ޓެކްނޮލޮޖީއާއި ޒަމާނަށް އައި ބަދަލުތަކާއި އެކު ދިރިއުޅުމުގެ ހުރިހާކަމެއް މިވަނީ ފަސޭހަވެފައެވެ. މީގެ ތެރެއިން މައިންނަށް ލިބުނު އެންމެ ބޮޑެތި ފަސޭހަ ތަކުގެ ތެރޭގައި، އިސްކުރުން ސާފު ފެން ލިބޭގޮތަށް ކޮޓަރިއާއި ގުޅިފައިވާ ފާޚާނާ، ނެޕީ، ކުދިން ލައިގެން ހެއްލަން ހެދިފައިވާ ކުދި އެނދު، އެކުދިން ކުޅެން ހެދިފައިވާ ތަފާތު އާލާތްތައް، ކުދިން ނިދާއިރު އެކުދިންނާއި ވަކިން އެހެން ކޮޓަރިއެއްގައި މަސައްކަތްކުރަން ހުންނައިރުވެސް ކުއްޖާގެ ހަރަކާތްބެލޭނެ މޮނިޓަރސް، ކުދިން ކުޅެން އަދި ހިނގާއުޅެން ހެދިފައިވާ ކޮށި ފަދަ ތަކެތި ހިމެނެއެވެ. މިހުރިހާ ކަމަކާއި އެކުވެސް އެންމެ ކުއްޖަކު ގެންގުޅުން އަޅުގަނޑުމެނަށް އޮންނަނީ ބޮޑުކަމަކަށްވެފައެވެ. އެހެންވިއްޔާ މަތީގައި ބުނެވިދިޔަ އެއްވެސް ފަސޭހަކަމެއް ނެތް ޒަމާނެއްގައި 69 ކުދިން ގެންގުޅުން ވާނީ ކިހާބޮޑު ގޮންޖެހުމަކަށް ހެއްޔެވެ؟ ހުރިހާ ބޭފުޅުން ވިސްނާލާށެވެ.

މިއަދުގެ މި ލިޔުމުގައި ބަލައިލާނީ، މިހާތަނަށް ރެކޯޑްކުރެވިފައިވާ ގޮތުން، އެންމެ ގިނަ ދަރިން ވިހާފައިވާ މަންމައަށެވެ. ދަރިމައިވުމުގެ ސިއްޙަތު ދަށް އަދި ދަރިމައިވުމަށް އެހީތެރިވެދޭނެ އެއްވެސް ވަޞީލަތެއްނެތް ދުވަސްވަރެއްގައި 27 ފަހަރުމަތިން 69 ކުދިން ވިހެއުން މިއީ އާދައިގެ ކަމެއްނޫނެވެ. ރަޝިޔާގެ ފީޑޯރ ވަސިލިޔަވްގެ ފުރަތަމަ އަނބިމީހާ، މިސިޒް. ވަސިލިޔަވް ވަނީ 40 އަހަރުގެ ތެރޭގައި 69 ކުދިން ވިހާފައެވެ. އެއީ 1725 އިން 1765 އާއި ދެމެދު އެވެ. މިސިޒް. ވަސިލިޔަވް ވަނީ، 16 ފަހަރު އެއްމާބަނޑު ދެކުދިން، 7 ފަހަރު އެއްމަބަނޑު 3 ކުދިން އަދި 4 ފަހަރު އެއްމާބަނޑު 4 ކުދިން ވިހާފައެވެ. މީގެ ތެރެއިން ޅަފަތުގައި މަރުވި ކަމަށް ރެކޯޑްކުރެވިފައިވަނީ 2 ކުދިންނެވެ.

