ޗައިނާ ރައީސް ޝީ ޖިންޕިންގ މިއަހަރުގެ ތެރޭގައި މިޔަންމާއަށް ޒިޔާރަތް ކުރެއްވިއެވެ. މިޒިޔާރަތުގައި ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެއެވެ. މަލްޓި ބިލިއަން ޑޮލަރުގެ މި އެއްބަސްވުންތަކުގެ ބޭނުމަކީ، މިޔަންމާގެ މުހިންމު ބަނދަރެއްކަމުގައިވާ ކާއޯޕުޔޫ ޕޯޓް ތަރައްގީކޮށް އެތަނަށް އައު ދިރުމެއް ގެނަސްދިނުމެވެ. މިއީ ބެންގޯލް ކަނޑު އޮޅިން އިންޑިއަން އޯޝަންއަށް ބޭރުވާން އޮންނަ ބަނދަރެކެވެ.
ޗައިނާއިން މިޔަންމާއާއެކު ކޮށްފައިވާ 2015ގެ އެއްބަސްވުމުގައިވާ ގޮތުން ޗައިނާއިން 7.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެންމެ ބޮޑެތި އާގު ބޯޓް ބަނދަރުކުރެވޭ ވަރުގެ ބަނދަރެއް މިޔަންމާއަށް ހަދައި ދޭނެއެވެ. އަދި އެއާއެކު 2.7 ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ސިނާއީ މަސައްކަތަށް ޚާއްސަ ސަރަހައްދެއް ނުވތަ އިންޑަސްޓްރިއަލް ޕާކެއް ބިނާކޮށްދޭނެއެވެ. ނަމަވެސް ޗައިނާގެ ދަރަނީގެ ދަންތުރައިގައި ޖެހިދާނެކަމުގެ ބިރަށް މިޔަންމާއިން ވަނީ ޗައިނާއިން އިންވެސްޓް ކުރާ އަދަދު 1.3 ބިލިއަން ޑޮލަރަށް ތިރިކޮށްފައެވެ.
ޗައިނާގެ ރައީސްގެ މިޔަންމާ ދަތުރުފުޅުގެ އެންމެ މުހިންމު ކަމަކަށް ފާހަގަވެފައިވަނީ، އޭނާ މިޔަންމާގެ ސިފައިންގެ ވެރިޔާ މިން އައުންގ ލައިންގއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާ ރައީސް މަޝްވަރާ ކުރެއްވީ މިޔަންމާ ސިފައިން ސީދާ ޗައިނާއާ ގުޅުން ބަދަހި ކުރުމަށާއި ދެގައުމުގެ ސަރަހައްދީ ރޮނގުގައި އަމަންއަމާންކަން ގާއިމް ކުރުމާ ބެހޭ ގޮތުންނެވެ. އަދި މީގެ އިތުރުން ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި މިޔަންމާގެ ދިފާއުގައި ވާހަކަ ދެއްކުމަށްވެސް ޗައިނާ ރައީސް ހުށަހެޅުއްވިއެވެ. މިއީ މިޔަންމާގެ ހަނގުރާމަވެރި ޖަމާއަތްތަކާ މެދު ސިފައިން އަމަލުކުރާ ގޮތާއި ބެހޭގޮތުންނާއި މުސްލިމުންނާ މެދު މިޔަންމާއިން ކަން ކުރާ ގޮތުން މިޔަންމާ އެކަހެރި ވެފައި އޮތުމާއި، ބައިނަލްއަގްވާމީ ފިއްތުންތަކާ ބެހޭގޮތުން އެހީތެރިވެ ދިނުމުގެ ވާހަކައެވެ.
މިބައްދަލުވުމާ ގުޅިގެން ޗައިނާ މިޔަންމާ އިކޮނޮމިކް ކޮރިޑޯ (ސީއެމްއީސީ)އަށް ކުރާ ނުރަނގަޅު އަސަރާއި މިޔަންމާގެ އެތެރޭގެ ހަމަނުޖެހުން ސަމާލުކަމަށް އައިސްފައި ވެއެވެ. ސީއެމްއީސީއަކީ، 1700 ކިލޯ މީޓަރުގެ ދިގު މިނުގައި ވިޔަފާރި ސަރަހައްދުތަކާއި ރެއިލްވޭއާއި އެހެނިހެން މުހިންމު އިގްތިސާދީ މަޝްރޫއުތައް ހިމަނައިފައިވާ ސަރަހައްދެކެވެ. މިއީ ޗައިނާއިން ހުވަފެން ދެކޭ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައެކެވެ. މިއިން ޗައިނާގެ ބިން ވަށާލެވިފައިވާ ޔުއްނާން ޕްރޮވިންސުން ކަނޑުގެ އައްސޭރިފަށަށް ފަސޭހަކަމާއެކު ފޭބުމަށް މަގުފަހި ވެގެން ދާނެއެވެ. ޗީއެމްއީސީއަށް ކުރިމަތިވެފައި އޮތް ހުރަހަކީ، މިޔަންމާގެ އެތެރޭގެ ހަނގުރާމަވެރި ހާލަތާއި ޗައިނާގެ އިންވެސްޓްމެންޓަށް ކުރިމަތިވެފައިވާ ދެކޮޅުހެދުންތަކެވެ.
