މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، އިނގުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި، މި ދެމީހުން ޙައްޔަރުކޮށްފައިވަނީ، އިނގުރައިދޫގައި މަސްތުވާތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރާއި 40 އަހަރުގެ 2 ދިވެހި ފިރިހެނުންނެވެ.
މި ދެ މީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅޭ ގެ، އެ ގޭގެ ވެރިފަރާތުގެ ހުއްދައަާއެކު ބަލާފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމާށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް، ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 34 އަހަރުގެ މީހާއަށް ދެ ދުވަހުގެ މުއްދަތު ދީފައިވާއިރު، 40 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާކަމުގައި، ފުލުހުން މަޢުލޫމަަތު ދެއްވައެވެ.