ދުނިޔޭގަ މިހާތަނަށް ފެނިފައިވާ ފިޔާތޮށިކުލައިގެ ހަމައެކަނި މަންޓާރޭ ހަމަލޮލަށް ފެނުން އެއީ ހަމަގައިމުވެސް ހަނދާނުން ފިލުވާލަން ދަތި ވަގުތު ކޮޅަކަށް ވާނެއެވެ.
"އިިންސްޕެކްޓަރ ކްލޫސޯ " ގެ ނަން ދެވިފައިވާ މި މަންޓާރޭ އަކީ ދުނިޔޭގަ މިހާތަނަށް ފެނިފައިވާ ހަމައެކަނި މިޒާތުގެ މަޑިއެވެ. ކަނޑު އަޑީގެ މަންޒަރުތަކުގެ ފޮޓޯނަގާ ފިންލޭންޑުގެ ފޮޓޯގްރަޕަރ ކްރިސްޓިއަން ލެއިނީ އަށް ވަނީ ފިޔާތޮށި ކުލައިގެ މިރީތި މަޑި ކައިރިން ބަލާލުމުގެ ނަސީބު ލިބިފައެވެ. އަދި އޭނާގެ ކެމެރާއިން މިހިތްގައިމު މަންޒަރު މިވަނީ އާންމުންނަށް ފެންނާނެ މަގު ފަހި ކޮށްދީފައެވެ.
އެ ޖާދުވީ ވަގުތުކޮޅު ސިފަކޮށްދެމުން ލެއިނީ ބުނީ މިއީ ވަރަށް ނުލިބޭނެ ފުރުސަތެއްކަމަށާއި 2015 ވަނަ އަހަރު މިމަޑި އޮސްޓްރޭލިއާގެ ލޭޑީ އެލިއަޓް އައިލެންޑް ކައިރިން ފެނުނު ފަހުން ދެން ފެނިފައިވަނީ ގާތްގަނޑަކަށް 10 ވަރަކަށް ފަހަރު ކަމަށެވެ.
"އަހަރެން ހުރީ ހަމަ އާޝޯޚް ވެފަ ، އޭގެ ލޮލާ އެއްހަމައަކުން ބަލާލާއިރު ހީވަނީ އަހަންނަށް ބަލަހަށްޓާއިގެން ހިނިތުންވެފަ އޮންނަހެން " ލައިނީ ކިޔައިދިނެވެ.
އެމަޑީއަކީ ވަރަށް ބޮޑު މަޑިއެއްކަމަށާ ، އަތްޖައްސާލެވޭހާ ކައިރިވެވުނު ނަމަވެސް މަޑީގައި އަތްނުލަން ކަމުގައި އޭނާ ވަނީ ބުނެފައެވެ. އެމަޑި ގާތްގަނޑަކަށް ވިއްސަކަށް ތިރީހަކަށް މިނެޓް އެހެން މަޑިތަކާ އެކު ވަށައިގެން އެނބުރެމުން ދިޔަކަމުގައި ލައިނީ ވަނީ ބުނެފައެވެ.
ފަރުތަކުގައި ދިރިއުޅޭ މަންޓާ ރޭ އާންމުކޮށް ހުންނަނީ ތިން ކުލައެއްގައެވެ. އެއީ ކަޅު ، ހުދު ނުވަތަ ކަޅާހުދުގެ އެއްވެފައިވާ ކުލައެއްގައެވެ. މިގޮތުން އެންމެ ގިނަ ވައްތަރަކީ ކަޅާއި ހުދުކުލަ އެއްވެފައިވާ މަޑިއެވެ. ގާތްގަނޑަކަށް 7 މީޓަރުގެ ފުޅާމިން އަދި ބަރުމިނުގަ ލަފާ ކުރެވޭގޮތުގަ 2 ޓަނު ހުންނާނެކަމަށް ބެލެވޭ ކްލޫސޯ މިހާ ތަފާތު ފިޔާތޮށި ކުލައެއްގައި އޮންނަނީ "ޖެނެޓިކް މިއުޓޭޝާން" ގެ ސަބަބުން ހަންގަނޑުގެ ކުލައަށް ގެނުވާ ބަދަލެއްގެ ސަބަބުން ކަމުގައި ނެޝަނަލް ޖޯގްރަފިކް ގެ ރިސަރޗަރ އޭޝިއާ ހައިންސް ވަނީ ބުނެފައެވެ.