މިޔަންމާގެ ބޭރު ސަރަހައްދުގައި ޗައިނާއާ އިންވެގެންވާ ތަންތަނަކީ ސަރުކާރުން އެތަންތަނާ ބެހުމަށް ރުހޭ މީހުން އުޅޭ ހިސާބުތަކެއް ނޫނެނެވެ. ވުމާއެކު ޗައިނާ ކުންފުނިތަކުން މިތަންތާގައި މަސައްކަތެއް ކުރަނީނަމަ ވަރަށް ބޮޑެތި އުދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. މިޔަންމާގައި ބޮޑެތި ވިޔަފާރިތަކަކީ ސިފައިންގެ އަތްމަތީގައި ނުވަތަ އެމީހުންގެ ރުހުން ލިބިފައިވާ މީހުންގެ އަތްމަތީގައި ކަންތައްތަކެވެ. ސިފައިންގެ ބާރެއް ނެތް ވިޔަފާރިއެއްނަމަ އެ ވިޔަފާރިއެއްގައި އުޅޭނީ ގައުމުގެ މަތީފަންތީގެ އާއިލާތަކާއި އެފަރާތާ ގުޅިފައިވާ މީހުންނެވެ.
މިޔަންމާއަކީ ތަފާތު ދަރިކޮޅުގެ މީހުން މައްސުނި މުޖުތަމައެކެވެ. ބައިމަދު ދަރިކޮޅުގެ މީހުންނަކީ ޖަމާއަތުން އެކަހެރިކުރެވިފައި ވާ މީހުންނެވެ. ތަރައްގީއާއި އިގްތިސާދީ ފުދުންތެރިކަން މިމީހުނާ ހަމައަކަށް ނުފޯރައެވެ. މިއާއެކު ކަންކަން އެތައް ގުނައަށް ބޮޑުވެގެން ދަނީ ޗައިނާގެ ސަރުކާރުގެ ބާރާއެކު އިންވެސްޓްކުރަން އަންނަ ކުންފުނިތަކުން އެމީހުން ވަންނަ ތަންތާގެ ރިސޯސްތައް ދަމައިގެން ގެންދާ މައްސަލައެވެ. ބެލްތް އެންޑް ރޯޑް ޕްރޮޖެކްތްގެ ދަށުން ޗައިނާއިން ވަދެފައިވާ ގިނަ ތަންތާގައި މިމައްސަލަ ވަނީ ކުރިމަތިވެ، ރައްޔިތުންގެ ނުރުހުން އެކަމަށް އަމާޒުވެފައެވެ.
މި ފަސްމަންޒަރުން ފެންނާން މި އޮތީ މިޔަންމާގެ ނާޒުކު ބައިމަދު މީހުންގެ ހާލަތުގައި އަދި ހަމައެފަދައިން އެމީހުން ދިރިއުޅޭ ނާޒުކު ތިމާވެށީގައި، ޗައިނާގެ ބިޔަ އިންވެސްޓްމެންޓްތަކުން ކޮށްލާނެ ބޮޑެތި ހަލާކާއި ދީފާނެ ބޮޑެތި ގެއްލުން ތަކެވެ. މިސާލަކށް މިއުސް އިން މަންޑަލޭ ސަރަހައްދަށް އޮންނަ 431 ކިލޯ މީޓަރުގެ މަގަކީ ޔުއްނާންގެ ހައިސްޕީޑް ރޭލްވޭ ދަތުރުކުރާ ޑާލީއިން ރުލީއަށް އޮންނަ ރެއިލްވޭއާ ގުޅޭ މަގެކެވެ. ޗައިނާއިން މިއަށް 9 ބިލިއަން ޑޮލަރު ހޭދަކުރެއެވެ. މި މަޝްރޫއުގައި 1500 އަކަ ކިލޯމީޓަރުގެ ބިންވެސް ތަރައްގީކުރުމަށް ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި ދަނޑުވެރިކަން ކުރާ ޗަސް ބިމުގެ އަށްހާސް އެކްޓަރުގެ ބިން ހިއްކައިގެން ސިނާއީ ސަރަހައްދަށް ބަދަލުކޮށްލެވެއެވެ. ނާޒުކު ތިމާވެއްޓަކާ މިހާބޮޑަށް ކުޅެލެވޭ މަޝްރޫއެއްގެ ފީޒިބިލިޓޫ ސްޓަޑީޒް ހެދިފައެއް ނުވެއެވެ.
ނާޒުކު ތިމާވެށްޓަށް ބަދަލު ގެންނަ އެހެން މަޝްރޫއެއްގެ ހުވަފެންވެސް ޗައިނާއިން ދެކެފިއެވެ. ނަމަވެސް މިހާރު އެ މަޝްރޫއުވަނީ ހުއްޓާލާފައެވެ. އެއީ، މީޓްސޯންގެ ފެނުން ކަރަންޓް އުފައްދާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔަނަމަ، ކާޗިން ސަރަހައްދުގެ ދިހަ ހާހަށްވުރެން ގިނަ މީހުން އެހިސާބު ދޫކޮށް ދާން ޖެހުނީހެވެ. 770 ކިލޯމީޓަރުގެ ދިގު ޕައިޕް ލައިނެއް އެޅުމަށް ހިންގުނު މަޝްރޫއެކެވެ. މިޔަންމާގެ އެތެރޭން ޗައިނާގެ ބޯޑަރަށް ގެންދާ މިޕައިޕްލައިންއަކީ، ހަމަނުޖެހުން ބޮޑު ރާކީން ސްޓޭޓް ތެރޭން ލައިގެންދާ ޕައިޕްލައިނެކެވެ. މިއިން ތެލާއި ގޭސް ޔުއްނާންގެ ކުންމިންއަށް ގެންދެވޭނެއެވެ. އަދި މި މަޝްރޫއު ހިންގުމަށްޓަކައި މިހިސާބުގެ ބިންތަކަށް ބަދަލު ގެނައުމުން ރަށްވެހިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ދޫކޮށްލަން ޖެހޭނެއެވެ.
މިޔަންމާގެ ހަރުކަށި ސިޔާސަތުން އެގައުމުގެ އިގްތުސާދު ވަނީ، ހަމަނިޖެހުން ބޮޑު އިގްތިސާދަކަށް ބަދަލުވެފައެވެ. ހަތިޔާރު އެޅި ހަނގުރާމަ ވެރި ޖަމާއަތްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ދެމެދު ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މިއެންމެން ސިފައިންނާ ވެސް ހަނގުރާމަ ކުރެއެވެ. އެންމެން ވެސް އުޅެނީ އެބަޔަކަށް ކޮންޓްރޯލްކޮށް ހިފޭ ބިންތައް ބޮޑު ކުރުމުގައެވެ.
މިޔަންމާއާ އިންވެގެން އޮންނަ ޗައިނާގެ ސަރަހައްދީ ހިސާބުތަކުން މިޔަންމާގައި ފައިދާ ނަގަން ބޭނުންވާ ޗައިނާގެ ވިޔަފާރި ވެރިން ދަނީ މިހަނގުރާމަވެރިންގެ ބޭނުން ހިފައި އެމީހުން ބޭނުންވާ ރިސޯސް މިޔަންމާއިން ނެގުމުގެ މަސައްކަތް އެމީހުންނާ ހަވާލުކުރަމުންނެނެވެ. މީގެތެރޭގައި ލަކުޑިއާއި މައުދަންތަކާއި ގަސްގަހާގެހި ހިމެނެއެވެ. ޗައިނާއިން މިޔަންމާގައި ހިންގަން އުޅޭ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަކީ މިޔަންމާގެ އެންމެ ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގެ ތެރޭން ލައިގެން ދާނެ މަޝްރޫއުތަކެވެ. މި އިންވެސްޓްމެންތްތަކުގެ ސަބަބުން މިޔަންމާގެ ސަރުކާރާއި މި މީހުން އިތުރަށް ޖެހި، ކަންތައްތައް އިތުރަށް ކިލަނބުވާނެކަމުގެ ނިޝާންތައް މިހާރުވެސް ފެނެއެވެ. މިޔަންމާގެ އެތެރޭގެ ހަމަނުޖެހުން ޗައިނާއަށް ކޮންޓްރޯލު ކުރެވިދާނެ ކަމުގެ މާބޮޑެތި ހެކިތަކެއް އަދި ފެންނާކަށެއް ނެތެވެ.