އއ. އަތޮޅު ޕޮލިހާއި،ޕޮލިސް ކުލަބް، އަދި މަތިވެރި ކައުންސިލް ގުޅިގެން، މަތިވެރީ ރައްޔިތުންނަށް އަމާޒުކޮށްގެން، ވޮލީ ކޯޗިންގ ކޭންޕެއް އިއްޔެ ފަށައިފިއެވެ.
ޕޮލިހުން ބުނެފައިވާގޮތުގައި މި ކޭމްޕްގެ މައިގަނޑު މަޤުޞަދަކީ، ވޮލީ ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެނގުން މުހިންމު މަޢުލޫމާތާއި، އަދި ތަމްރީނު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކޭންޕެއްކަމަށެވެ.
މި ކޭންޕުގައި ވޮލީގެ ޤަވާޢިދުތަކާއި، ވޮލީ ކުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން، ވޮލީ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، އަދި އެނގުން މުހިންމު މަޢުލޫމާތާއި ތަމްރީނު ދެވޭނެކަމުގައި ޕޮލިހުން ބުނެފައިވެއެވެ.
މަތިވެރީގައި ކުރިއަށް ގެންދާ ވޮލީ ކޯޗިންގ ކޭންޕުގައި، ޖުމުލަ 24 އަންހެނުންނާއި، 11 ފިރިހެނުން ބައިވެރިވެފައިވާއިރު، މި ކޭންޕް 15 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މި ކޭންޕުގައި ކުލާސްތައް ނަގައިދެނީ، ޕޮލިސް ކުލަބުގައި މަސައްކަތްކުރާ މިފަދަ ކޭންޕްތައް ހިންގުމުގެ ތަމްރީނާއި ތަޖުރިބާހުރި ފުލުހުންކަމުގައި ޕޮލިހުން މަޢުލޫމާތުދެއެވެ.