ހަންސަލް މެހެތާގެ ޑައިރެކްޝަން ފެނިގެންދާ އަދި ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އެކުގައި ފެނިގެންދާ "ޗަލާންގް" އަކީ، މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އެއް ފިލްމަށްވާނެއެވެ. މިދިޔަ ހަފްތާގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމު ކުރުމަށްފަހު، މިހާރުމިވަނީ ފިލްމު އަޅުވާތާރީޚް 12 ޖޫން އަށް ބަދަލުކޮށްފައެވެ. ކުރިން އަޅުވަން އޮތީ 13 މާރޗްގައެވެ.
ނުޝްރަތުވެސް ވަނީ އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ޕޯސްޓަރު ހިއްސާކޮށްފައެވެ. ޕޯސްޓަރުންފެންނަނީ، ވަށައިގެންވާ އެއްވެސް ކަމެއްގެ ވާނުވާ ނޭނގި، ނުޝްރަތު އަދި ރާޖްކުމާރ ކޮޅަށްހުއްޓިގެން ހުއްޓައެވެ. ބައެއްކުދިން ކިޔަވަނީ ކަމަށް ހެދިގެން ތިބި އިރު ސައުރަބް ޝުކުލާ ހުރީ ސަމޯސާ ތައްޓެއް ހިފައިގެން އެއަށް އިންސާފުކުރާށެވެ.
ޗަލާންގްއަކީ، އެއްބައި ސަރުކާރުން ޚަރަދުކުރާ ސްކޫލެއްގެ، ޖިސްމާނީ ދުޅަހެޔޮކަން ކިޔަވާދޭ ޓީޗަރެއްގެ (ޕިޓީ މާސްޓަރ ) ހަޔާތުގައި ހިނގާ ޙާދިސާތަކެއްގެ މައްޗަށް ހެދިފައިވާ ފިލްމެކެވެ. މި ފިލްމުގައި ޕީޓީ މާސްޓަރ ރާޖްކުމާރަށް އެއީ ހަމަ އެކަނި ވަޒީފާއެކެވެ. ނަމަވެސް ރާޖްކުމާރު ނުޝަރަތުދެކެ ލޯބިވާ ހިސާބުން، ވަޒީފާ ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ކުދިންނަށް ޖިސްމާނީ ދުޅަހެޔޮކަން ކިޔަވާދޭން ފަށައެވެ.
ހެއްވާމަޖާ ހާދިސާތަކެއްގެ ތެރެއިން، މި ފިލްމް ގެނެސްދޭ މެސެޖަކީ ޖިސްމާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމާއި، މާއްދާއެއްގެ ގޮތުގައި، ސްކޫލު މަންހަޖުގެ ތެރެއަށް ފައްތައިގެން މިމާއްދާ ކިޔަވައިދޭންޖެހޭ ކަމުގެ މެސެޖެވެ.