ގަސްރުކުން މަލަފެވޭ ރީތިމީ
ގައިމު ހިތްހަމަޖެހޭ ޖައްވުމީ
ހޫނުއަވިދޭ ރާއްޖެމީ
އޯ ވަޒަނެ މީ ލޯބި ވިހުރުވޭ ދިދަ ރަމްޒޭމީ
ފޫހިނެތް ރަށްތަކޭމީ
މާތްވި އިސްލާމް ރާއްޖެމީ
އޯ ވަޒަނެމީ ލޯބި
އާދޭހެވެ. މި ކުދިކުދި ޖަޒީރާތަކަކީ، މުޅި ދުނިޔެއިން ވެސް، ޚާއްސަގޮތެއްގައި ފާހަގަކޮށްލެވޭތަނެކެވެ. އަމިއްލަވަންތަކަމެއް ލިބިގެންވާ ތަނެކެވެ. އިސްވެ ދިޔަ ބައިތުތަކުން ވެސް، އެކަން އެހެރަ ހާމަކޮށްދެނީއެވެ.
މި ލިޔުމުގައި ތިޔަބޭފުޅުންގެ ކުރިމަތިފުޅަށް، މި ހުށަހަޅައިލަނީ ޤައުމުދެކެ ލޯބިވާ ދަރިއެއްގެ ގަލަމުން ބަޔާންކޮށްދެއްވައިފައިވާ ޙަޤީޤަތްތަކެކެވެ. އިޚުލާސްތެރި ހިތްޕުޅަކުން، ޤައުމާމެދު ފާޅުކުރައްވައިފައިވާ ހިތްގައިމު ޝުޢޫރުތަކެކެވެ. އާދޭހެވެ. މި ހުށަހަޅައިލަނީ "ތިޔަ ހީކުރެއްވިހެނެއް ނޫން"، މި މައިގަނޑު މައުޟޫޢުގެދަށުން، ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "ޑޭޒީމާ" އާމިނަތު ފާއިޒާ ހައްދަވައިފައިވާ ޗާލު ޅެމުގެ ޝަރަޙައެވެ. މި ޅެމަކީ އޮނަވިހި ސަތޭކަ ސަޔާހިވަނަ އަހަރުގެ މާޗްމަހުގެ އެކާވިސްވަނަ ދުވަހު އޭނާ ހައްދަވައިފައިވާ ޅެމެކެވެ. މި ލިޔުމުގައި ހިމަނައިލާނީ، އެ ޅެމުގެ ފުރަތަމަ ދެބައިތުގެ ޝަރަޙައެވެ.