"ލީކްސް"ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ހަދައި، ރޭގައި ލީކުކޮށްލި އޯޑިއޯތަކަކުން އާންމުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ސަމާލުކަންވަނީ މިކަމަށް އަމާޒުވެފައެވެ. ހޮޓާތަކާޢި، ކެފޭ ތަކާއި ކަންމަތި ކަންމަތިންވެސް ރޭއްސުރެ މިވާހަކަ ދަނީ ދެކެވެމުންނެވެ.
މިނިސްޓަރެއް ބޭޒާރުކޮށްލާނެ ކަމުގެ އިންޒާރު އިއްޔެ ހެނދުނު ޓްވިޓާގައި އާންމުވި އެވެ. މި މެސެޖާއެކު ގިނަ ބަޔަކު އެ ޓުވިޓާ އެކައުންޓް ފޮލޯ ކޮށް މިބުނާ އޯޑިއޯއަކަށް އިންތިޒާރު ކުރަން ފެއްޓިއެވެ. އާާންމުންގެ އިންތިޒާރަށް ނިމުން ގެނައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީގެ ދެމެދުގައި ދެކެވުނު ވާހަކަ އެއް ކަމަށް ބެލެވެއެވެ.
ޖުމްހޫރީ ޕާޓީ ތަމްސީލުކުރާ މި ދެބޭފުޅުންނަކީ ސިޔާސީ މައިދާނުން ބޭރުގައިވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ.
އޯޑިއޯގައި އަލީ ވަހީދު ވަނީ މިނިސްޓަރު އަމީންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެމަނިކުފާނަށް އެއްވެސް ކަމެއް ނުވާ ކަމަށް ބުނެފަ އެވެ. އަމީންއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުރީފް ކުރެއްވުމުން އެކަމަށް ވެސް ޖޯކު ޖެހި އެވެ. އެއީ ކްރޯނާ ވައިރަސް އާއި ގުޅިގެން ހެލްތް މިނިސްޓްރީއިން ކުރާ މަސައްކަތަކަށެވެ. އަލީ ވަހީދު ކަމަށް ބުނާ ފަރާތުން ބުނާ ގޮތުގައި ހުރިހާ ކަމެއް ކުރީ އޭނާ އެވެ. އޯޑިއޯ ނިމޭ ހިސާބުން ވަރަށް ހަޑިހުތުރު ބަސްތަކެއްވެސް އަލީ ވަޙީދުގެ ފަރާތުން އިވެއެވެ.
މި އޯޑިއޯގެ އެޕިސޯޑް ދޭއްގެ ގޮތުގައި ލީކްކޮށްފައިވާ އޯޑިއޯގައި މިނިސްޓަރު އަލީ ވަޙީދު ވަނީ އެޑިޔުކޭޝަން މިނިސްޓަރު އާޢިޝާތު އަލީ އަށް ނިސްބަތްކޮށް ފާޑު ވިދާޅުވެފައެވެ. އައިޝަތު އަލީއާ ގުޅޭގޮތުން އާއްމުވި އޯޑިއޯގައި، އަލީ ވަހީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ ދެ އުސޫލަކާ ގުޅޭގޮތުންނެވެ. މި އޯޑިއޯގައިވެސް އަލީ ވަޙީދު ވަނީ ބޭއަދަބީ ބަސްތައް ބޭނުންކޮށްފައެވެ.
އެންމެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ގުޅުއްވައި ދެއްކެވި ވާހަކަތަށް އަޑު އިވޭ ތިންވަނަ އޯޑިއޯއަށެވެ. މި އޯޑިއޯގައި ނަހުލާ ގާތުގައި އަލީ ވަހީދު ވިދާޅުވަނީ، އޭނާ ގުޅުއްވީ "މިސްވެގެން" ކަމަށެވެ. އަދި ނަހުލާގެ ފަރާތުން "އިރު އެރީ ކޮންކޮޅަކުންތޯ" އިވިގެންދެއެވެ.އެ ޖަވާބާ އެކު ވެސް އަލީ ވަހީދު ވާހަކަ ކުރިއަށް ގެންދެވީ ވަރަށް ބޭއަދަބީކޮށެވެ.
ޖުމްހޫރީ ޕާޓި ތަމްސީލުކުރާ ސަރުކާރުގެ އިސްމަޤާމެއްގައި ހުންނެވި ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން ގިނަބަޔަކަށް މިކަން ސިފަކުރެވުނީ "ވަރަށް ލަދު ކުޑަ، ދަށު ދަރަޖައިގެ" އަމަލެއްގެ ގޮތުގަ އެވެ.
އަދި މި ފޯން ކޯލް ނިންމާލާ ހިސާބުން ނިމެނީއެއް ނޫން އިނގޭތޯއެވެ. ފޯނު ބޭއްވުމަށް ފަހު، ނަހުލާއާއި ގުޅޭ ގޮތުން އެއަށްވުރެ ހުތުރު ވާހަކަތަކެއް އެކުގައި ތިބި ރަޙްމަތްތެރިންގެ ގާތު ދައްކަވާ އަޑު މި އޯޑިއޯއިން އިވިގެންދެއެވެ.
އެޕިސޯޑް 4 ގެ ނަމުގައި ދޫކޮށްލި ހަތަރުވަނަ އޯޑިއޯއިން މިނިސްޓަރު އަލީ ވަޙީދުއާއި، އެމަނިކުފާނުގެ ގާތް ރަޙްމަތްތެރިއެއް ކަމަށްވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ. މި އޯޑިއޯއިން އިވިގެންދަނީ ސަރުކާރުގެ ތެރޭގައި ހިނގަމުން އަންނަ ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއްގެ ވާހަކައެވެ.
ފަހު ވަގުތު މި އޯޑިއޯ ތަކަކީ ސައްޚަ އޯޑިއޯތަކެއް ނޫންކަމަށް ބުނި ކަމުގައި ވިޔަސް ދިވެހިންނަށް އަލީ ވަޙީދުގެ މި ޢަމަލު ވަރަށް "ލަދު ކުޑަ" ޢަމަލަކަށް ވެގެން ގޮސްފިއެވެ.
މިއޯޑިއޯތަކާއި ގުޅުވައިގެން މިއަދުވެސް، ކުރީގެ އޯޑިއޯތައް ލީކްކޮށްލި ޓްވިޓާ އެކައުންޓުން ވަނީ އާވީޑިއޯއަކަށް އިންތިޒާރުކުރުމަށް އާންމުންނަށް ދަޢުވަތު އަރުވާފައެވެ.
މިރޭ ލީކުވެގެންދިޔަ އޯޑިއޯގައި މިނިސްޓަރު އަލީ ވަޙީދު ވަނީ ޓްރާންޕޯރޓް މިނިސްޓަރު ނަހުލާއަށް ވަރަށް ބޮޑެތި ތުޙުމަތުތަކެއް ކުރައްވައި، ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް އަލީ ވަޙީދު ބުނާ އަޑު އިވެއެވެ.
އެ ވާހަކަތަކަށް ކައިރީގައި ތިބި މީހުން ހީނ، ފުރައްސާރަ ކުރާ އަޑު ވެސް އިވެއެވެ. މީގެ އިތުރުން ދީނުގައި ހުއްދަ ނޫން ބައެއް ކަންކަން ކުރުމަށް ރިސޯޓަކަށް ދާންޖެހޭ ކަމަށް ބުނާ އަޑުވެސް އެވެއެވެ.
ކޮންމެ ގޮތެއްވިޔަސް އަލީ ވަޙީދުގެ މި ޢަމަލުގެ ސަބަބުން ގިނަ ބައެއްގެ ނަޒަރުގައި، އެބޭފުޅާއަކީ ވަރަށް ދަށު ދަރަޖައިގެ ބޭފުޅަކަށް ވެގެން ގޮސް ސޯޝަލް މީޑިޔާގައި އެއްބަޔަކު އެމަނިކުފާނުގެ އިސްތިއުފާއަށްވެސް ދަނީ ގޮވަމުންނެވެ.