"އޭނާގެ ޅެންތަކުގައި އެކުލެވިގެންވަނީ ވަފާތެރިކަމާއި، އިޚުލާޞްތެރިކަމެވެ. ސާފުކަމާއި ފަށުވިކަމެވެ. އަމިއްލަ ދިރިއުޅުއްވުމެކޭ އެއްފަދައިން އޭނާގެ ޅެންތަކުގައި ދުރުހެލިވެވަޑައިގަންނަވަނީ ބޭވަފާތެރިކަމުންނާއި ޚުޝާމަދުންނެވެ. ޅެންވެރިކަމުގެ މައިދާންތަކުގެ ތެރޭގައި އާމިނަތު ޙުސައިން ނުހިންގަވާ މައިދާނެއް މަދެވެ. ޤުދުރަތުގެ އެކިއެކި މަންޒަރުތައް، އަޅުގަނޑުމެންގެ ކުރިމަތީގައި ހާމަކުރައްވައި، ދެމިހުންނަނިވިގޮތުގެ މަތީން، ކުރެއްސެވުމަށްޓަކައި، އޭނާ ބޭނުންކުރައްވަނީ މަޑުމަޑު ނަމަވެސް ޔަޤީންކަމުގެ ކުލަތަކެވެ. ޤުދުރަތަށް ތެދުވެރި، ލޮލަށް ފަސޭހަ ކުލަތަކެކެވެ. ލުއިލުއި އަތްޕުޅަށް ކިޔަމަންވާ ފިއްސެކެވެ. ނަތީޖާއަކީ ޅެމުގެ ޒަރީޢާއިން ޤުދުރަތީ މަންޒަރު ބަޔާންކުރެއްވުމުގައި، އޭނާ ދިވެހީންގެތެރޭގައި، އެއްވަނަ ދަރަޖައިގައި ހިމެނިވަޑައިގެންފައިވާކަމެވެ."އިސްވެ މި ނަކަލުކުރީ، އައްނަބީލާ އާމިނަތު ޙުސައިންގެ ޅެންވެރިކަމާމެދު، ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބަޔާންކުރައްވައިފައިވާ އިޚުލާޞްތެރި ޝުޢޫރުތަކެކެވެ. އާދެ! ދިވެހި ޅެންވެރިކަމަށް އިންޤިލާބެއް ގެންނެވި ޝާއިރުގެ ޝުއޫރުތަކުން ކަށަވަރުވާކަމަކީތޯއެވެ! އެއްވެސް ޝައްކެއްނެތް ފަދައިން، އައްނަބީލާ އާމިނަތު ޙުސައިންއަކީ ކުޅަދާނަ ޝާއިރާއެއްކަމެވެ.އައްނަބިލާ އާމިނަތު ޙުސެއިންއަކީ، އައްސައްޔިދު މުޙައްމަދުގެ އަލްޚަޠީބު އައްސައްޔިދު އިބްރާހިމް ދޮށީކަލޭފާނުގެ އަލްޤާޟީ ޙުސެއިން ޢަފީފުއްދީން ނުވަތަ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ދަރިކަނބަލުންނެވެ. މަންމާފުޅަކީ އައްސުލްޠާނު އިބްރާހިމް ނޫރައްދީންގެ ދަރިކަނބަލުން މާވާކިލެގެފާނު ގަނޑުވަރުގޮމާ ( އެއްގަމުގޭގޮމާ ) އެވެ.ހިޖްރައިން ތޭރަސަތޭކަ ފަންސަތިރީސްވަނަ އަހަރުގެ ޛުލްޙިއްޖާމަހު ސޯޅަވީ ހޯމަދުވަހު މަރުޖާންގޭގައި، ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އާމިނަތު ޙުސައިންއަކީ ދިވެހި ޅެންވެރިކަމުގެ މައިދާނަށް އެތަކެއް މަރުޖާންތަކެއް( ކުދި ރަންމުތް) ދޫކުރެއްވި ޝާއިރާއެކެވެ. އެ ރަންމުތްތަކުގެތެރެއިން، އަޅުގަނޑުގެ ނަޒަރު އަމާޒުވި އެއް ރަންމުތަކީތޯއެވެ! އާދެ! ތިޔައިގެތެރެއިން ގިނަ ބޭފުޅުންގެ ހިތުގެ ހިމަނާރުތަކާ ކުޅެލި "ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން" މި ސުރުޚީގެދަށުން އޭނާ ހައްދަވައިފައިވާ ޅެމެވެ. އެ ޅެމުގެ ބައިތުތަކެއްގެ މައްޗަށް ކަޅިއެއް އެއްލެވުން ކީއްތޯއެވެ!


