ސެޕެއިންގެ ބަރސެލޯނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯބައިލްފޯން އިންޑަސްޓްރީގެ ދުނިޔޭގެ އެންމެބޮޑު ޓްރޭޑްޝޯ ކޮވިޑް-19 (ކޮރޯނާވައިރަސް) ފެތުރިދާނެ ކަމުގެ ބިރުއޮތުމާއެކު ކެންސަލް ކޮށްފިއެވެ.
24 ފެބްރުއަރީ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޓްރޭޑްޝޯ އަކީ ކޮންމެއަހަރަކު 100،000 އަށްވުރެއްގިނަ މީހުން ފަހުގެ ސްމާރޓް ފޯން ޓެކްނޮލޮޖީ ބަލާލުމަށް ޖަމާވާ ދުނިޔޭގެ އެންމެބޮޑު ޓްރޭޑްޝޯއެވެ.
ޗައިނާއިން ފެތުރެން ފަށާފައިވާ މިނުރައްކާތެރި ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމުން މިޝޯ އިންތިޒާމްކުރާ ފަރާތްކަމުގައިވާ ބާރސެލޯނާގެ ޖީއެސްއެމްއޭ އިންވަނީ މިޝޯ ކުރިއަށް ނުގެންދާނެކަން ބުދަދުވަހު އިއުލާންކޮށްފައެވެ.
ޖީއެސްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ސަލާމަތާ ރައްކާތެރިކަން ގާއިމްކުރުމަށް ދަތުރުފަތުރުކުރުމާ އެހެނިއެހެންކަންކަމަށް ވިސްނުމަށްފަހު އެމްޑަބްލިއުސީ ބާރސެލޯނާ 2020 ވަނީ ކެންސަލް ކޮށްފައެވެ.
ޖީއެސްއެމްއޭ އިން މިފިޔަވަޅުއެޅުމުގެ ކުރިން ދުނިޔޭގެ ޓެކްނޮލޮޖީ ބޮޑެތި ކުންފުނިތައްކަމުގައިވާ އެލް.ޖީ ، ސޮނީ، އެރިކްސަން، ނޮކިއާ، އެންވިޑިއާ، އިންޓެލް ، ފޭސްބުކް އަދި އެމޭޒަން އިންވަނީ މުވައްޒަފުންގެ ރައްކާތެރިކަމަށް ވިސްނާ މިޝޯގައި ބައިވެރިވެވެން ނެތްކަން ޖީއެސްއެމްއޭ އަށް އަންގާފައެވެ. މިކުންފުނިތަކުން ބައިވެރިނުވާކަން އެންގުން ވެގެންދިޔައީ ޝޯކެންސަލްކުރަން ބާރުއެޅުގެންދިޔަ އެއްސަބަބަށެވެ.