ރާއްޖޭގައި އަޅާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިނގް ކޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މިއަދު ހަވީރު ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ބައެއް އިސްބޭފުޅުން ވަނީ ރަޙްމަތްތެރި ކަމުގެ މުބާރާތެއް ކުޅެފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ހިމެނިވަޑައިގަންނަވާ ޓީމަކާއި ޤައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަޙްމަދު، އަދި އަޙްމަދު ޢަލީ ހިމެނޭ ޓީމާއެކު ފުރަތަމަ މެޗް ކުޅުއްވާފައިވެއެވެ.
05 ޕޮއިންޓަށް ކުޅުނު މި މުބާރާތުން 2-3 އިން މޮޅުވެފައިވަނީ ޤައުމީ ބީޗް ވޮލީ ޓީމުގެ ދެ ކުޅުންތެރިންނެވެ.
މިމެޗަށްފަހު ދެން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އަޙްމަދު މަޙްލޫފު ބައިވެރިވެ ވަޑައިގަންނަވާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ.
މި މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.
ޔޫތުމިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ކޯޓަކީ އިންޓަރނޭޝަނަލް މިންގަނޑުތަކަށް ފެތޭގޮތަށް ހަދާފައިވާ ކޯޓެކެވެ.