އުފާ ނުވަތަ އުފާވެރިކަން މިއީ އެކިމީހުން އެކިގޮތްގޮތަށް މާނަކުރާ ކަމެކެވެ. އެހެންކަމުން ސީދާ ވަކި ޤައުމަކަށް ނިސްބަތްކޮށްމިހެން ދަރަޖަ ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއްމީހުނަށް ކާރޫބާރޫބޮޑު ސިޓީތަކުން އުފާވެރިކަން ގެނެސްދޭއިރު އަނެއްބަޔަކަށް އުފަލަކީ ހަމަހިމޭން، ގުދުރަތީ މާހައުލަކުން ލިބޭ އެއްޗެކެވެ. އެހެންކަމުން، 2012 އިންފެށިގެން ކޮންމެ އަހަރަކު، ހެޕިނަސް ރިސާޗް އިންސްޓިޓިއުޓް އިން ތައްޔާރުކޮށް، ފޯބްސް އިން ނެރޭ މިރިޕޯޓް ހަދަނީ ގައުމުތަކުގެ މީހުންގެ މެދުގައި ހެދޭ ދިރާސާތަކަށް ބެލުމަށްފަހު، ގައުމުތަކުގެ އެހެންކަންކަންވެސް ހިމަނައިގެންނެވެ. މީގެ ތެރޭގައި، ޖީ.ޑީ.ޕީ އިން ބޮލަކަށް ޖެހޭވަރު، އިޖުތިމާޢީ ރައްކާތެރިކަން، މީހުންމަރުވާ އުމުރު، ދިރިއުޅުމުގެ ކަންކަން ނިންމުމުގައި މިނިވަންކަންއޮތުން، އޯގާތެރިކަން، ޓެކްނޮލޮޖީ، އިޤްތިޞާދީ ކުރިއެރުން އަދި ކަރަޕްޝަން އޮތް މިންވަރުވެސް ބަލައެވެ. 156 ގައުމުބައިވެރިކޮށްގެން ހެދި މިދިރާސާގައި ރާއްޖެ ހިމެނިފައެއްނުވެއެވެ. އެހެންނަމަވެސް މި ލިސްޓުގެ އެންމެކުރިން ޖާގަ ހޯދިޤައުމުތަކަށް ބަލާލާނަމެވެ.
10. އޮސްޓްރިއާ
އޮސްޓްރިޔާގެ މޫސުމާއި ގެތައް ހެދިފައިވާގޮތްވެސް މިއީ މީހެއްގެ މޫނަށް ހިނިތުންވުންގެންނާނޭކަންތަކެވެ. މިލިސްޓްގެ 10 ވަނައިން ޖާގަ ހޯދި އޮސްޓްރިޔާއަށް އެންމެ މަތިން މަރކްސްލިބުނީ، އެ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމާއި، ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމުގެ ސަބަބުންނެވެ. އޮސްޓްރިއާގެ ވިއެނާ ވަނީ، ދިރިއުޅެން އެންމެކަމުދާ ސިޓީގެ ގޮތުގައި ހޮވިފައެވެ.
9. ކެނެޑާ
ހާމަ މައިދާންތަކާއި ރައްޔިތުންނަށް ފަސޭހަވާނޭހެން ބައްޓަންކުރެވިފައިވާ އެތައްކަމެއްގެ ސަބަބުން ކެނެޑާވަނީ، މި ލިސްޓުގެ ނުވަ ވަނައިން ޖާގަ ހޯދާފައެވެ. ނަމަވެސް މީގެ ދެއަހަރުން ކުރިން މިޤައުމު އޮތް 7 ވަނައިން މިވަނީ ތިރިއަށް ޖެހިލާފައެވެ. ކެނެޑާގައި މީހުން މަރުވާއުމުރުމަތިވުމާއި، އާބާދީއިތުރުވެ ތޮއްޖެހުން ނެތުމާއި ގައުމުގެ ކޮންމެ ހިސާބެއްގައިވެސް ހިތްފަސޭހަކަމާއި އެކު އުޅެވެން އޮތުން މިއީ ގިނަބަޔަކު ބަލައިގަންނަ ކަންތަކެވެ.
8. ނިއުޒީލެންޑް
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން މިލިސްޓުން ޖާގަހޯދި 2 ޤައުމުގެ ތެރެއިން އެއް ޤައުމަކީ ނިއުޒީލެންޑެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް ލިސްޓްގެ 8 ވަނަ ދިފާޢުކޮށްފައިވާ ނިއުޒީލެންޑް ފާހަގަ ވެފައިވަނީ މިޤައުމުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަބަދުވެސް މަރުޙަބާކިޔާ ބައެއްގެ ގޮތުގައެވެ. ޔޫރަޕުން ބޭރުގައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެމަތިން ޕޮއިންޓްލިބުން ގައުމަކީވެސް ނިއުޒީލެންޑެވެ.
7. ސްވިޑްން
މިލިސްޓުގެ ހަތްވަނައަށް މިއަހަރު ދިޔައިރު، މިއީ މިދިޔަ އަހަރަށްވުރެ 2 ދަރަޖައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ އެންމެ ބޮޑުސަބަބަކީ ސްވިޑްން އިން ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އިޖުތިމާޢީ ރައްކާތެރިކަމެވެ. ހަމަ މިއާއިއެކު މީހުންމަރުވާ އުމުރުމަތިކަމަކީވެސް މި ރޭންކިން ލިބުމުގައި މުހިއްމު ރޯލެއްއަދާކުރި ކަމެކެވެ.
6. ސުވިޒަރލޭންޑް
ޓެކްސްތައްމަދު، ކުރިއަރަމުން އަންނަ އިޤްތިޞާދެއްގައި އުޅެންބޭނުންމީހުންގެ މަންޒިލަކީ، ސުވިޒަރލޭންޑެވެ. 2015 ވަނަ އަހަރު މިލިސްޓުގެ ކުރިން ޖާގަހޯދި ސުވިޒަރލެންޑް އަހަރަކަށް ވުރެއަހަރެއް ދަނީ ރޭންކް ދަށްވަމުންނެވެ. ނަމަވެސް އަރަމުން އަންނަ އިޤްތިޞާދަކާއި، މަދުކުރަމުން ދިޔަ ޓެކްސްތަކުގެ ސަބަބުން ސްވިޒަރލެންޑަކީ އަދިވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތަނަވަސްކަމުގައި އުޅެން ހަމަ ވަރަށް ރަގަޅު ޤައުމެކެވެ.
5. ނެދަރލެންޑްސް
ގުދުރަތީ ރީތިކަމުގެ ސަބަބުން އެމްސްޓެޑަމް ވެފައިވަނީ އެންމެގިނައިން މީހުން ޒިޔާރަތްކުރި އެއް ސިޓީއަށެވެ. ވަރަށް ހަމަހިމޭން އަދި މެހެމާންދާރީ އަދާކުރާ ރައްޔިތަކު އުޅޭމިޤައުމު، މިފަހަރުގެ ލިސްޓްގައި އޮތީ ފަސްވަނައިގައެވެ. މިޤައުމަށް އެންމެގިނަ ޕޮއިންޓްލިބުން ސަބަބަކީ، ޤައުމުގައިވާ ހަމަޖެހުމާއި، ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމެވެ. ނެދަރލެންޑްގެ ހަމަކޮންމެ މީހެއްގެ މޫނުމަތިންވެސް ހިނިތުންވުން ފެންނަނީ މި ސަބަބާއި ހުރެއެވެ.
4. އައިސްލެންޑް
އައިސްލޭނޑްގެ މަލަމަތި ރީތިކަމާއި އެއްވަރަށް މިއީ، ކަންކަމުގައި ވަރަށް ދުރާލާވިސްނާ ރައްޔިތަކު އުޅޭ ޤައުމެކެވެ. ދެ ޖިންސުގެ ހަމަހަމަކަން އެންމެ ބޮޑަށް ލިބިދީފައިވާ އެއް ޤައުމު، އައިސްލެންޑަކީ އެޤައުމުގެ ކުޑައާބާދީއާއި އެކު ވަރަށް އުފާފާގަތި ކަމުގައި މީހުންދިރުއުޅޭ ޤައުމެކެވެ. މަދު ޓެކްސްތަކާއި، ހިލޭ ފޯރުކޯށްދޭ ސިއްޙީފަރުވާއާއި، ހުޅުވިފައިވާ ތަޢުލީމީސިޔާސަތުގެ ސަބަބުން މިޤައުމަށް ގިނަ ޕޮއިންޓް ލިބިފައިވެއެވެ. އައިސްލެންޑްގައި އުޅޭއިރު އިޙްސާސްކުރެވޭނީ މެދުއިރުމަތީގެ ޤައުމެއްގައި އުޅެވޭކަމުގެ އިޙްސާސެވެ. 2018 ގައި އައިސްލެންޑުންވަނީ ދެޖިންސަށް ހަމަހަމަ ކޮށް އުޖޫރަދިނުމަށް ބިލެތް ފާސްކޮށްފައެވެ.
3. ނޯވޭ
ނޯވޭއަކީ ވަރަށް ގިނަ އަހަރު މި ލިސްޓުގެކުރިން ޖާގަ ހޯދަމުން އަންނަ ޤައުމެކެވެ. ޔޫރަޕްގެ މި ރީތިޤައުމަކީ ކަރަޕްޝަން އެންމެ މަދު ޤައުމެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިއީ ކަރަޕްޝަން އެއްގޮތަކަށްވެސް ނެތްޤައުމެކެވެ. އިޖުތިމާޢީ ރައްކާތެރިކަމާއި ރައްޔިތުންނަށް އޮތް ފުރިހަމަ މިނިވަންކަމުގެ ސަބަބުން މިޤައުމަކީ އެންމެ އުފާފާގަތި ކަމުގައި މީހުން އުޅޭ އެއް ޤައުމެވެ.
2. ޑެންމަރކް
ދިގު ތާރީޚެއް އޮވެފައި، އުމްރާނީ ތަރައްޤީގައި ޑެންމަރކް ހޯދާފައިވާ ކާމިޔާބީގެ އިނާމަކީ، މިލިސްޓުގެ ދެވަނައިން ޖާގަ ލިބުމެވެ. 2016 ވަނަ އަހަރު މި ލިސްޓުގެ އެއްވަނަ ލިބުން ޑެންމަރކް ހިމެނެނީ، ދުނިޔޭގެ ނިސްބަތުން، ފަޤީރުންނާއި މުއްސަނދިންގެ ފަރަގު އެންމެ ކުޑަ ޤައުމުގެ ގޮތުގައެވެ.
1. ފިންލޭންޑް
ލިސްޓްގެ ފަޚުރުވެރި އެއްވަނަ ފިންލޭންޑަށް ލިބުމުގެ އެންމެ ބޮޑު ސިއްރަކީ، ޤައުމުގެ ރީތިކަމާއި މީހުންގެ މެދުގައި އޮންނަ ކުލުނާއި އޯގާތެރިކަމެވެ. 5.5 މިލިއަންގެ އާބާދީއެއް އޮންނަ މިޤައުމުގެ ރައްޔިތުންވަނީ ގިނަ ކެޓެގަރީތަކަކުން މި ޤައުމަށް ފުލްމާރކްސް ދީފައެވެ. ފިންލޭންޑަކީ ވެސް، "ނެތޭ ބުނާވަރަށް" ކަރަޕްޝަން މަދު ޤައުމެކެވެ. ޖީ.ޑީ.ޕީގެ މަތިކަމާއި، ރައްޔިތުންނަށް އޮންނަ މިނިވަންކަމާއި، އުމްރާނީތަރައްޤީގެ ސަބަބުން އެންމެ ގިނަބަޔަކު ދާން ބޭނުންވާ ޤައުމަކީވެސް ފިންލޭންޑެވެ. ފުރުސަތެއް ލިބިއްޖެނަމަ، ކޮންމެ ބޭފުޅަކުވެސް ޒިޔާރަތްކޮށްލުން ރަގަޅެވެ.