ދިވެހިރާއްޖޭގެ ތަޢުލީމީ މަންޙަޖުގެ، ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ދަރިވަރުންނަށް، ޤުރުޢާން މި މާއްދާއިން އިމްތިހާން ދިނުން ވަގުތީގޮތުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.
މިއަދު އާންމުކުރި ސާކިއުލާއެއްގައި މިނިސްޓްރީއިން ބުނެފައިވަނީ، ޤައުމީ މަންޙަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން ވަކި އުސޫލަކުން ކުރާ ކަމެއްކަމަށާއި، އެކަމުގައި އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައިވެސް، ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.
ކީސްޓޭޖް 4 ގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ޤައުމީ މަންޙަޖު ފުރިހަމަކުުރުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. ހަމަ އެހެންމެ މި ތަރުތީބު ފުރިހަމަނުކޮށް މަންޙަޖެއް ތަންފީޒުކުރުމަކީ، އެ މަންޙަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާޞިލުވުމަށް އެޅޭނެ ހުރަހެއް ކަމަށްވެސް، މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކީސްޓޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުޢާން މާއްދާއިން އިމްތިޙާނެއް ހެދޭނެ މިންވަރަށް ތައްޔާރު ނުކުރެވިކަމަށްވެސް މި ސަރކިއުލަރގައި ބުނެފައިވެއެވެ.
މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި، އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާތީކަމަށްވެސް ވަނީ ބުނެފައެވެ.
ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނެކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.