އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ ލުއިފަސޭހަ ތަކަކީ، އެހެން އެއްވެސް ދީނެއްގައި ނެތްފަދަ ލުއިފަސޭހަތަކަކަށް ވުމުން، އަޅުގަނޑުމެން ކުރުމަށް ދީނުގައި އަންގަވާފައިވާ ކަންތައްތައް އެންމެ ފުރިހަމަ ގޮތަށް ނުކުރެވޭކަމީ، ނިޢުމަތްތަކަށް ޝުކުރުވެރި ނުވެވޭ ކަމުގެ ހެއްކެކެވެ.

ރަމަޟާން މަހަކީ އެމަހެއްގައި މުސްލިމުންގެ މައްޗަށް ރޯދަ ފަރުޟު ކުރެއްވި މަހެވެ. އަދި ބައެއް ޙާލަތްތަކުގައި ރޯދަ ނުހިފޭ މީހުންނަށް، މި ރޯދަތައް އަހަރުގެ އެހެން ދުވަސްތަކުގައި ހިފުމުގެ ލުއިފަސޭހަ ގޮތްވެސް އިސްލާމްދީނުގައި އޮންނަކަމީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަން ހާމަވެގެންދާކަމުގެ ފުރިހަމަ ހެއްކެކެވެ.

ނަމަވެސް ރަމަޟާން މަހާއި ބައްދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ފާއިތުވި އަހަރު ނުހިފި ހުރި ރޯދަތައް ހިފާ ނިންމާލެވިފައިވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟

އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ހުރިހާ އެންމެންނަކީ ފުރިހަމަ ސިއްޙަތެއްލިބިފައިވާ، އެންމެ ފުރިހަމަ މީހުންނެއްނޫނެވެ. އެހެންކަމުން އިސްލާމްދީނުގައި، އިންސާނުންނަށް ކެރި ކުޅަދާނާވީ މިންވަރަކުން މެނުވީ އަޅުކަންތައް ކުރުމަށް އަނގަވާފައެއް ނުވެއެވެ.

ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވާފައިވާ މި ބަސްފުޅެވެ. ( وَمَنْ كَانَ مَرِيْضاً أَو عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ) [البقرة: 185] މާނައީ “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުއްޓެވެ.”

މިގޮތުން ރަމަޟާން މަހު ނުހިފޭ ރޯދަތައް ހިފުމަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް އިސްލާމްދީނުގައިވެއެވެ. މާބަނޑު ދުވަސްވަރުން ފެށިގެން ގޮސް ގާތުން ކިރުދޭ މައިންނާއި، ބައްޔެއްގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތް މީހުންނަށާއި، ޙައިޟުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރު ނުހިފި ހުންނަ ރޯދަތަކަކީ އަޅުގަނޑުމެންނަށް ވަރަށް ލުއި ގޮތްތަކެއް އެކަމަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަންތަކެކެވެ.

މަތީގައި ބަޔާންކުރެވުނު ކަންތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން ދޫކޮށްލާ ރޯދަތަކަކީ އަހަރުގެ ބާކީ އޮންނަ 11 މަސްދުވަހުން ހިފާ ނިންމާލެވޭނޭ ރޯދަތަކެކެވެ. އަދި ރޯދަ ނުހިފޭފަދަ ބަލި ޙާލަތެއް ހުރި މީހެއްނަމަ ރޯދަ ހިފުމުގެ ބަދަލުގައި ކައްފާރާ ދިނުމުންވެސް ފުދިގެންދެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވިއެވެ. ” إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ ” (رواه البخاري ومسلم) މާނައީ: ” ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ފިޔަވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ. 

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ މި ޙަދީޘްއިން ރޯދައިގެ މަތިވެރިކަން ވަރަށް ފުރިހަމައަށް ހާމަވެގެންދެއެވެ. ރޯދަވެރިންނަށް ޚާއްސަވެގެންވާ ދޮރުކޮޅެއް ސުވަރުގޭގައި ވުމުން، ރޯދައިން ލިބޭ ޘަވާބާއި ދަރުމައިގެ ގިނަކަން ހާމަވެގެންދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *