ދުވަހުގެ އިރު، ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. ރީތިރީތި ރެއަކަށް ދަޢުވަތުދެމުންނެވެ. ދާއިޝްއާއި ކައިޒީން ތިބީ ހިތްގައިމު ދޮންވެލި ތުނޑީގައެވެ. އެކިއެކި ވާހަކަތަކުގައެވެ. "އުޑުމަތިން ރަތްވިލާ މަދުވެލާފާ، އުޑުއެކަށް ތަރިތަކުން ދިއްލިލާފާ" ވާއިރު ހީވަނީ، އެ ދެމީހުންނަށް ޚާއްސަވެފައިވާ ރެއެއްހެންނެވެ. މި ހިތްގައިމު ވަގުތުގައި، ކައިޒީންގެ ހިތުގައިހުރި ބަނަކަމުގެ ވިލާތައް ކެހިގެންގޮސް، އުންމީދުގެ ތަރިތައް ވިދާ ބަބުޅަން ފަށައިފިއެވެ. ވަގުތު ހިނގަމުންދެއެވެ. ހަމަ އެހެންމެ ކައިޒީންގެ ހިތުގެތެޅުން ވެސް ވަނީ އަވަސްވެފައެވެ. އާދޭހެވެ! ދާއިޝްގެ ލޯބިލޯބި ޖަވާބުތަކުންނެވެ. އެ ދެ އާޝިޤުން އެ ކިޔާ އެއްޗަކީތޯއެވެ!
ކައިޒީން: "ލަވް!" ކައިދެކެ ލޯބިވާވަރު ބަޔާންކޮށްދީބާ؟
ދާއިޝް: ( އިރުކޮޅަކު ބަސްހުއްޓި ހުރެފައި) ދާއިޝްއަށް ބަޔާންކުރަން ވެސް ދަތި. އެކަނިވާ ވަގުތުގައި ވެސް، ދާއިޝްގެ މި ކުޑަކުޑަ ހިތް ބުނާކަހަލަ.. "ތިއޭ މިހިތުގެ ވިންދަކީ.." ބޭބީ މި ދުނިޔޭގައި ނެތްނަމަ، ދާއިޝް ވެސް ނުހުންނާނަމޭ.. އެހެންވެ މި ބުނަނީ ބަޔާންކުރަން ޢާޖިޒުވެގެންވަމޭ.. ދުލަކުން ގަލަމަކުން ބަޔާންކުރާނެ ގޮތެއް ވެސް ނޭނގެއޭ... އެހެންނަމަވެސް ލަވައެއް ކިޔައިދެންތަ!
ކައިޒީން: "ޔެސް".. މިހާރު ވެސް މި ހުންނަނީ ކެތްތެރިކަން ކޮޅުންލައިފައި.. ލަވްގެ ޖާދުވީ ފިރިހެންވަންތަ އަޑުން، ލަވައެއްގެ އަޑު އަހައިލާހިތުން..
ދާއިޝް: ( އަތުގައި އޮތް ގިޓާއިން މޫސީޤީ ރާގެއް ކުޅެމުން ލަވަ ފަށަނީ...) "ޙައްޤަކަށް ތީ މަގޭވުން ނިކަން ބޭނުމޭ،
ލޯބިވެރިއެއް ތި ނޫނީ މަށެއް ނޭދެމޭ،
ހިތްހެޔޮކަމާ ލޯތްބާ އުފާ ބޭނުންވެފާވަމޭ،
ލޯތްބަށްޓަކާ އަހަރެން ހުވާ މަރުވެސް ވެދާނަމޭ،
ދިރިއުޅެން އުނދަގޫވާނޭ ކަލާޔާނުލާ،
ބޭނުމީ ދާއިމީ ލޯތްބޭ ދިނުން ހަމަ ކަލާ،
ބޭނުމީ ގާތުގާ ލޯބިންއުޅޭށޭ ކަލާ،
ހިތްއުފާވާނެހޭ ދެން ކަލާޔާނުލާ.."
ކައިޒީން: ( އުފަލުން ރޮވިފައިހުރެ) ދާއިޝް..! "ލަވް"..! ދެން އޯކޭއޭ. ކައި ވަރަށް ވަރަށް އުފާވެއްޖެ. ކޮންއިރަކުތަ ކައިއާ "މެރީ" ކުރާނީ. ކައި ބޭނުމީ ވީހާ ވެސް އަވަހަށް "ލަވް" ގެ ޙައްޤަކަށްވާން. ދެން ހިނގާބަ އަވަހަށް "މެރީ" ކުރަން. މިހާރު ވެސް ވަރަށް މަޑުކުރެވިއްޖެއެއްނު "ލަވް".
ދާއިޝް: ދެން "ބޭބީ" ދޯ..! ކައިވެނިކުރާނެ "ޑޭޓް" މިހާރު ކަނޑައަޅައިފިން. 22.02.2022 މިއީ ކިހާސަޅި ޑޭޓެއް.
ކައިޒީން: އަދި ހާދަ ދުވަހެއް އެބައޮތޭ "ލަވް." ކުރީގައި "ލަވް" ބުނީ 02.02.2020 ގައި "މެރީ" ކުރާނަމޭ. މިހާރު އެ ދުވަސް ވެސް، އެ ދިޔައީ. ކައިގެ ހިތަށް މިހާރު ކުޅަދާނަވާވަރެއްނޫން. "ލަވް" ނުފެނި ހިނދުކޮޅެއްވިޔަސް، ކައިގެ ހިތެއް އޮބިއެއްނޯވޭ.
ދާއިޝް: "ބޭބީ" ތިޔަ ދައްކަނީ ހަމަ ދާއިޝްގެ ހިތުގަހުރި ވާހަކަތައް. ދެމީހުންގެ ހިތް ކިޔަނީ ހަމަ އެއްލަވައެއްދޯ..!
ކައިޒީން: ވަރަށް ބޮޑު ވާހަކައެއް ވެސް ބުނަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއްވެއްޖެ. "ލަވް!" ކައި މިއިނީ ދާއިޝްގެ ދަރިއަކަށް ބަލިވެ..!
ދާއިޝް: (ހާސްވެފައި ހުރެ) ބަލިވެއިނީއޭ! ކައިޒީންގެ ބަނޑުގައި ތިޔަ އޮތީ ދާއިޝްގެ ދަރިއެއްކަން ޔަޤީންތަ! އަވަހަށް ދަރިވައްޓައިލާ!
ކައިޒީން: "ލަވް" އަށް ޔަޤީންނުވަނީތަ! ކައިގެ ބަނޑުގައި މި އޮތީ "ލަވް" ގެ ދަރިއެއްކަން.. ނޫން! ނޫން! ކައި ބޭނުމެއްނޫން އިތުރު ފާފައެއްކުރާކަށް. ދަރި ވައްޓައިލާކަށް ބޭނުމެއްނޫން!
ދާއިޝް: (ރުޅިއައިސްފައިހުރެ) ހެޔޮ! ދާއިޝްއަށް އޯކޭ ދަރި ވައްޓައިނުލިޔަސް! ދާއިޝްއަށް ކޮންކަމެއް. ފަޟީހަތްވާނީ ހަމަ ތިމާ. އެހެންނޫނަސް ބަނޑުގައި
ތިޔަ އޮތީ އަހަރެންގެ ދަރިއެއްނޫން.
އާދޭހެވެ! ދުނިޔޭގެ އާދައަކީތޯއެވެ! މިއަދުގެ މުޖުތަމަޢުގެ ހާލަތަކީތޯއެވެ! ބައެއް އިންސާނުންގެ ހާލަކީތޯއެވެ! މިއަދުގެ މުޖުތަމަޢުގައި، ކައިވެނިކުރުމުގެ ނަމުގައި ލޯބީގެގޮތުން ގުޅިގެން ވަރަށްގިނަ ބަޔަކު އެބައުޅެއެވެ. ލޯބިވެޔޭ ކިޔައިގެން، ކަނބަލުންގެ ކިބައިން އުފާތައް ކުރަމުންދާ މީހުންނެވެ.
ޝައްކަކަށް ޖާގައެއްނެތެވެ. އޭގެތެރެއިން އެއްބަޔަކު އުޅެނީ، ކަނބަލުންގެ ކިބައިން ލައްޒަތު ލިބިގަތުމަށެވެ. ކަނބަލުންގެ އަބުރާއި ޢިއްޒަތު ހަރާބުކުރުމަށެވެ. ދެންތިބި މީހުންނަކީ، ފައިސާއާއި މާލުގެ ދަހިވެތިކަމުގައި، ފުރުޞަތަކަށް ބަލަބަލައި ތިބޭ މީހުންނެވެ.
އެ މީހުންގެ ސިފަތަކޭތޯއެވެ! އެމީހުން ކަންކަންކުރާނީ، އެދުމެއްނެތި ވެދުމެއްނުކުރާ ފަދައިންނެވެ. ކަމެއް ބޭނުންވުމުން އާސްމާނަށް އަރުވައިދީފައި، ބޭނުން ފުދުމުން ދެނީ، ފެންކައްކާބޮލީގެ ޢިއްޒަތެވެ. އަތުގައި ހައްބަމުކައްބަނެތަސް، ފައިސާއެއްނެތަސް، ބައިސާކެނޑުން ނޫންކަމެއް ނުކުރާނެއެވެ.
މި ހަސްތީތެރޭގައި، ތިޔަފަދަ ރަސްރަންޏެއް ނުވާކަމަށާއި، ފުރަތަމަ ނަޒަރުން ވެސް، ބަސްހުއްޓުނުކަމާއި، ގަސްދަކާއިނުލައި ތިޔަލޯބީގައި މަސްތުވެއްޖެކަމާއި، "ފަސްނުޖެހި ރަންކިޔާ" ށޭ ބުނާނެއެވެ. ހަމަ އެހެންމެ "ލަޝްކަރެއްހައި މުތީ ދޭނަމޭ" ވެސް ބުނާނެއެވެ. އަދި ކީއްތޯއެވެ! މިފަދަ މިފަދަ ކިތަންމެ ކަމެއްމެއެވެ.
އަސްތާ! ޒަވާޖުގެ މަތިވެރި ގުޅުމުން، ގުޅެންބޭނުންވާނަމަ ހާސަރުދެމުމުގެ ބޭނުމެއް ކޮބައިތޯއެވެ؟ ބަހަނާދެއްކުމުގެ މަޢުނައެއް އެބައޮތްތޯއެވެ؟ ޢުޒުރުދެއްކުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އެހާ ލޯބިވާނަމަ، އަވަހަށް ކައިވެނިކުރުމާމެދު ދެކޮޅު ހަދަންވީ ކީއްވެތޯއެވެ؟
ކަނބަލުންނޭވެ! ޙަޤީޤަތުގައި ތިބާއަށް ހެޔޮއެދޭ މީހެއްނަމަ، ވީހާވެސް އަވަހަށް ކައިވެނިކުރާނެއެވެ. ތިބާއަށް ރަޙުމުކުރާނަމަ، ތިބާގެ ހިތް ޒަޚަމުވިޔަކަ ނުދޭނެއެވެ. ތިބާދެކެ އިންތިހާއަށް ލޯބިވާނަމަ، އިންތިޒާރުކުރާކަށް ނުޖައްސާނެއެވެ. އެވެނިމިވެނި ތާރީޚެއްގައޭ ބުނެ، ކައިވެނި ފަސްކުރާކަށް ނޫޅޭނެއެވެ.
އާހް! ބައެއް ކަނބަލުން އަދިވެސް ޅައީއެވެ. އާޝިޤުދެކެ މާބޮޑަށް ލޯބިވާތީ، ޖަހާހައި ބެރަކަށް ނެށެނީއެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެއޭ ބުނަނީ އެހެންވެގެންތާއެވެ.
ދަންނައެ! ދުނިޔެ އެނބުރެމުން ސެނބުރެމުން އެހެރަދަނީ ތަފާތު ކުލަތައް ދައްކަމުންނެވެ. ޙަޔާތް ވޭތުވެގެން މިދަނީ، ތަފާތު މީހުންނާއި ދިމާވަމުންނެވެ. އިންސާނުން، މިދަނީ ތަފާތު ރަހަތައް ލިބިގަންނަމުންނެވެ. ކަން މިހެން ހުރުމާއެކު، ބައެއް ކަންކަން އެއްފަރާތް ކުރަންޖެހެއެވެ. ބައެއް މީހުންނާއި އެއްކިބާވާންޖެހެއެވެ. ބައެއް ރަހަތަކަކީ ކިތަންމެ ފޮނިރަހަތަކެއް ނަމަވެސް، އެ ރަހަތަކަށް ނޫނެކޭ ބުނަންޖެހެއެވެ.
ހަމަކަށަވަރެވެ. ދިރިއުޅުމުގައި، ކުރާ ކޮންމެކަމަކީ ފުރާފުރިހަމަވާނެ ކަމެއްނޫނެވެ. ދުރާއިގާތުން ހަމަލާތައް އަންނަމުންދާނެކަން ދެނެގަންނާށެވެ. ތުރާތަށްއައިސް، ވަށައިލާނެކަން ހަނދާންކުރާށެވެ. ކަންކަން ފިރާލައި، ލޮލުން ކަރުނަ ނީރާލާނެ ދަނޑިވަޅުތައް އަންނާނެކަން ވިސްނާށެވެ. ޙަޔާތުގެ ނަޔާ އައްސޭރިފަށް ގިރާލައި، ހިތާމައިގެ ގުންޑޮޅިމަތީގައި ހުންނަންޖެހިދާނެކަމަށް ސަމާލުވާށެވެ. އަދި ކީއްތޯއެވެ! ހެއްދެވި ފަރާތެއްވާކަން ދެނެހުރެ، ސިކުނޑީގެ ތަރާދުން ޢަމަލުތައް ކިރައިލާށެވެ. މަރާއި ކުރިމަތިވުމުގެކުރިން، ޞިރާތުމަގުގައި ގަރާރުވެހުންނާށެވެ. އަޅުގަނޑު އިސްވެ ބަޔާންކުރި ޑައިލޮގުގައިވާފަދައިން، ޙަޔާތް އިންދިރާސް ވެސް ވެދާނެކަން ދަންނާށެވެ.
އާދޭހެވެ. ސަޅި ޑޭޓެއްގެ އިންތިޒާރުގައި ހުރެގެން، ހިތް ފަޅިފަޅި ވެދާނެއެވެ. މަޅިއެއްގައި ބެދި ފަޅިސިކުންތެއްގެތެރޭގައި ވަޅުގަނޑަކަށް ވެއްޓިދާނެއެވެ.