ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މިނިވަންކަމާއިިމެދު އިދިކޮޅު ބައެއް ކެނޑިޑޭޓުުން ސުވާލު އުފައްދައިފި އެވެ.
އިންތިހާބުގެ މިނިވަންކަމާއިމެދު ސުވާލު އުފައްދާ، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވީ ހަމަ ހަމަ ފުރުސަތު ނުލިބޭ އިންތިހާބެއްގެ މިނިވަންކަމާ މެދު ސުވާލު އުފެދޭކަމަށެވެ. އަދި އިިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް (ރަންގޮނޑި) ޓެގްކޮށް ޖަވާބު ދާރީވާން ތައްޔާރުވުމަށް ޝުޖާއު ގޮވާލައްވާފައިވެއެވެ. ނަމަވެސް ކޮންތަނަކަށް ޖަވާބުދާރީވުމުގެ ވާހަކައެއްކަމެއް ޝުޖާއު ވިދާޅެއް ނުވެ އެވެ.
ދުނިޔެ މި މަންޒަރު ކައިރިން އެބަ ބައްލަވާ!
އިދިކޮޅު ކެނޑިޑޭޓުން އިންތިހާބުގެ މިނިވަންކަމާއިމެދު ސުވާލު އުފައްދަން ފަށާފައިމިވަނީ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންގެންދަނިކޮށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ކަނޑައަޅުއްވާ ގައިޑްލައިިނެއްގެ ދަށުން އިންތިހާބުގެ ކަންކަން ކުރިއަށްގެންދިއުމުގައި ހުރި ދަތިތައް ވަނީ ރައްޔިތުންގެ މަޖިލީހާވެސް ހިއްސާކުރައްވާފަ އެވެ.
އޭގެތެރެއިންވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ނުކުތާއަކީ، ސަރުކާރުގެ ދަތުރުތަކުގައި ރަށްރަށަށް ދިއުމުގެ ފުރުސަތު ލިބި، އިދިކޮޅަށް އެ ފުރުސަތު ނުލިބޭކަމުގެ ޝަކުވާތައް އެ ފަރާތުން ހިއްސާކުރުމުން އެކަމުގެ ކަންބޮޮޑުވުމެވެ. އެ ކަންބޮޑުވުންތައް އިލެކްޝަންސް އިން މީގެކުރިން އެޗްޕީއޭއާއިވެސް ހިއްސާކޮށްފައިވެއެވެ. ނަމަވެސް އެޗްޕީއޭއިން ބުނެފައިވަނީ ހުއްދަދޫކުރަނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ފަރާތްތަކަށްކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.