ޗައިނާގެ ޓުއަރިސްޓަކު ކޮރޯނާ ވައިރަސް ޖެހިގެން މިއަދު ފްރާންސް ގައި މަރުވެއްޖެއެވެ.
މަރުވެފައިވަނީ ހުބޭ ޕްރޮވިންސަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ ޗައިނާ ފިރިހެނެއްކަމަށް ފްރާންސްގެ ހެލްތު މިނިސްޓަރ އެގްނެސް ބުޒީން ވަނީ ވިދާޅުވެފައެވެ. މިއީ އޭޝިއާ އިން ބޭރުގައި މިވައިރަސްގެ ސަބަބުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
މަރުވިމީހާ ފްރާންސަށް އެތެރެވެފައިވަނީ 16 ޖެނުއަރީ 2020 ވަނަ ދުވަހުގައެވެ. އަދި 25 ޖެނުއަރީ 2020 ގައި މިމީހާ ވަނީ ޕެރިސްގެ ހޮސްޕިޓަލެއްގައި ކޮރަންޓީން ކޮށްފައެވެ.
ޗައިނާގެ އިތުރުން މިވައިރަސްގައި މީހަކު މަރުވެގެން މީގެ ކުރިން ރިޕޯރޓް ކޮށްފައިވަނީ ހޮންކޮންގ ފިލިޕީންސް އަދި ޖަޕާނުންނެވެ.
ފްރާންސްގައި މަރުވިމީހާގެ ދަރިފުޅަށް ވެސް ވައިރަސް ޖެހިފައި ވީކަމުގައި ވީނަމަވެސް މިހާރު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ފްރާންސް އިން ކުރިން އާންމު ކުރި މައުލޫމާތުގައި ވާގޮތުން 11 މީހަކަށް މިބަލި ޖެހިފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. އޭގެތެރެއިން 6 މީހުން ތިބީ އަދިވެސް ހޮސްޕިޓަލުގައެވެ.