މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ ގަސްދުގައި ސައިކަލެއްގައި ޖެއްސުމުން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ފުލުހުން ބުނެފިއެވެ. އަދި ޖެއްސި ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ ރޭގަ މަރުވެފައެވެ.
ބުރުޒުމަގުގައި ރޭގަ 10:30 ކަންހާއިރު ސައިކަލުން ޖައްސާ ، ކުރި މި އެކްސިޑެންޓުގައި މަރުވެފައިވަނީ ހ.ބްލޫބާޑުގޭ އުމުރުން 26 އަހަރުގެ މުހައްމަދު މިދުހަތުއެވެ. މިދުހަތު މަރުވެފައިވަނީ ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ދަންވަރު 1:45 ހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި ބުރުޒުމަގުން ، އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ، އެމަގުން އިރުން ހުޅަނގަށް ދިޔަ އެހެން ސައިކަލަކުން ގަސްތުގައި ޖަައްސައި އެކްސިޑެންޓު ކޮށްލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރޭގެ 10:28 ހާއިރު ވަނީ ލިބިފައެވެ.
ރޭގެ އެކްސިޑެންޓްވި ސައިކަލްގެ ތެރެއިން އެއްސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އަދި ސައިކަލް ފަހަތުގައި 22 އަހަރުގެ އަންހެނަކު އިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިސައިކަލުގަ ތިބި ފިރިހެން މީހާ އަށާއި އަންހެން މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަންހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިންކަމަށާއި ފިރިހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގަ ފަރުވާ ދިންކަމަށް ވެއެވެ.
ފުލުހުން ބުނިގޮތުގައި ސައިކަލް ދުއްވަން ތިބި ދެމީހުން އަތުގައިވެސް ލައިސަންސެއް ނެތެވެ. އަދި ރޭގެ އެކްސިޑެންޓުގައި މަރުވި މިދުހަތަކީ 2016 ވަނަ އަހަރު ސ.މަރަދޫ ހުދުހިރި ، އަހުމަދު މަފާޒް (މަފާ) މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އެކަކެވެ.