ށ.ޅައިމަގު އެކުވެރިންގެ ޖަމުޢިއްޔާއެއް ކަމަށްވާ، “އެކުވެރިންގެ ރޫޙު”ން އިންތިޒާމުކޮށްގެން، “ފަންވަރު ރޯޑްރޭސް”، މި ހިނގާ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.
“ފަންވަރު ރޯޑްރޭސް”ގެ މައިގަނޑު މަޤުޞަދަކީ، ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި، އަދި ކަސްރަތަށް، ޅައިމަގުގެ ރައްޔިތުން ހޭލުންތެރިކުރުމެވެ.
ޅައިމަގުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމަަށް، މި ދުވުންވާނެކަމުގައި ޅައިމަގު އެކުވެރިންގެ ރޫޙުން ބުނެފައިވެއެވެ. ފެބްރުއަރީ 15ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30ގައި ޅައިމަގުގެ ބަނދަރުން، ފަށަން ހަމަޖެހިފައިވާ މި ދުވުމުގައި، ޖުމުލަ 200 މީހުން ބައިވެރިވާނެކަމަށްވެސް ރޫޙުން މަޢުލޫމާތު ދީފައިވެއެވެ.
އެންމެފަހުން ޅައިމަގުގައި މިފަދަ ދުވުމެއް ބާއްވާފައިވަނީ 2017ވަނަ އަހަރު، ހަމަ އެކުވެރިންގެ ރޫޙުގެ ފަރާތުން އިންތިޒާމުކޮށްގެންނެވެ.
މި އަހަރުގެ ދުވުމުގައި ބައިވެރިވާ ބައިވެރިން ވަނީ ތިން ކެޓަގެރީއަކަށް ބަހާލެވިފައެވެ. ހަމަ އެހެންމެ ދުވުމުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށްވެސް މެޑަލްއެއްދޭން ވަނީ ހަމަޖެހިފައެވެ.
“ފަންވަރު ރޯޑްރޭސް”ގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ޅައިމަގުގެ ވިޔަފާރިވެރިންނާއި، މީގެ އިތުރުން އާންމުންގެ ވަރަށްބޮޑު ތަރުޙީބެއްވެސް މިކަމުގައި ލިބެމުންދާކަމަށް އެކުވެރިންގެ ރޫޙުން މަޢުލޫމާތުދީފައިވެއެވެ.