މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް--

ދިވެހިރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، ބައެއް ދީނީ އިލްމުވެރިން ގޯސް ފަތުވާތައް ނެރެމުންދާ މައްސަލަ ބަލަންޖެހޭ ކަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ނަސީމް ވިދާޅުވީ، މާލޭގައި މިހާރު ކޮވިޑްގެ ސްޕްރެޑް އޮތީ ކިހާ މިންވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ބައެއް ދީނީ އިލްމުވެރިން އެއްވެސް ޒިންމާދާރުކަމެއް ނެތި ގޯސް ފަތުވާތައް ނެރެމުންދާކަމަށް ނަސީމް ވިދާޅުވިއެވެ.

އެއްތަނަކުން އިލްމުވެރިޔަކު ފަތުވާ ދެއްވަފާނެމިހާރު ދެން ގައިދުރުކޮށްގެން އުޅޭކަށް ނުޖެހެއޭ. މާސްކް ނޭޅިޔަސް އެންމެ ރަނގަޅޭ.

ނަސީމް ވިދާޅުވީ، ސިއްހީ ފަންނުވެރިން ބުނާ ބަސްތަކާއި ދީނީ ބައެއް އިލްމުވެރިން ބުނާ ބަސްތަކާއި ދިމާ ނުވާކަމަށެވެ. މިހިސާބަށް މި މައްސަލަ ގޮސްގެން ނުވާނެ ކަމަށާއި، މިކަމުގައި އެންމެ ފުރަތަމަ އަޑުއަހަން ޖެހޭނީ ސިއްހީ މާހިރުންގެ ބަސް ކަމަށް ނަސީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު ދިމާވެގެން މިއުޅެނީ ބައްޔެއްގެ މައްސަލަ ކަމަށާއި، ދީނީ މައްސަލައެއް ނޫންކަމަށް ނަސީމް ވިދާޅުވިއެވެ. ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން އެއްވެސް ޒިންމާދާރުކަމެއް ނެތި މުޅި ރާއްޖޭގައި ވަރަށް ނުރައްކާތެރި ވާހަކަތައް ފަތުރަމުންދާ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެގޮތުން، މިސްކިތައް ދާ ހުރިހާ ފަރާތްތަކުންވެސް މާސްކް އެޅުމަށް މިނިސްޓްރީ އިން އެދެމުންދިޔަ ނަމަވެސް ބައެއް މިސްކިތް ތަކުގައި އެގޮތަށް އަމަލު ނުކުރެވޭކަން ނަސީމް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ނޫރު މިސްކިތް ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ، މިސްކިތައް އަރާ ބައެއް ފަރާތްތަކުން މާސްކް ނަގާލައި، މާސްކް އަޅަން ނުޖެހޭކަމަށް ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ.

މިކަމާއި ހިތްހަމަޖެހިވަޑައިނުގެން ނަސީމް ވިދާޅުވީ، ދީނީ އިލްމުވެރިން ގޯސް ފަތުވާތައް ނެރެ މިފަދަ ގޮތަކަށް އަމަލު ކުރުމަށް ބާރުއަޅާ މައްސަލަ މަޖިލީހުން ބަލަންޖެހޭނަކަމަށެވެ. އަދި މިކަމާއި މެދު ފިޔަވަޅު އަޅަން ޖެހޭނަކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް މި މޭރުމުން މަޖިލީހުގައި ވާހަކަދައްކަވާފައިވާއިރު، ދާދި ފަހުންވެސް ވަނީ ދީނީ އިލްމުވެރިންގެ ތެރޭގައި ޖަމާއަތުގައި ނަމާދު ކުރުމުގައި ގައި ދުރުކަން ގާއިމް ކުރުމާއި ގުޅޭ ގޮތުން ހިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން، ޖަމާއަތުގައި ނަމާދު ކުރުމުގައި ގައި ދުރުކަން ގާއިމް ކުރުމަށް ގޮވާލައި ރައީސް މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ދީނީ އިލްމުވެރިންގެ މެދުގައި މިކަމާއި މެދު ހިޔާލު ތަފާތުވުން އުފެދިފައިވާއިރު، ދުނިޔޭގެ މުސްލިމް ގިނަ މުޖުތަމައު ތަކުގައި އަންނަނީ ގައި ދުރުކަމާއެކު ޖަމާއަތުގައި ނަމާދު ކުރަމުންނެވެ. އެގޮތުން މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތް ކަމަށްވާ މަސްޖިދުލް ހަރަމް އަދި މަސްޖިދުލް ނަބަވީގައި ވެސް ކޮވިޑް ފެތުރެން ފެށިފަހުން ނަމާދުކުރަމުން އަންނަނީ ގައިދުރުކަން ބަހައްޓައިގެންނެވެ. އެހެންނަމަވެސް، ގައި ދުރުކަމާއެކު ނަމާދުކުރުމުން ނަމާދު ބާތިލް ވާނެކަމަށް ބުނެ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ފަތުވާ ނެރެފައެވެ.

ރާއްޖޭގައި މިވަގުތު ފެތުރެމުން މިދަނީ ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ރާޅެވެ. މިވަގުތު ރަނގަޅު ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަން ނަސީމް ވަނީ ތަކުރާރުކޮށް މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ. އަދި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް އެޗް.ޕީ.އޭ އަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.

0
2
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ސިއްހީ ޣިލްމްވެރީން ގޯސް ފަތުވާއެއް ނުނެރޭނެ

ކޮމެންޓް

Your email address will not be published. Required fields are marked *