މިހުރިހާ ކުދިންގެ ރެކޯޑްވެސް ހުރުމާއިއެކު، ގީނިސްބުކް އޮފް ވޯރލްޑް ރެކޯޑްގައި މިސިޒް. ވަސިލިޔަވް ހިމެނިފައިވެއެވެ. ފީޑޯރ ވަސިލިޔަވްގެ ފުރަތަމަ އަނބިމީހާ އާއި އެއްވަރު ނުވިޔަސް ދެވަނަ އަނބިމީހާވެސް، މިހާރުގެ މައިންނަށް ގޮންޖަހާލެވޭވަރުވެއެވެ. ދެވަނަ އަނބިމީހާ 6 ފަހަރު އެއްމާބަނޑު ދެކުދިން އަދި 2 ފަހަރު އެއްމާބަނޑު 3 ކުދިން، އެކު ޖުމްލަ 18 ކުދިން ވިހާފައިވެއެވެ. އެހެންކަމުން ފީޑޯރ ވަސިލިޔަވްއަށް 35 ފަހަރު މަތިން 87 ކުދިން ލިބުނެވެ. މީގެތެރިން ޅަފަތުގައި މަރުވިކަމަށް ރެކޯޑު ކުރެވުނު 3 ކުދިން އުނިކުރުމަށްފަހުވެސް، އޭނާގެ 84 ކުދިން ތިއްބެވެ. އެހާ ކުރީ ޒަމާނެއްގައި މިހުރިހާ ކުދިން ބެލެހެއްޓުންވާނީ ވަރަށްވެސް ބުރަ ކަމަކަށެވެ.

މިސިޒް. ވަސިލިޔަވްގެ ނަން، ރެކޯޑްފޮތަށް އެރުމާއި އެކު، މިއީ ސިއްޙީގޮތުން އެކަށިގެންވާކަމެއްތޯ ގިނަބަޔަކު ބެލިއެވެ. ސިއްޙީގޮތުން މިއީ ނާދިރުކަމެއް ނޫނެވެ. އަންހެނެއްގެ އުމުރުން 15 އަހަރުން ފެށިގެން 51 އަހަރާއި ހަމައަށް ކޮންމެ 28 ދުވަހަކުން، ސިއްޙަތު ރަގަޅު، ދަރިމައިވާ ބިހެއް އުފެދޭނެއެވެ. އަދި ބައެއް މީހުނަށް މިއަށްވުރެ އަވަހަށް ދަރިމައިވުން ފެށި، 75 އަހަރާއި ހަމައަށްވެސް އިއްދައިން ނުކެނޑި ހުރެއެވެ. އެހެންކަމުން މިކަމަށް ޝައްކު އުފައްދާނޭ އެއްވެސް ޖާގައެއްނެތެވެ.

ނަމަވެސް، މިހާ ގިނަފަހަރު އެއްކުއްޖަކަށްވުރެ ގިނަ ކުދިންވިހާފައިވަނީ، މިސިޒް. ވަސިލިޔަވްގެ ހުރި ސިއްޙީ މައްސަލައަކުން ކަމަށްވުން އެކަށީގެންވެއެވެ. މިއީ 18 ވަނަޤަރުނުގައި އުޅުނު އަންހެނެއްކަމުން، މިހާ ގިނަދަރިން ވިހެއުމުގެ ސީދާ ސަބަބު ވަނީ ކަށަވަރު ނުވެފައެވެ. އަދުގެ ތާރީޚުގައި އެއްކުއްޖަކަށްވުރެ ގިނަ ކުދިން އާންމުކޮށް ލިބެނީ، ދަރިން ލިބުމުގައި ދަތިކަމެއް ހުރެގެން ފަރުވާ ހޯދާފައިވާ މަންމައިންނަށެވެ. އައި.ވީ.އެފް ފަދަ ފަރުވާއެއް ހޯދައިފިނަމަ އެއްމާބަނޑު ކުދިން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ވެއެވެ.

