މުވައްޒަފުން އޮފީހަށް ސަލާމް ބުނަނީ ހަމައެކަނި ބަލިވެގެންނެއް ނޫނެވެ. ކޮންމެ އިންސާނަކީ ވެސް ވަޒީފާގެ އިތުރުން އެތައް ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެކެވެ. ބައެއް ފަހަރު ޞިއްހީ ސަބަބަކާ ނުލާ ، މަޖުބޫރީ ހާލަތެއް ދިމާވެގެންވެސް ސަލާމް ފޮނުވަން މެދުވެރި ވާ ހާލަތްތައް އާދެއެވެ.

ރޯގާ ފަދަ އާންމު ބަލިތައް ޖެހުން

މުވައްޒަފުން އާންމުގޮތެއްގައި އެންމެ ގިނައިން ސަލާމް ބުނަނީ ރޯގާ ނުވަތަ ހުންއައުން ފަދަ އާންމު ބަލިމަޑުކަމުގެ ސަބަބުންނެވެ. މިފަދަ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ ވެސް ގައިންގައަށް ފެތުރުމުގެ ފުރުސަތު އޮންނަ ރޯގާ އެއް ޖެހިފައިވާނަމަ މަސައްކަތުގެ މާހައުލަށް ނުނިކުތުމެވެ. 

އެތައް މުވައްޒަފުންނެއް އެއްތަނެއްގައި މަސައްކަތް ކުރާއިރު އެކަކު އަނެކަކު ގެ ފަރާތުން ބަލިފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ރޯގާ އެއްއުޅޭނަމަ އެންމެ ރަނގަޅު ގޮތަކީ ބަލި ފަސޭހަ ވަންދެން ސަލާމުގައި މަޑު ކުރުމެވެ. މަސައްކަތް ކުރާ އޮފީހުންވެސް ބަލިވެއްޖެ ހާލަތެއްގައި މުވައްޒަފު މީހާ އަށް ބަލިފަސޭހަ ވަންދެން އަރާމު ކުރުމުގެ ފުރުސަތު ދިނުން ރަނގަޅެވެ.

ގައިގެ ތަންތަނުގައި ރިއްސުން

އޮފީސް އޮފީހުގަ މަސައްކަތް ކުރާ މުވައްޒަފުން ގިނަ ވަގުތު ގޮނޑީގައި އިށީނދެގެން މަސައްކަތް ކުރުމުން މައިބަދައިގަރިހުން ފަދަ މައްސަލަ ކުރިމަތިވެއެވެ. އަދި އެހެން ބުރަ ވަޒީފާތަކުގައި އުޅޭ ފަރާތްތަކަކީވެސް ބައެއް ފަހަރު ގައިގާ އަދި ބޮލުގާ ނުވަތަ ބަނޑުގައި ރިއްސުން ފަދަ ކަމެއް މެދުވެރިވެގެން ސަލާމް ބުނަން ޖެހެއެވެ. 

"ސްޓްރެސް" ނުވަތަ ފިކުރު ބޮޑުވުން

ވިސްނުމާއި ފިކުރު ތައް ގިނަވުމަކީ ވެސް ބައެއް ފަހަރު މުވައްޒަފުން ވަޒީފާއަށް ސަލާމް ފޮނުވަން މެދުވެރިކުރުވާ ސަބަބެކެވެ. އާންމު ދިރިއުޅުމުގައި އިންސާނާ ފިކުރުބޮޑުވެ ވިސްނަން މެދުވެރިކުރުވާ ބައެއް ސަބަބުތެރޭގައި އާއިލީ މައްސަލަތައް، ފައިސާ ގެ މައްސަލަ، ވަޒީފާގެ މާހައުލުގައި ދިމާވާ ހިތްހަމަނުޖެހޭ ކަންކަން، އާއިލާގެ މީހަކު ބަލިވުން ނުވަތަ ނިޔާވުން ފަދަ އެތައް ސަބަބު ތަކެއް ހުރެއެވެ. މިފަދަ ހާލަތުގައި މަސައްކަތް ކުރާނަމަ މަސައްކަތުގެ ފެންވަރު ދަށްވެ، ހަނދާންނެތޭ ގޮތްވެ މަސައްކަތައް އޮންނަ ޝައުގުވެރިކަން ކަނޑުވާލައެވެ. މިއީ ކޮންމެ އިންސާނަކަށް ވެސް މެދުވެރި ވެދާނެ ހާލަތެކެވެ. އެގޮތުން މިފަދަ ހާލަތްތަކުން އަރައިގަތުމަށް މުަވައްޒަފުން ބައެއްފަހަރު ސިކުނޑި ހަމަޖައްސާލާ ވަރުބަލި ކަން ފިލުވާލުމަށްވެސް އޮފީހަށް ސަލާމް ފޮނުވައެވެ.

އާއިލީ ޒިންމާތައް

  

މައިންބަފައި، އަނބި މީހާ ނުވަތަ ފިރިމީހާ އަދި ދަރިން ބަލިވެގެން ވެސް މުވައްޒަފަކު ސަލާމް ފޮނުވަން ޖެހިދާނެއެވެ. ކޮންމެ މީހަކީ ވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންގެ ހައްގުތައް އަދާކުރުމުގެ ޒިންމާއާއި އެކު މިދުނިޔެއަށް ފޮނުއްވާފައިވާ މީހުންކަމުން އާއިލާގެ މީހަކަށް ކަމެއް މެދުވެރިވެގެން އޮފީހަށް ސަލާމް ފޮނުވުމަކީ ވެސް ވެދާނެކަމެކެވެ.

އޮފީސް މާހައުލުގެ ހިތްހަމަ ނުޖެހުންތައް

އޮފީހުގައި ދިމާވާ ހިތްހަމަ ނުޖެހުންތަކާ، ދެބަސްވުން ނުވަތަ މަސައްކަތެއް ނިންމަންޖެހޭ ދުވަހަކަށް މަސައްކަތެއް ނިންމޭގޮތްނުވުމާ އޮފީހުގައި ހަނގާކުރުން ފަދަ މައްސަލަ އެއް ދިމާވުމުންވެސް މުވައްޒަފުން ސަލާމް ފޮނުވުން އެކަށީގެންވެއެވެ.

މިދެންނެވި ހާލަތްތައް ނޫނަަސް ސަލާމް ފޮނުވަން ޖެހިދާނެ ހާލަތެއް މެދުވެރި ވެދާނެއެވެ. އަދި އެންމެ ދުވަހަކަށް އޮފީހަށް ސަލާމް ފޮނުވުމުން ޑޮކްޓަރެއްގެ ސިޓީ އެއް ހޯދޭނީ ބަލި ވެއްޖެނަމައެވެ. ދިމާވާ އެހެން ހާލަތް ތަކުގައި ސަލާމް ފޮނުވައިގެން މުވައްޒަފު މީހާ ގެ މުސާރައިން ދެކޮޅުނުޖެހިގެން ގިނަފަހަރު އުޅޭއިރު އުނިކުރެވޭ އެންމެ ރުފިޔާއަކުން ވާ ގެއްލުން އެނގޭނީ ޚުދު އެމީހާ އަށެވެ. ކުންފުނީގެ މަސައްކަތުގައި ރަނގަޅު ނަތީޖާ ނެރެވޭނީ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްޤުތައް ހަނި ނުކޮށް މުވައްޒަފުން ހިތްހަމަޖެހޭ ގޮތަށް ކުންފުނީގެ ގަވާއިދުތަކާ މާހައުލު ބައްޓަން ކުރެވިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *