ރިޕޯޓް

ވޭމަންޑޫ ރައްޔިތުން: ރުކުގެ ފަންތަކެއް ފަދައިން ބަދަހި

ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު އަރުޝަދު

ފަހަރުގައި އާންމު ދިވެހި ރައްޔިތަކަށް، މި މަހުގެ 24 ވަނަ ދުވަހުގެ ވިލޭރޭއާ، 25 ވަނަ ދުވަހުގެ ވިލޭރޭއާ ދޭތެރޭ މާ ބޮޑު ފަރަގެއް ފާހަގަ ނުކުރެވިދާނެއެވެ. އެހެނަސް، ތ. ވޭމަންޑޫ ރައްޔިތުންނަށް މި ދެ ރޭގެ ތަފާތު ފާހަގަކުރާކަށް ދައްޗެއް ނުވާނެއެވެ. ވޭމަންޑޫ ރައްޔިތުންނަށް 24 ވަނަ ދުވަހުގެ އިރު އެރީ ރަށްފުށުގެ ހިމޭން މާހައުލުގައެވެ. އިރު އަރައި، އޮއްސިގެން އައިރު، ރޭގަނޑުގެ ވަގުތު ހޭދަކުރަން ޖެހުނީ ހަމައެކަނި ހަނދުވަރުގެ އަލިކަމުގައެވެ. ރަށު ތެރެއަށް ހިމޭންކަން ވެރިވެފައި އޮތަސް، މިހާރަކު އެއީކީ ގުދުރަތީ ހިމޭންކަމެއް ނޫނެވެ. ވެރިވެފައި އެވަނީ އަސާސީ ހައްގަކުން ނިގުޅައިގަނެވުމުން ކޮންމެ މީހަކަށްވެސް ވެރިވާނެ މާޔޫސްކަމާއި މޮޅި ކަމުގެ އަސަރެވެ.

ތ.ވޭމަންޑޫ އިންޖީނުގޭގައި ރޯވެގެން އުޅޭކަމުގެ އަޑު ރަށު ތެރޭގައި އެންމެ ފުރަތަމަ ފެށުނީ މެންދުރު 2:30 ހާއިރުއެވެ. ރަށުން މައުލޫމާތު ދިން ފަރާތަކުން ކިޔައިދިން ގޮތުގައި، ރަތްދަކައަވީގައި މީހުން އޭރު ހޭލަމޭލައަށް އުޅެއެވެ. ދުން އަރަމުންދާކަމަށާއި، އިންޖީނުގޭގައި ރޯވެއްޖެ ކަމުގެ އަޑުތައް މުޅި ރަށުތެރޭގައި އޭރު ގަދަވެފައި އޮތެވެ.

އިންޖީނުގޭގައި އަލިފާން ރޯވިއިރު އެތަނަށް އެންމެ ފުރަތަމަ ދިޔަ އެއް ފަރާތަކީ އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ފަޠުހީއެވެ. އޭނާ ބުނީ، އަލިފާން ރޯވާން މެދުވެރިވި ސަބަބަކީ އިންޖީނުގެ ބެޓަރިއެއްގައި ރޯވެ، އެ އަލިފާންގަނޑު ޑީސެލް ޓޭންކެއްގައި ހިފައިގެން ކަމަށެވެ. ފުރަތަމަ އެ ސަރަހައްދަށް ދެވުނު އިރު އަދި އެހާ ގިނަ ރައްޔިތުންނަށް އެ ސަރަހައްދަކަށް އެއް ވެފައެއް ނެތެވެ. ތިބި ރައްޔިތުން ބެލީ އިންޖީނުގޭގެ އެތެރޭގައި ހުރި އަޑީ ތެޔޮ ފީފާ ފަދަ އަލިފާން ހިފާނެ ހުރިހާ ސާމާނެއް ބޭރުކުރުމަށެވެ. އަލިފާންގަނޑު ފެތުރުނަ ނުދިނުމަށްޓަކައެވެ.

އެއާއެކު ދެން ފެށިގެންދިޔައީ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތެވެ. މި މަސައްކަތް ފަށަންވާއިރަށް އެ ސަރަހައްދަށް ރަށުގެ ރައްޔިތުން ގިނަ އަދަދަކަށް އެއް ވެއްޖެއެވެ. ކުދި ބޮޑު އެންމެނެވެ. އަންހެނުންނާއި ފިރިހެނުންނެވެ.

ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތައް -- ފޮޓޯ: މުހައްމަދު އަރުޝަދު

ފުރަތަމަ މަސައްކަތްކުރީ އަލިފާން ނިއްވާލުމަށް ބޭނުންކުރާ ސިލިންޑަރުތައް ބޭނުންކުރުމަށެވެ. ފަޠުހީ ބުނީ، 12 ސިލިންޑަރު އިންޖީނުގެއިން ނެރެވުނު ކަމަށެވެ. އޭގެ ތެރެއިން ބޮޑު ދެ ސިލިންޑަރުގެ ތެރެއިން އެއް ސިލިންޑަރުގެ ވާގަނޑު އޮތީ ހޫނުގެ ސަބަބުން ވިރިފައެވެ. ސިލިންޑަރުތައް ބޭނުންކުރެވުނު ނަމަވެސް، އެކަށީގެންވާ ފަދަ ނަތީޖާއެއް ނުލިބެއެވެ.

މިއާއެކު ދެން ފެނިގެން ދިޔައީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެކެވެ. ސިޔާސީ ފިކުރާއި ދެބަސްވުން ރަށު ތެރޭގައި ދޭތެރެއިން އޮތް ނަމަވެސް، އެ ވަގުތު ފެނިގެންދިޔައީ ދިވެހި ރުކެއްގެ ފަންތަކެއް ފަދައިން އެއް އަސްލަކަށް ސާބިތުވެ އޮތް މުޖުތަމައެކެވެ. ބަދަހި ސަފުތަކެކެވެ.

އިންޖީނުގެ ހުރީ ރަށުގެ އެ ފަރާތުން މޫދާއި ވަރަށް ކައިރީގައެވެ. އެހެންކަމުން، ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ޑީސެލް ޕަމްޕް ބޭނުންކޮށްގެން މޫދުން ފެން ގުޅައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތް ފެށުމަށް ގާތްގަނޑަކަށް 45 މިނިޓު ހޭދަވި ކަމަށް އެ ސަރަހައްދުގައި ހުރި ރައްޔިތަކު ކިޔައިދިނެވެ. އެކަށީގެންވާ ސާމާނު ރަށުގައި ނެތީއެވެ.

މަސައްކަތް ފެށުމުގައި އައި ލަސްކަމުގެ ތެރޭގައިވެސް ރައްޔިތުން އަތް އުރާލައިގެން ތިބީއެއް ނޫނެވެ. އަންހެންވެރިން ރަށުގެ ބަރޯތައް އެއްކޮށް މޫދުން ފެން އުފުލުމުގެ މަސައްކަތް ފެށިއެވެ. ބައެއް މީހުން ފެން އުފުލީ ތެލިތަކުގައެވެ. ފެން ޕަމްޕުން ފެން ޖަހަން ފަށަންވާއިރަށް އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. ވެލި ޖަހައި ބޭރުގެ ހުރި ޓޭންކަކަށް އަލިފާން ފެތުރުންވެސް ކޮންޓްރޯލް ކޮށްފިއެވެ. އެ ހާސްކަމުގެ ތެރޭގައި ތަންދޮރު ދަންނަ މީހުން ބަސްކިޔައި، ލީޑު ނެގިއެވެ. ބާކީ ތިބި ރައްޔިތުން އަތުލަފި ކޮށްދިނީއެވެ.

ދެ ގަޑިއިރެއްހާ މަސައްކަތަށްފަހު އަލިފާންގަނޑު ނިއްވާލެވުނެވެ. އޭރު ތިން އިންޖީނުވެސް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ. ރަށުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ. ރައްޔިތުން އެންމެ އަސާސީ އެއް ހައްގުން މަހުރޫމް ވެއްޖެއެވެ.

ރަށުން ވާހަކަދެއްކި ރައްޔިތަކު ބުނީ، މިއީ ވިސްނާލުން ރަނގަޅު ހާދިސާއެއް ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވުނު މައިގަނޑު ސަބަބަކީ ރަށުގައި އެކަށީގެންވާ ސިސްޓަމެއް ގާއިމް ކުރެވިފައިނެތުމެވެ. މި ޒަމާނުގައި ރައްޔިތުން ގާޑިޔާގައި ފެން އުފުލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އިންޖީނުގޭގައި އަލިފާން ކޮންޓްރޯލް ކުރަން ހުރި ސިލިންޑަރުތައް ހުރީ އެންމެ އެކަށީގެންވާ ފަދަ ތަނެއްގައެއް ނޫނެވެ. މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު ރައްޔިތުން ގާޑިޔާގައި ފެން އުފުލި ޒަމާނެއް ހަނދާނަކު ނެތެވެ. ފެން ޕަމްޕުން އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާކަށް 45 މިނިޓެއްވެސް ނުނަގައެވެ.

ރަށަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ރައްޔިތުންގެ ހާލު ބަލަައި، މި ކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ. މައްސަލަ ހައްލު ކުރުމަށް ދޭ ސަމާލުކަން އިތުރަށް ހާމަވެގެންދިޔައީ، ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތ. ވޭމަންޑޫއަށް ވަޑައިގެންނެވުމާއެކުއެވެ.

ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތައް ފެނަކައިގެ އެމްޑީ ސައީދު ބައްލަވާލައްވަނީ -- ފޮޓޯ: ޖަޒީރާ

ކައުންސިލްގެ ނައިބު ރައީސް ފަޠުހީ ބުނީ، އެމް.ޑީ ސައީދު ހުރީ އަދިވެސް ތ. ވޭމަންޑޫގައި ކަމަށެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ބެކަޕް ޖެނަރޭޓަރު ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި، ސައީދު ދަނީ މަސައްކަތް ގާތުން ބައްލަވަމުންކަމަށް ފަޠުހީ ވިދާޅުވިއެވެ.

އެހެނަސް، 24 ވަނަ ދުވަހުގެ ރޭ ވޭމަންޑޫ ރައްޔިތުން ހޭދަކުރަންޖެހުނީ ކަނު އަނދިރީގައެވެ. ފަޠުހީ ބުނީ، "ހަނދުވަރުގެ އަލިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަލިކަމެއް އެބައޮތް، އެކަމަކު ހަގީގަތުގައި ރައްޔިތުން ތިބީ މަގުމަތި ވެފައި" ކަމަށެވެ. އެހެނަސް، ފަޠުހީ މިރޭ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިއަދު ފެނިގެން އެދިޔައީ އެ ރަށު ރައްޔިތުންގެ އެއް ބައިވަންތަކަމުގެ ނަމޫނާއެކެވެ.

2
0
1
6
2

ކޮމެންޓް

Your email address will not be published. Required fields are marked *

0 %