އޭރުގެ ގިނަ މައުލޫމާތު ނެތަސް 40 އަހަރުގެ ތެރޭގައި މިހާ ގިނަކުދިން ވިހާފައިވުމުން ހެދިދާނެއެހެން ހިސާބުތައް އެބަހުއްޓެވެ. މި މުއްދަތުގައި އެކިފަހަރުމަތިން 18 އަހަރު ވަންދެން މިސިޒް. ވަސިލިޔަވް އިނީ މާބަނޑުވެކަމަށް ބެލިދާނެއެވެ. ﷲގެ ކުޅަދުންވަންތަކަން ވިސްނާލާށެވެ. އެއްމާބަނޑުކުދިންނަކީ އާންމުކޮށް ދުވަސްނުފުރާ ވިހާ ކުދިން ކަމަށްވިޔަސް، އެއްމާބަނޑު 2 ކުދިން 16 ފަހަރު ވިހެއުމަށް 37 ހަފްތާ، އެއްމާބަނޑު 3 ކުދިން 7 ފަހަރު ވިހެއުމަށް 32 ހަފްތާ އަދި އެއްމާބަނޑު 4 ކުދިން 4 ފަހަރު ވިހެއުމަށް 30 ހަފްތާވުމުން އެއީ 18 ވަރަކަށް އަހަރެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ފަހަރު ނޫން ކޮންމެ ފަހަރަކު ބަލިވެއިނުމުގެ ވޭނުގެ އިތުރުން ދަރިން ބެލުމުގެ ބުރަވެސް އޮންނާނެތާއެވެ. ދަރިންނަކީވެސް އެންމެ ކުއްޖެއް ދެ ކުއްޖެއް ނޫނެވެ. ދިރިއުޅުމުގެ ދަތިތައް ހުންނަގޮތުން ކެއްކުމާއި، އަންނައުނު ދޮވެ ގޭތެރެ ސާފުކޮށް ހެދުމަކީވެސް، މިހާރު މިކުރާހާ ފަސޭހައިން އޭރު ކުރެވެން ހުންނަ ކަންތަކެއްނޫނެވެ. އެއްތަނެއްގައި ހުއްޓިހުރެގެން ބަދިގޭގެ ހުރިހާ ކަމެއް މިހާރު ނިންމާލެވުނަސް އެ ޒަމާނުގައި މިކަންވާނީ ވަރަށް ބޮޑު ތަކުލީފަކަށެވެ.

މިހާރުގެ މަންމައިންގެ ތެރެއިން އަޅުގަނޑުވެސް ޝާމިލުވާގޮތަށް، މިވަރުގެ ކަމަކާއި ކުރިމަތިލާންކެރޭ މަންމައިން ވަރަށް މަދުވާނެއެވެ. އެންމެ ކުއްޖެއް ގެންގުޅެމުން، ގޭތެރޭގެ އެހެންކަމެއް ކުރަންވެއްޖަނަމަ ކުއްޖާއިންނަނީ ޓީ.ވީ ކުރިމަތީގައި ނުވަތަ އަތަށް ސްމާޓް ފޯނެއް ދީފައެވެ. ޑިސްޕޯސަބަލް ނެޕީ ޖަހާފައި ބެހެއްޓުމުން، އިރު އިރުކޮޅުން ތާހިރު ކުރާކަށް ނުޖެހެއެވެ. ކާންދޭން ބައިތިއްބަން ޚާއްސަގޮނޑި ހުރެއެވެ. ތަން ހަޑިނުވާނޭގޮތަށް ކާންދެވޭނެގޮތަށް ފަރުމާކޮށްފައިވާ، ތަށި ސަމުސާ އަދި ފުޅި ހުރެއެވެ. ފެންވަރުވަން ޚާއްސަ ބިލިގާހުރެއެވެ. ނިދަން އޮއްވާ ނުވެއްޓޭނެހެން ހެދިފައިވާ އެނދު ހުރެއެވެ. މި ހުރިހާ ކަމެއް އަޅާކިޔާލުމުން ކުރީގެ މައިންނަށް ކުރެވޭ އިޙްތިރާމް އެތައްގުނަ އަކަށް އިތުރުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *