ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ، މައިންބަފައިންގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމުގައި، މިއަދުގެ ޚުތުބާގައި ޒިކުރުވެގެން ހިނގައްޖެއެވެ. ހަމަ އެހެންމެ، ދަރީންނަކީ މައިންބަފައިންނާއި ހަވާލުކުރެވިފައިވާ އަމާނާތެއްކަމާއި، ހެޔޮމަގުން ދަރީން އެއްކިބާވުމުގައި އެންމެބޮޑު ޒިންމާއެއް ނަގަންޖެހޭނީ މައިންބަފައިން ކަމުގައި، ޚުތުބާގައިވެއެވެ. ކޮންމެ ކުއްޖަކުވެސް، އުފަންވަނީ މަޢުޞޫމު ދަރިއެއްގެ ގޮތުގައިކަމަށާއި، އެ ކުދިންގެ އުޅުންބުޅުމާއި ގުޅުންތައް، އަޚުލާޤާއި ސުލޫކު ބިނާވެގެންވަނީ މައިންބަފައިން ދޭ ތަރުބިއްޔަތުގެ މައްޗަށްކަމުގައި ވެސް ވެއެވެ.
މީގެ އިތުރުން، މުދައްރިސުންނާއި މުރައްބީންގެ ދައުރު ވެސް، އެހާމެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ކީއްތޯއެވެ! މި ކަމުގައި، މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާ ވެސް އެހާމެ ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
ދެން އަޅުގަނޑު މި އަލިއަޅުވައިލަނީ، ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތުކުރުމަށްޓަކައި، ޚުތުބާގައި ޒިކުރުވެވުނު މުހިންމު ނުކުތާތަކެއްގެ މައްޗަށެވެ. މި ގޮތުން ބަލާއިރު، ދަރީންދެކެ ޙަޤީޤީ ލޯބިވުމަކީ އިސްލާމީ ތަރުބިއްޔަތަކުން، ދަރިން ތަރުބިއްޔަތުކުރުންކަމުގައި ޚުޠުބާގައިވެއެވެ. މި ތަރުބިއްޔަތު ދިނުމަށްޓަކައި، ލޮބުވެތި ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސީރަތު އުނގަންނައި ދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އޭގެ އިތުރުން، ދީނުގެ ރުކުންތަކާއި ޙުކުމްތަކަށް މާތްކޮށް ހިތުމަށާއި، ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާތެރިވުމަށް ނަޞޭހަތްތެރިވުމަށް ވެސް ޚާއްސަ ސަމާލުކަމެއްދޭންޖެހޭކަމަށް  ބަޔާންވެގެންދިޔައެވެ. ދަރިންގެ ޢުމުރާއި އެކަށީގެންވާ މިންވަރަށް، ތައުޙީދުގެ ޢިލްމު އުނގަންނައި ދިނުމަށާއި، އަދި ދަރީން ނަމާދުކުރުމަށް ބާރުއެޅުމަށް، ޚާއްސަ ސަމާލުކަމެއް ދިނުމަށް ހަނދާންކޮށްދެއްވިއެވެ. ހަމަ އެހެންމެ، މި ކަންތައްތަކުގެ ނަތީޖާ ފެންނާނީ، މައިންބަފައިން ނަމޫނާ ބަޔަކަށްވުމުންކަން ވެސް، ޚުތުބާގައި ހާމަވެގެންދިޔައެވެ. 
މީގެ އިތުރަށް ފާހަގަކުރެވުނު މުހިއްމު ނުކުތާތަކުގެތެރޭގައި، ތިމާގެ ދަރީން އިންޓަނެޓުގެ ބޭނުންކުރެވޭ ވަސީލަތްތަކުގެ ބޭނުންހިފަނީ ރަނގަޅުގޮތުގައިތޯ ބެލުމަކީ، މައިންބަފައިންގެ ޒިންމާއެއްކަން ބަޔާންވެގެންދިޔައެވެ. އަދި ހަމަ އެހެންމެ، ޓީވީ ޗެނަލްތަކުން ދައްކާ ކުޑަކުދިންގެ ޕޮރޮގުރާމުތަކަކީ، އަޚުލާޤީ މިންގަނޑުތަކާއި، ދީނާއި ފުށުނާރާ ކަންތައްތަކެއްތޯ ބެލުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއްކަން ވެސް ސަމާލުކަމަށް ގެނެސްދީފައިވެއެވެ. 
އެއްވެސް ޝައްކެއްނެތެވެ. އަންހެން ދަރީންނަކީ، އަގުބޮޑު ނިޢުމަތެކެވެ. މިއަދުގެ ޚުޠުބާގައިވަނީ، އަންހެންދަރިންގެ  ހެދުމާ މެދު ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިރުޝާދުދީފައެވެ. ތިބާގެ ދަރީން ހެދުން ލަނީ ޢުމުރާ ގުޅޭ މިންގަނޑަކަށް ތޯ ބަލަންވާނެކަމުގައި ޚުތުބާގައިވެއެވެ. އަދި ކީއްތޯއެވެ! އިސްލާމީ ގިއުގަނޑުގެތެރޭގައި ހެދުންލައްވާ ނަމަ، އެ ދަރީންނަކީ މުސްތަޤުބަލުގައި އިސްލާމީ މިންގަނޑަށް ފޭރާން އެޅުމަށް ލޯބިކުރާނެ ދަރީންކަމުގައި ވާނެކަމަށް ޚުޠުބާގައިވެއެވެ. ހަމަ އެހެންމެ، ހީވެސްނުކުރާ ފަދަ ބޮޑެތި ފިތުނަތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެކަމުގައި ވެސް ޚުޠުބާގައިވެއެވެ.
މަނިކުންނޭ ރޯދީންނޭވެ! ތިޔަ ހުރިހައި މައިންބަފައިން، ތިޔަ އުފުލަމުންދާ ބުރަދަން ހުރި މަސްއޫލިއްޔަތު އަދާކުރުމުގައި، ހަނދާން ނައްތާލައިގެން ނުވާނެކަމެއް ވެސް، ޚުޠުބާގައި ޒިކުރުވެގެންދިޔައެވެ. އެއީތޯއެވެ! އާދޭހެވެ. އެއީ ދަރިންނަށް ހެޔޮދުޢާކުރުމުގައި ދެމިތިބުމެވެ. 
                                                                   
                
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *