އެހެން މީހެއްގެ އަޑު ނަކަލު ކޮށްލުމަށް ނަގަނީ ހަމަ އެންމެ 3.7 ސިކުންތު ކަމަށް ބުނެފިނަމަ ޤަބޫލު ކުރެވޭތޯ ؟ މިއީ ޤަބޫލު ކުރަން ދަތިކަމެއް ކަމުގައި ވިޔަސް  ޗައިނާގެ ޓެކް ޖަޔަންޓް ބައިޑޫ އިން މިވަނީ ، މިއީ ޒަމާނީ ޓެކްނޮލޮޖީ ކަމުގައިވާ އޭ.އައި ( އާޓިފިޝަލް އިންޓެލިޖަންސް) ގެ އެހީގައި އެއްވެސް ދަތިކަމަކާ ނުލާ ކޮށްލެވޭ ކަމެއްކަން ސާބިތުކޮށްދީފައެވެ.

މީގެ އަހަރެއްކުރިން މިކުންފުނިން ޑީޕް ވޮއިސްގެ ނަމުގައި އުފައްދާފައިވާ އަޑު ނަކަލް ކުރާ ވަސީލަތަކީ މީހެއްގެ އަޑުގެ 30 މިނެޓުގެ އޯޑިއޯ އެއް އޮތްނަމަ އެއަޑު ވަގުތުން ނަަކަލު ކޮށްލަދޭ ވަސީލަތެކެވެ. މި ވަސީލަތުން އަޑުއުފައްދާދިނުމުގައި އަސްލާއެއްގޮތްކަމުން ޓެކްނޮލޮޖީގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ މަގުއިތުރަށް ފަހިވެގެން ދިޔައެވެ.

އަޑު ނަކަލް ކުރުމުގެ އިތުރުން މީހުންގެ ސޫރައާއި އެކު އަޑު ބަދަލުކޮށްލުމުގެ ޤާބިލުކަންހުރި ވަސީލަތްތައްވެސް މިހާރުގެ ޓެކްނޮލޮޖީއިން މިވަނީ ހޯދާފައެވެ. މިކަން ސާބިތު ކުރުމަށް ފަހުގެ ބައެއް އޭ.އައި ވަސީލަތް ބޭނުންކޮށްގެން ޖޯރޑަން ޕީލީ ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސިފަ އަދި އަޑު ނަކަލު ކޮށް ވީޑިއޯ އެއް ތައްޔާރު ކޮށްފައެވެ. މިވީޑިއޯ އަކީ ޕީލީގެ ޕްރޮޑަކްޝަން ކުންފުނިން ކުރީގެ އަދި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ، އެޑޯބް އާފްޓަރ އިފެކްޓްސް އަދި އޭއި.އައި ފޭސް ސްވެޕިންގް ވަސީލަތުގެ ފޭކްއެޕް ގެއެހީގައި ތައްޔާރުކުރި ވީޑިއޯއެކެވެ. 

ބައެއް މައްޝޫރު ބޭފުޅުންގެ ބޭއަދަބީ ވީޑިއޯތައް މިފަދަ ވަސީލަތް ބޭނުން ކޮށްގެން ތައްޔާރުކޮށް ސޯޝަލް މީޑިއާ އަދި ވެބްސައިޓުތަކުގައި ދައުރުކުރުން ވެގެންދިއައީ އޭ.އި ޓެކްނޮލޮޖީގެ ބޭނުން، ނާޖާއިޒް ގޮތުގައި ، މީހުންގެ އަބުރު ކަތިލާ ބަދުނާމުކޮށް ނުވަތަ އެހެންވެސް ބޭނުންތަކުގައި ހިފުމަށް ބޭނުންވެފަތިބި މީހުންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. 

އޭ.އައި އަޑުބަދަލުކުރާ ވަސީލަތަކީ އަސްލާއި ނަކަލު ވަކިކުރަން ނޭނގޭހާ ޤާބިލް ޓެކްނޮލޮޖީއެކެވެ. ގޫގުލްއިން ވަނީ ޓާކޯޓްރޯން 2 ގެ ނަމުގައި ، ޓެކްސްޓް -ޓު-ސްޕީޗް ، ނުވަތަ ލިޔެލާ ބަހެއް އަޑަށް ބަދަލުކޮށްލުމުގެ ޓެކްނޮލޮޖީ ތައްޔާރުކޮށްފައެވެ. މި ޓެކްނޮލޮޖީ ވަނީ ގޫގުލް އެސިސްޓަންޓުގައި ބޭނުންކުރެވިފައެވެ. އެހެންކަމުން ކޮމްޕިއުޓަރުގައި ޓައިޕް ކޮށްލެވޭ ކޮންމެ ބަހެއް ކިޔާލަދިނުމުގެ ގާބިލު ކަން ގޫގުލް އެސިސްޓަންޓްގައި ވެއެވެ. ގޫގުލް އެސިސްޓަންޓް އަށް ގެނެވުނު އިތުރު ތަރައްގީ ތެރޭގައި ބައެއް މައްޝޫރު ސެލެބްރިޓީންގެ އަޑު ނަކަލު ކޮށްލެވުން ހިމެނެއެވެ. އެމެރިކާގައި ގޫގުލް އެސިސްޓަންޓް ހިމެނޭ ބައެއް ވަސީލަތްކަމުގައިވާ ގޫގުލް ހޯމް، ގޫގުލް ހޯމް ހަބް އަދި ސްމާރޓް ފޯނު ތަކުގައި މައްޝޫރު ލަވަކިއުންތެރިއާ ޖޯން ލެޖެންޑް ގެ އަޑުވަނީ ނަކަލުކޮށް ހިމަނާފައެވެ. 

އަޑު ނަކަލު ކުރުމުގެ އެހެން މިސާލަކަށް ބަލާލާނަމެވެ. މައްޝޫރު ލިޔުންތެރިޔާ ޖޯޑަން ޕީޓަރސަން ގެ އަޑު ނަކަލުކޮށްގެން ރެޕްކުރުމަށް މައްޝޫރު ލަވަކިއުންތެރިއާ އެމިނެމް ގެ "ލޫސް ޔޯ ސެލްފް " ޖޯޑަންގެ އަޑުން ވަނީ އުފައްދާފައެވެ. އޭއައި އެލްގޯރިދަމް އުފެއްދިމީހާ ޖޯޑަންގެ އަޑު ނަކަލް ކުރަން ބޭނުންކުރީ ޖޯރޑަން ވާހަކަ ދައްކާ ވީޑިއޯ އެއްގެ 6 ގަޑިއިރުގެ އޯޑިއޯއެކެވެ. އެހެންކަމުން މީހެއްގެ އަޑު ނަކަލު ކޮށް އެމީހާ ގެ އަޑުން ބޭނުން އޯޑިއޯ އެއް ތައްޔާރުކޮށްލުމަށް ބޭނުންވަނީ އެމީހެއްގެ އަޑުގެ ހަމަ ކުޑަކުޑަ މިންވަރެކެވެ. 

ކުރިއަރާފައިވާ މިފަދަ ޓެކްނޮލޮޖީވަނީ ލަޔަރބަރޑް ފަދަ ޗެޓްބޮޓް ، އޯޑިއޯ ފޮތް ، ވީޑިއޯ ގޭމް ފަދަ އެއްޗެހި އުފައްދާ ކުންފުނިތަކަށް ގިނަ ފުރުސަތު ތަކެއް ހުޅުވާލާފަކަމުން އެމީހުންވަނީ މޮޅެތި އުފެންދުންތެރިކަމާއެކު ، ޒިންމާދާރުކަން ބޮޑުކުރަންޖެހޭ ކަމުގައި ބުނެ މީގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމުގެ މުހިއްމުކަން އަންގައިދީފައެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ހަލުވި ދުވެލީގައި ކުރިއަރަމުން މިދާ ޤައުމުތަކުގައި މިފަދަ ޓެކްނޮލޮޖީގެ ބޭނުން މީހުންގެ އަބުރު ކަތިލާ ، ދޮގު ހަބަރާއި މައުލޫމާތު ފެތުރުމުގައި ވެސް ބޭނުން ކުރެއެވެ.މީގެ އިތުރުން ބޮޑެތި ވައްކަންތަކާއި އޮޅުވާލުން ތަކުގައި ވެސް އޭއި ޓެކްނޮލޮޖީ ބޭނުން ކޮށްފައި ހުރެއެވެ. 

އެމެރިކާއިން މިހާރު ދަނީ މިގޮތަށް ނަކަލު ކޮށްފައިހުންނަ އަޯޑިއޯ އަދި ވީޑިއޯ ގެ އަސްލު ދެނެގަނެވޭނެފަދަ ޓޫލްކިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.  ބޭނުމަކީ ނޫސްވެރިންނަށް އެ ޓޫލްކިޓު ބޭނުންކޮށްގެން މިފަދަ ވީޑިއޯ އޯޑިއޯގެ އަސްލުދެނެގަނެވޭނެ މަގު ފަހި ކޮށްދީ ، ޒަމާނީ މިފަދަ ޓެކްނޮލޮޖީގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ އާންމުން ހޭލުންތެރިކުރުވުމެވެ. އެމެރިކާއިން މިހާރު ދަނީ  މައްޝޫރު ޔުނިވަރސިޓީތައްކަމުގައިވާ ސްޓެފަރޑް އަދި ހާރވަރޑް ޔުނިވަރސިޓީއާ ، ލަންޑަންގެ ޔޫސީއެލް އާއިގުޅިގެން ނަކަލު ވީޑިއޯ ދެނެގަނެވެނެ ސޮފްޓްވެއަރ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އެމެރިކާއިން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ ނޭދެވޭ އަމަލުތަކާ މެދު މިވަގުތު އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ރައްޔިތުން މިފަދަ ކަންތައްތަކަށް ހޭލުންތެރި ކުރުވާ ، އަޑު އަދި ސިފަ ނަކަލް ކޮށްގެން ވީޑީއޯ އަދި އޯޑިއޯ ދައުުރު ކުރުވުމަކީ ޓެކްނޮލޮޖީގެ އެހީގައި ކުރެވެން ހުރި ކަންތައްކަން އަންގައިދިނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *