ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، މާތް ﷲއަށް ކިޔަމަންގަތުމުގެ ގޮތުން ކުރެވޭ، އެންމެ އިތުރުކަންބޮޑު އެއް ޢަމަލެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ރަޙިމުގެ ގުޅުން ޤާއިމުކޮށް އަދި އެ ގުޅުން ދަމަހައްޓާ ބަޔަކަށްވުމަށެވެ. އެގޮތުން ކުރެވިދާނެ އެންމެ ރަނގަޅު އެއްކަމަކީ، ކޮންމެ ހަފްތާއެއްގެވެސް ވަކިދުވަހެއްގައި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް އެބައިމީހުންނާ ވާހަކަދައްކާލުމެވެ. އޭގެ ސަބަބަން ހިތްތައް ސާފުވެއެވެ.
ﷲ ތަޢާލާގެ ފަޟްލުވަންތަކަމާއި ދީލަތިވަންތަކަމުން އެއިލާހުވަނީ، ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ވަޤުތުގައި ބަރަކާތްލެއްވޭ އަދި ރިޒްޤު ތަނަވަސްކޮށްދޭ ކަމެއްކަމުގައި ލައްވާފައެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ.
" مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [متفق عليه"
މާނައީ: “ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ.”
އައްނިސާ ސޫރަތުގައިވާ މިއާޔަތުން، މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތުމުގެ ވާހަކަ އައިސްފައިވަނީ، މާތް ﷲއަށް އަޅުކަން ކުރުމަށް އެންގެވުމަށް ފަހުގައެވެ. އެހެންކަމުން ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދެއެވެ.
﴿ وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالاً فَخُوراً ﴾ (سورة النساء ٣٦)
މާނައީ: "ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، މުދާހުސްވެ ޙާލުގައިޖެހިފައިވާ ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." (سورة النساء ٣٦)
1. ރަޙިމުގެ ގުޅުން ދެކެހެއްޓުމުގެ ފައިދާ:
1- ރިޒުޤު ތަނަވަސްވުމާއި އަޖަލު ފަސްވުމާއި އަދި އުމުރު ދިގުވާނެ ކަމަށް އައިސްފައި އޮތުން
2- ހެޔޮޢަމަލުތައްކުރުމަށް ތައުފީޤުލިބުން
3- ފާފަތަކުން ރައްކާތެރިކޮށްދެއްވުން
4- މަރުވުމަށްފަހުވެސް ރިވެތި ޘަނާ ދެމިގެންދިޔުން އަދި އެފަދަ މީހަކު ދިރިހުރި ފަދައެވެ.
5- ދުނިޔެއާއި އާޚިރަތުގައިވެސް މާތް ﷲ އެފަރާތަކާއި ގުޅުން ގާއިމް ކުރައްވާނެކަން އަންގަވާފަވުން
6- ދުނިޔެ އާރާސްތުކުރުމުގެ ފުރުޞަތު ދެއްވާނެކަން އަންގަވާފައި ވުން
7- ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޮތްބާއި ރުހިވޮޑިގަތުން ލިބުން
8- މީސްތަކުންގެ ލޮތްބާއި ރުހިވޮޑިގަތުން ލިބުން
2. ރަޙިމުގެ ގުޅުން ކެޑުމުގެ ގެއްލުން:
1- . ރަޙިމުގެ ގުޅުން ކަނޑާ މީހާގެ އެއްވެސް ޢަމަލެއް މާތް ﷲ ގެ ޙަޟްރަތަށް ނުއުފުއްލަވާކަމާއި ޤަބޫލު ނުކުރައްވާނެކަން އަންގަވާފައިވުން
2- އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާތީ އެހީމެވެ. "ހަމަކަށަވަރުން އާދަމުގެ ދަރިންގެ ޢަމަލުތައް ކޮންމެ ހުކުރުވިލޭރެއަކު މާތް ﷲ ގެ ޙަޟްރަތަށް އުފުއްލަވައެވެ. އެހެންނަމަވެސް ރަޙިމްގެ ގުޅުން ކަނޑާ މީހެއްގެ އެއްވެސް ޢަމަލެއް މާތް ﷲ ގަބޫލެއް ނުކުރައްވާނެއެވެ".
3- ރަޙިމްގެ ގުޅުން ކަނޑާ ބަޔެއްގެ ތެރެއަށް ރަޙްމަތުގެ މަލާއިކަތުން ފައިބާ ވަޑައި ނުގަންނަވާނެކަން އަންގަވާފައިވުން
4- އާޚިރަތުގައި ޢަޛާބުދެއްވުމުގެ ކުރިން ދުނިޔެމަތީގައިވެސް އެފަދަ މީހުންނަށް ޢަޛާބު ދެއްވާނެކަން އަންގަވާފައިވުން
5- އެންމެ ފުރަތަމަ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ރަޙިމުގެ ގުޅުން ކަނޑާ މީހުން ނުހިމެނޭނެ ކަމަށް އަންގަވާފައިވުން
6- ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ބަނގުރާ ބުއިމަށް ދެވިހިފާފައިވާމީހާއާއި، ސިޙުރު ތެދުކުރާމީހައާއި، ރަޙިމުގެ ގުޅުން ކަނޑާމީހާ، ސުވަރުގެ ނުވަންނަ ހުއްޓެވެ".
7- ރަޙިމުގެ ގުޅުން ކަނޑާ މީހާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ބަންދުވުން
8- އާޚިރަތުގެ ޢަޛާބުގެ އިތުރުން ދުނިޔެމަތީގައިވެސް އެފަދަ މީހުންނަށް ޢުގޫބާތްދެއްވާނެ ކަމަށް އަންގަވާފައިވުން
ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމަކީ ޢުމުރުގައި
ބަރަކާތްލެއްވޭނެކަމެކެވެ. އެހެންކަމުން އެމީހެއްގެ ޙަޔާތުގައި ބަރަކާތް އިތުރުވުމަށް
އެދޭމީހާ ރަޙިމުގެ ގުޅުން ޤާއިމުކުރުން އިތުރުކުރާށެވެ.