" ދަ ވައިލްޑް ލައިފް ފޮޓޯގްރަޕަރ އޮފް ދަ އިޔަރ " މުބާރާތަކީ ދުނިޔޭގަ މިހާތަނަށް އެންމެ ދުވަސް ވީ މުބާރާތެވެ. 55 އަހަރުވެފައިވާ މި މުބާރާތަކީ ޖަނަވާރުގެ ފޮޓޯ ނަގާ ފޮޓޯނެގުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
ލަންޑަނުގެ ނެޗުރަލް ހިސްޓަރީ އާ ބެހޭ ދާރުލް އާސާރުގައި ދައްކާލެވޭ މި ފޮޓޯތަކުގައި ހިމެނެނީ ޖަނަވާރާއި ގުދުރަތީ މަންޒަރުތަކުގެ ފޮޓޯތަކުން ހޮވާލެވޭ އެންމެ މަގުބޫލް އަދި އެންމެރީތި ފޮޓޯތަކެވެ.
މިމުބާރާތުގެ ފޮޓޯތަކަށް އިންސާފު ކޮށްދެއްވަން ޖަޖުންގެ ޕެނަލެއް އެކުލަވާލާފައި ވާއިރު ، ލުމިކްސް ޕީޕަލްސް ޗޮއިސް އެވޯރޑް ލިބޭ ފޮޓޯ އެއް ހޮވަނީ އާންމުންގެ ވޯޓުންނެވެ. 48،000 ފޮޓޯގެ ތެރެއިން 25 ފޮޓޯ ޝޯޓްލިސްޓް ކުރުމަށްފަހު އެއްވަނަ އަށް ދާ ފޮޓޯ އާއި އެކު ފައިނަލް އަށް ދާ އިތުރު 4 ފޮޓޯ ނެޗުރަލް ހިސްޓަރީ މިއުޒިއަމް ގައި މޭމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ޑިސްޕްލޭ ކޮށްފައި ބަހަށް ޓާނެއެވެ.
މިމުބާރާތުން މިފަހަރު އެއްވަނަ ހޯދީ އިނގިރޭސިވިލާތުގެ ފޮޓޯނެގުންތެރިއެއް ކަމުގައިވާ ސޭމް ރައުލީއެވެ.
އޭނާ ނަގާފައިވާ ފޮޓޯ އިން ފެނިގެންދަނީ ލަންޑަނުގެ ޓިއުބް ސްޓޭޝަނެއްގައި ކުޑަކުޑަ ދެ މީދާ ކުޑަ ކާއެތިކޮޅެއްގެ ސަބަބުން އެކަތިއަނެކައްޗާއި ތަޅާފޮޅާ މަންޒަރެވެ. ސޭމް ބުނެފައި ވާގޮތުގައި މިފޮޓޯ ނަގައިފާ މިވަނީ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ތިރީގައި މިވަނީ މި މުބާރާތުގައި މަގުބޫލުކަން ހޯދި އަނެއް 4 ފޮޓޯ އެވެ.
ފޮޓޯނެގުންތެރިޔާ އާރަން ގެކޯސްކީ ނަގާފައިވާ މި ފޮޓޯ އިން ފެނިގެންދަނީ ބޮކްސިން ތެޅުމަށް މުބާރާތަކަށް އަރުވަން ތައްޔާރުކޮށްފައިވާ ރާމާ މަކުނެއް އެކަމާ ނުރުހިފަ އިންނަ މަންޒަރެވެ. ބެންކޮކުގެ ސަފާރީ ވޯރލްޑް ފަދަ ޕާކުތަކާއި އެހެނިހެން އެތައް ތަނެއްގައި ރާމާމަކުނު ލައްވާ ބޮކްސިން ތެޅުމާއި ނެށުވުމާއި އެހެނިހެން ހަރަކާތް ކުރުވުން ވަނީ، 2004 ވަނަ އަހަރު ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ސަބަބުން ވަގުތީގޮތުން ހުއްޓާލުމަށްފަހު އަނެއްކާ ފަށާފައެވެ.
"މެޗިންގ އައުޓްފިޓްސް" ގެނަމުން ނަަން ދީފައި ވާ މިފޮޓޯ އަކީ މި މުބާރާތުގައި ދެވަނަ އަށް ހިމަނާލެވުނު ފޮޓޯ އެވެ. ބްރެޒިލްގެ ޕަންޓާނާލް ގައި ނަގާފައިވާ މި ފޮޓޯ އަކީ ޓްރެސް އިރާމޯސް ކޯރުކައިރީގައި ޖެގުއަރ ގެ ފޮޓޯ ނަގަން ފޮޓޯ ނެގުންތެރިއާ މިޝެލް ޒޮގްޒޯގީ މަސައްކަތް ކުރަނިކޮސް ފެނުނު މަންޒަރެކެވެ. މިފޮޓޯ ގައި ފެންނަނީ ޖަގުއަރ އެއް އޭތީގެ ދަރިފުޅާއި އެކު ، ޖަގުއަރގެ ގައިގެ ހަންގަޑާ އެއްވައްތަރުގެ ޑިޒައިނެއް ހުރި ހަރުފައެއް ތުނބުލައިގެން ގެންދާ މަންޒަރެވެ.
ތިންވަނަ އަށް ހިމެނިފައިމިވަނީ ފޮޓޯނެގުންތެރިއާ ފްރެންސިސް ޑީ އެންޑްރެސް ނޯވޭޖިއަން އާސިފެލަޖޯ ވަލްބާރޑް ގައި ނަގާފައިވާ ފޮޓޯ އެކެވެ. މިތަނުގައި ފޮޓޯ ނެގުމަކީ ފަސޭހަކަމަކަަށްނުވާނެއެވެ. މިފޮޓޯގައި ފެންނަނީ ވައިޓް އާރކްޓިކް ރެއިންޑިއަރ ގެނަމުން ނަންދެވިފައިވާ ފިނިތަންތާގައި އުޅޭ ހުދު ފުއްލާ ތަކެކެވެ. ހުދުކުލައިގެ ސްނޯމަޓީގައި އެސޮރުމެން ހައިރާންކަމާއެކު ފޮޓޯ ނަގާމީހާ އަށް ބަލަން ތިބި އިރު ބިންމަތީގަވާ ސްނޯ ތަކާ ފުއްލާ ތަކާ އެއްކުލަކަމުން ރަނގަޅަަށް ފުއްލާތަށް ފޮޓޯ އިން ނުވެސް ފެންނަ ފަދައެވެ.
ހަތަރުވަނަ ފޮޓޯ އިން ފެނިގެން މިދަނީ ކެންޔާގެ ލީފާ ވައިލްޑް ލައިފް ކޮންޒަރވަންސީ ކިއާ ޖަނަވާރު ހިމާޔަށް ކުރާ ތަނެއް ބަލަހަށްޓާ އެލިއަސް މުގަމްބީ ކިޓުއީ ނަމަކަށް ކިއާ ޔަތީމު ރައިނޯ އަކާ އެކު އިން މަންޒަރެވެ. މިރައިނޯ އަކީ އެލިއަސް އެޑޮޕްޓު ކޮށްގެން ދަރިއެއްހެން ބަލަހައްޓަމުން އަންނަ ރައިނޯ އެކެވެ.