އުރީދޫ ގެ އަހަރީ އާންމު ޖަލްސާ 02 މާރޗް 2020 ވަނަދުވަހު ކުރުނބާ މޯލްޑިވްސް ގައި ބޭއްވުމަށް ހަމަޖަައްސައި އުރީދޫއިން މިއަދު އެކަން އިއުލާނު ކޮށްފިއެވެ.
މިޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ބައެއް ކަންތަކުގެ ތެރޭގައި ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާން ފާސްކުރުމާއި ، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30 ރ ބެހުމަަށް ހުށައަޅާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫ ގެ ފައިދާގެގޮތުގައި މިދިޔަ އަހަރު 588 މިލިއަން ރުފިޔާ ލިބިފައިވާއިރު ، މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެއްކަމަށާއި ، އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 525 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދޔައަހަރުގެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓު ހިއްސާ ދާރުންނަަށް ބަހާފައި ވާއިރު ހިއްސާއަކަށް ވަނީ 3.20ރ ޖެހިފައެވެ.ކުންފުނީގެ އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.
މިއަހަރުގެ ހިއްސާ ބެހުން ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ މެދުގައެވެ.
ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ތަމްސީލް ކުރާ މެމްބަރު ހޮވުމަށް ހަމަޖެހިފައިވާއިރު ، މިބޯޑަށް ވަނީ ހަތަރު މެންބަރަކު ކުރިމަތި ލާފައެވެ. އޭގެތެރޭގައި ހިމެނެނީ އިބްރާހީމް ފިރުޝާން ، އައިޝަތު ހުސެން މަނިކު ، ފަރީހާ ޝަރީފު އަދި އިބްރާހިމް ހުސައިން މަނިކު އެވެ. މިބޭފުޅުންގެ ތެރެއިން ހޮވޭ ޑިރެކްޓަރަކު 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމައަށް އެމަޤާމުގައި ހުންނަވާނެއެވެ. އަހަރީ އާންމު ޖަލްސާގައި ރަޖިސްޓްރީ ވުމަށް ހުޅުވަލެވިފައިވަނީ 26 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށެވެ.
2019 ވަނަައަހަރު ބޭއްވުނު އުރީދޫ އާންމު ޖަލްސާ.