03 ފެބްރުއަރީގައި ކްރޮނާވައިރަސް ގެ ސަބަބުން ކަރަންޓީން ކޮށްފައިވާ ޑައިމަންޑް ޕްރިންސަސް ކްރޫޒް ޝިޕްގައި ތިބި އެމެރިކާގެ ރައްޔިތުން އެމެރިކާ ސަރުކާރުން ޗާޓަރ ކޮށްފައި ދެ މަތިންދާބޯޓް ޖަޕާނުގެ ހަނީޑާ އެއަރޕޯޓަށް ފޮނުވައިގެން ، އަނބުރާ އެގައުމަށް ގެންގޮސްފިއެވެ.
ކްރޫޒް ޞިޕްގައި ގާތްގަނޑަކަށް 400 އެމެރިކާ ރައްޔިތުން ތިބިކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ވައިރަސް ޖެހިފައިވާކަން ޔަގީން ކުރެވިފައިވާ 40 މީހުންނަށް ޖަޕާނުގައި ބައިތިއްބައިގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ޑައިމަންޑް ޕްރިންސަސް ކްރޫޒް ޝިޕް 3،700 ޕެސެންޖަރުންނާއި ކްރޫއާއެކު ކަރަންޓީން ކުރެވިފައި ވަނީ ޖަޕާންގެ ޕޯރްޓް އޮފް ޔޮކޮހާމާގައެވެ. މިކްރޫޒް ޝިޕް ކަރަންޓީން ކޮށްފައިވަނީ ބޯޓުގައި ހުރި ހޮންކޮންގް މީހެއް ވައިރަސްއަށް ޕޮޒިޓިވްވެގެންނެވެ.
ސީބީއެސްއަށް މައުލޫމާތު ދެއްވަމުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ގެ ޑައިރެކްޓަރ ޑރ.އެންތަނީ ފައުސީ ވިދާޅުވެފައިވަނީ ވައިރަސްޖެހިފައިވާ އެމެރިކާ ރައްޔިތުންނަށް ޖަޕާނުގައި ފަރުވާދެވޭނެ ކަމަށެވެ.
އެމެރިކާއަށް ގެންދެވުނު މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރެވޭނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އިތުރު ފަލައިޓް ތަކެއްގައި އިޒްރޭލް، ހޮންކޮންގް އަދި ކެނެޑާގެ ރައްޔިތުން އަނބުރާ ގައުމުތަކަށް ފޮނުވާލެވޭނެ ކަމަށް ހަބަރު ލިބެއެވެ.
ޖަޕާންގެ ހެލްތު މިނިސްޓްރީއިން އުފައްދާފައިވާ ޑޮކްޓަރުން ، ފާރމަސީ ، އަދި ކައުންސިލިންގ ދޭ ފަރާތްތަކާ މުއާމަލާތުކުރުމަށް ހާއްސަ އެޕްލިކޭޝަން ބޭނުން ކުރުމަށް ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ބޯޓުގެ ކޮންމެ ކެބިން އަކަށް ދިނުމަށް 2000 އައިފޯން ވަނީ ހަދިޔާ ކޮށްފައެވެ.