ކެމްޕެއިން ދުވަސްވަރު އެންމެ ފޯރިީގައި ދެކެވެމުންއައި އެއް ވާހަކައަކީ ރައްޔިތުންނަށް ކުޑަ އަގެއްގައި އިންޓަރނެޓްގެ ޚިދުމަތް ދެވިގެންދާނެ ވާހަކައެވެ. ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅުވެސް ވަރަށް ފޯރީގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ޒީނަތްތެރި ކުރަމުން ދިޔަ އިރު، ރައްޔިތުން ތިބީ މި ބަދަލެއް އަންނާނެ ދުވަހަކަށް ކެތްމަދުވެ ރަނގަޅަށްވެސް ދެއްކި ދަޅައިގައި ޖެހިފައެވެ.
އިންޓަރނެޓަކީ އެންމެ އަސާސީ އެެއްބޭނުމަށް ވެފައި، މީގެ އަގު މިހާ މަތިވުމުން އާންމު ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާކަމީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ޤަބޫލުކުރާނޭ ޙަޤީގަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް މިންވަރަކަށް އިންޓަރނެޓުގެ ބޭނުން ކުރާ މީހުންނެވެ.
މިކަމާއި ގުޅިގެން އެންމެ ފުރަތަމަ ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އޭރު ވިދާޅުވީ އިންޓަރނެޓްގެ އަގު ދަށްކުރުމަށް މަޝްވަރާތަކެއް ކުރެވެމުން ދާކަމަށެވެ. ނަމަވެސް ސަރުކާރުގެ މި ވަޢުދާއި ގުޅިގެން މިއަދާއި ހަމައަށްވެސް އެއްވެސް ޢަމަލީ މަސައްކަތެއް ފެށިފައި ނެތެވެ. އަދި އަގުތައް ދަނީ ހިފެހެއްޓުމެއް ނެތި ދުވަހަކަށް ވުރެ ދުވަހެއް މައްޗަށް ޖެހެމުންނެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އިންޓަނެޓް އަގުބޮޑު ޤައުމެއްގެ ގޮތުގައި ފާހަގަވެއެވެ. އަވަށްޓެރި އިންޑިޔާގައި 1 ޖީބީގެ ޑޭޓާ 4.00 ރުފިޔާއަށް ލިބޭއިރު، ސްރީލަންކާގައި 1.28 ޖީބީ ޑޭޓާ ލިބެނީ 8.40 ރުފިޔާއަށެވެ. ނަމަވެސް މިއަދަދަށް ވުރެ އިންތިހާއަށް ބޮޑު އަދަދެއް ރާއްޖޭގައި 1 ޖީބީ ޑޭޓާއަށް ދައްކަންޖެހެއެވެ. މިގޮތުން ރާއްޖޭގައި އޮޕަރޭޓް ކުރާ ދެކުންފުނީގެ ތެރެއިން ދިރާގުން 1 ޖީބީގެ ޑޭޓާ 85.00 ރުފިޔާއަށް ލިބޭއިރު އުރީދޫ އިން ހަމަ މި އަދަދުގެ ޑޭޓާ ޕެކޭޖެއް ލިބެނީ 125.00 އަށެވެ.
ދާދިފަހުން މިކަމަށް އަލިއަޅުވައި މަޖިލީހުގެ ތަޅުމުގައި ،ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ދެމެހެއްޓުމުގެ ބިލަށް ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ދާއިރާއަށް ދިރާގާއި، އުރީދޫ ނޫން އިތުރު ކުންފުންޏެއް ގެންނަން ވެއްޖެކަމަށެވެ.
ކުރިއަރަމުން އަންނަ އެތައް ޤައުމަކާއި ދާދި އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ރާއްޖެ މިސްރާބު ޖަހާފައިވާއިރު، ޤައުމުގެ ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް ލިބުމަށް އޮތް އެންމެ ހެޔޮ އަގަކީ މިއީތޯ؟ ހެޔޮބަދަލެކަށް ކެތްމަދުވެފައި ތިބި އެތައް ރައްޔިތުންނަށް މިފަހަރު ސަރުކާރުން ދޭނެ ޖަވާބަކީ ކޮބައިތޯ؟ ރިޔާސީ ވަޢުދުތަކުގެ ތެރެއިން މިވަޢުދު ވެސް ބިލާހަކަށް ވެގެންދިޔައީ ތޯ؟ މި ސުވާލުތަކަކީ ކޮންމެ ބޭފުޅަކުވެސް އޭގެ ޖަވާބަކަށް އިންތިޒާރުކުރާ ސުވާލު ތަކެއް ކަމާއިމެދު ކުޑަވެސް ޝައްކެތް ނެތް ސުވާލުތަކެކެވެ.