުކުރި މި ރިޕޯޓަކީ ކޮންގްރެސްއަށް ހުށެހެޅުމަށް ތައްޔާރުކުރެވުނު ރިޕޯޓެކެވެ. މި ރިޕޯޓް އާއްމު ނުކުރުމަށް ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޮތީ ނިންމަވާފައެވެ. އެހެން ނަމަވެސް އައު ރައީސް ޖޯ ބައިޑެން ވަނީ އެ ރިޕޯޓް އާއްމުކުރައްވާފައެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

ބައިޑެންގެ ސަރުކާރުން ވަނީ މި ރިޕޯޓާއި ގުޅިގެން 76 ސައުދީ ރައްޔިތަކަށް އެގައުމަށް ދަތުރުނުކުރެވޭ ގޮތް ހަދާފައެވެ. އަދި މާލީ ގޮތުން ވެސް ބައެއް ފަރާތްތަކާއި ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *