ށ.މިލަންދޫ ޕޮލިސް ސެޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިލަންދޫން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 11 ފެބްރުއަރީ 2020 ވަނަދުވަހު އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ފަސް ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ކަރުދާސްކޮޅު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ށ.ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ކަނޑައަޅާތަނެއްގައި 15 ދުވަހު ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންނެވެ.