ކޮންމެ އިންސާނަކަށް ވެސް ޙައްޤުތަކެއް ލިބިގެންވެއެވެ. އެ ޙައްޤުތަކަށް ރައްކައުތެރިވުމަކީ، އަނެކުންގެ މައްޗަށް އޮތް ވާޖިބެކެވެ. ރައްކާތެރިވުމޭތޯއެވެ؟ އެއްވެސް ޝައްކެއްނެތެވެ. ތިމާގެ ފަރާތުން އަނެކާއަށް އުނދަގޫވާ ކޮންމެ ކަމަކުން، ތިމާ ރައްކައުތެރިވާން ޖެހެއެވެ. ޙަޔާތުގެ ކޮންމެ މައިދާނަކަށް ބެލިޔަސް، ކޮންމެ ދަނޑިވަޅަކަށް ބެލިޔަސް، އަނެކުންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ދެމިހުންނަން ޖެހެއެވެ. 
މި ގޮތުން ބަލާއިރު މަގުމަތީގެ ޙައްޤުތަކަކީ، ވަރަށް ވެސް ބޮޑު އެއްޗެކެވެ. މަގުމައްޗަކީ މުޖުތަމަޢުއެއްގައި އުޅޭ އެންމެންގެ ޙައްޤު އެކުލެވިފައިވާ ތަނެކެވެ. ކަން މިހެންހުރުމާއެކު މަގަށް  މަގުގެ އަގު ދޭންޖެއެވެ. މަގަށް މަގުގެ އަގު ދިނުމޭތޯއެވެ! އާދޭހެވެ. މަގަށް މަގުގެ އަގުދިނުމަކީ، ތިމާގެ އަގު ހިފެހެއްޓުމެވެ. ތިމާގެ ޢަމަލުތަކަށް، ތިމާ ރައްކާތެރިވުމެވެ. ތިމާގެ އަދަބެއްސަދަބެއް ނެތްނަމަ މަގުމަތީގެ އަގު ހިފެހެއްޓޭނީ ކޮންފަދައަކުންތޯއެވެ؟ އަނެކުންގެ ޙައްޤުތަކަށް ރައްކައުތެރިވެވޭނީ ކޮންފަދައަކުންތޯއެވެ؟
މަގަކީ، މުޖުތަމަޢެއްގެ އެންމެން ހިނގާބިނގާއުޅޭ ތަނެވެ. މުސްކުޅިފުރާގެ މީހުންނެވެ. ދެވަން ފުރާގެ މީހުންނެވެ. ޒުވާންފުރާގެ ކުދިންނެވެ. ޅަފުރާގެ ކުދިންމެއެވެ. ކަންމިހެން ހުރުމާއެކީ، މި އިން ކޮންމެ ފުރާއެއްގެ މީހަކަށް ވެސް، އެ ފުރާއެއްގެ ޙައްޤުއަދާކުރަން ޖެހެއެވެ. ތުރާތަކުން އެ މީހުން ދުރުކުރުވަންޖެހެއެވެ. ކުރާ ކޮންމެ ކަމަކީ ވެސް، އެ މީހުންނަށް އުނދަގޫނުވާނެ ކަމަކަށް ހަދަންޖެހެއެވެ.
އާދޭހެވެ! ޒަމާން އޭގެ އޮޅިތައް ގިރާކުރަމުންއައިސް، ދުނިޔެ ޒުވާން ކޮށްފިއެވެ. ކަންޒުކަހަނބު ދުވެލީގައި އޮތް ދުނިޔެ، މިއަދު މިވަނީ ހަލުވި އަހެއްގެ ދުވެލީގައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އިހުޒަމާނުގެ ކުލަތައް ބަދަލުވެ، ޒަމާނީ ކުލަތައްޖެހި ދުނިޔެ ތަރައްޤީވެއްޖެއެވެ. ދަތުރުފަތުރުގެ ކަންތަކަށް ބެލިޔަސް އެ ކަމުގެ ހެކި ތިހުރީ ދިމާއަށް ފެންނާށެވެ. މި ގޮތުން ބަލާއިރު، މި ކުޑަކުޑަ ރާއްޖެ މިވަނީ އެކިވަރުވަރުގެ ވެހިކަލްތަކުން ފުރައިލާފައެވެ.
އެހެންނަމަވެސްތޯއެވެ! އިސްވެ މި ދެންނެވި ޒުވާންކަން ދުނިޔެއަށް ލިބިފައިވީ ނަމަވެސް، މިއަދުގެ ޒުވާނުންގެގައިގައި ޒުވާންކަމުގެ ޙަޤީޤީސިފަ ހުރީ ކިހާ މިންވަރަކަށްތޯއެވެ. އާދެ! މި  ދަންނަވަނީ ހުރިހައި ޒުވާނުންގެ ވާހަކައެއްނޫން އިނގޭތޯއެވެ. ހަމައެކަނި ޒުވާނުންގެ ވާހަކައެއް ވެސް ނޫން އިނގޭތޯއެވެ. 

މިއަދުގެ ޙާލަކީތޯއެވެ. ޝައްކެއްނެތެވެ. އަމާންވެށި ނާމާން ވެށްޓަކަށް ބަދަލުވެއްޖެއެވެ. އެއްކަމެއް ދެކަމެއްނޫނެވެ.  އަންހެންކުދިންނާއި ފޮށުމެވެ. މުސްކުޅިންނަށް އުނދަގޫކުރުމެވެ. ގުރޫޕުތައް ހަދައިފައި މަގުތައްމަތީ ހުއްޓި ތިބުމެވެ. ގުރޫޕުތައް ހަދައިފައި ކަންކަންމަތީ ބިއްޖެހިފައި ތިބުމެވެ. މަގުތަކުގައި ސައިކަލު ދުއްވަމުން އަޑުގަދަކުރުމެވެ. ހިތުހުރިވަރަކަށް ބަރުގޮނުއަޅަމުން ސައިކަލު ނުވަތަ ކާރު ދުއްވުމެވެ. އަނެކުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި އެއްޗެހި ބެހެއްޓުމެވެ. ހަޑިހުތުރުބަހުން މުޢާމަލާތްކުރުމެވެ.

އެއްވެސް ޝައްކެއްނެތެވެ. އެ ފަދަ ޢަމަލުތަކުން، އެ ގެއްލެނީ އަނެކުންގެ މިނިވަންކަމެވެ. އަންނަންއޮތް ޖީލުތަކަށް، އެ ދެއްކެނީ ކޮންފަދަ ހުތުރު ޢަމަލުތަކެއްތޯއެވެ! 

                       
                 
      
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *