ވައިގެ މަގުން ބަންގްލަދޭޝް އިން ރާއްޖެ އައި އެގައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފައި ވާކަމަށް ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފިއެވެ.
2020 ފެބްރުއަރީ 9 ވަނަދުވަހުގެ ރެ ރާއްޖެ އައި އުމުރުން 26 އަަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު ، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިމީހާގެ ލަގެޖްގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށް ބަޔާނުގައި ވެއެވެ. މިތަކެތީގެ މަގުމަތީ އަގު 193،200.00 ރުފިޔާއަށް އަރާނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މިމައްސަލާގައި ޝާމިލްވާ މިހާ އަދި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލު ކުރެވިފައިކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ ބުނެފައެވެ.