އދ. އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް، އެކަމަނާގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު، ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތަށްފަހު، ރައީސް ވަނީ އާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލްއާ ބައްދަލުކުރައްވާ، އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
އދ. އަކީ ރާއްޖެ ތަރައްޤީގެ މަގުގައި ކުރާ މަސައްކަތްތަކުގައި، ބޮޑު ދަޢުރެއް އަދާކުރާ ޖަމާއަތެއްކަން ވެސް، ރައީސް ޞާލިޙު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ކެތަރިން ހެސްވެލްގެ އިރުޝާދާއެކު، އެ ޖަމާޢަތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެ ޖަމުޢިއްޔާގެ ބައިވެރިވުން ކުރިޔަށްވުރެވެސް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ތަރައްޤީގެ އެޖެންޑާ ޙާޞިލުކުރުމުގައި، އދ. ގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ކެތަރިން ހެސްވެލް ވަނީ ވިދާޅުވެފައެވެ.