ތިޔަބުނާ ރޫޙީ އުފާތައް ސިފަމަށަށް ކޮށްދޭނުހޭ،
ނިޔަނެތިވި މަންމާ ނިކަން އަދު ސިފަމަށަށް ކޮށްދޭނުހޭ

އޭގެ އުފަލެއް ނުލިބުނަސް ދުވަހަކު މަގޭ ނިކަމެތި ހިތަށް،
އޭގެ ހުރި ފުރިހަމަ އެ ގޮތްތަށް ސިފަމަށަށް ކޮށްދޭނުހޭ

ދަތްދޮޅިން އަތް ނެއްޓިދާފަދަ ހިތް އެކަނިވެރި މީހަކަސް،
ރަތްވިލާ ދައްކާ އެ ކުލަތައް ސިފަމަށަށް ކޮށްދޭނުހޭ

ތިޔަ ބުނާ ޒީނަތްވި ތަރިތައް ރޭގަނޑަށް ފިޔަޖަހަޖަހާ،
ނިޔަނެތިވި މަންމާ އެ މަންޒަރު ސިފަމަށަށް ކޮށްދޭނުހޭއިސްވެ މި ބަޔާންކުރީ، އޭނާގެ އަސަރުގަދަ ޅެމުގެ ފުރަތަމަ ފަސްބައިތެވެ. ޝައްކުގެ ކަންފުޅެއް ވެސް ނެތެވެ. ހަމައެކަނި މި ބައިތުތަކަށް ބަލައިލިޔަސް، އޭނާއަކީ ކުޅަދާނަ ޝާއިރާއެއްކަން ވަންހަނާވެގެން ނުވެއެވެ. އާދޭހެވެ! ލޯފަން ކުއްޖެއްގެ ޝުޢޫރުތައް، ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައިފި ދޮގެއްތޯއެވެ!


އައްނަބީލާ އާމިނަތު ޙުސެއިންއަކީ، ތަފާތު މައުޟޫޢުތަކަށް ޅެން ހައްދަވައިފައިވާ ޝާއިރާއެކެވެ. މި ގޮތުން ބަލާއިރު، ޤުދުރަތުގެ ފުރިހަމަކަމުގެ މައްޗަށް ހައްދަވައިފައިވާ ޅެންތަކާއި، ޤައުމީ ޅެންތައް ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ދެން ވެސް، މި ބަލައިލަނީ އެހާމެ ފުރިހަމަ ޅެމަކަށެވެ. ޤައުމިއްޔަތާއި ނަސޭހަތް އެކުލެވިގެންވާ އަގުބޮޑު ފިލާވަޅަކަށެވެ. "ކުޅޭށެ ކުރިކެޓް" މި މައުޟޫޢުގެދަށުން، އޭނާ ހައްދަވައިފައިވާ ޅެމުގެ މި ބައިތުތަކާމެދު ވިސްނަވައިލެއްވުން ކީއްތޯއެވެ؟"ކުޅޭށެ ކުރިކެޓް، ކުޅޭށެ ކުރިކެޓް، ބަހާއި ޢަމަލުން ކުޅޭށެ ކުރިކެޓް!

އުޅޭށެ އަންގާގޮތަށް އެ ކުރިކެޓް، ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް!
ދިފާޢުކުރަމުން ދެވޭ ޙަމަލަތައް، ނިފާޤުގޮތްތައް މުޅިންމެ ދޫކޮށް

ހިފާށެ ދައްކާ އެ ރީތި ގޮތްތައް، ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް!ބަޔަކަށްޓަކައި އުފަލަކަށް ހަދައިގެން އަމިއްލަ އެދުމުން ވުމީ އެ ޤުރުބާން،

ވަޔަށް އެދުންތައް މުޅީންމެ ދޫކޮށް، ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް!"ހަމަ އެހެންމެ ދީނީ ރޮނގުން، އޭނާ ހެއްދެވި ޅެންތަކަކީ ވެސް ފާހަގަކޮށްލެވޭ ޅެންތަކެކެވެ. އާދެ!"ދީނީގޮތުން ރަމަޟާންމަހުގެ މައްޗަށް ނިކަން ވިސްނައިލުމުން،

ދީނީ އަސަރުތައްވެސް ދަނީ ހަމަ ހިތުތެރޭގައި އައުވަމުން،އިސްލާމްދީނުގެ ހަރުދަނާ މަތިވެރިވި އެޅުމަށް ބިންގަލެއް،

ވިސްނައިލުމުން ތަރުޙީބު ދެވެމުންނޭދަނީ އެމަހަށް ވަކިން"ވަރަށް ވެސް، ފުރިހަމަ ދެއްތޯއެވެ! އޭނާގެ ހިތްޕުޅުގައިވާ އިޢުތިޤާދުގެ ވަރުގަދަކަން ހާމަވެއްޖެ، އެހެންނޫންތޯއެވެ! ވަހުމެއްނެތެވެ. އޭނާގެ ގަލަންކޮޅު ހިންގަވައިފައިވަނީ ވަރަށް ވެސް ފުރިހަމައަށެވެ. "ވައިގެ ލުއިލުއި ރޯޅިޔާ މާތަކުގެ ވަސް އެކުވުމުން" ފަޒާގެތެރެއަށް، އެ އަންނަ ތާޒާކަން ބަޔާންކޮށްދެއްވައިފައިވަނީ، އަޖައިބުވާފަދަ ގޮތެއްގައެވެ. "ކުދި ނިކަން ކުދި ގަސްތަކާ އަދި ވިނަތަކަށް އެޅިފައިއެވާ" ކޮކާހަނދުވަރުގެ ފަރިކަން ސިފަކޮށްދެއްވައިފައިވަނީ، އަންތަރީސްވާފަދަ ގޮތެއްގައެވެ.ޝައްކެއްނެތެވެ. ދިވެހި އަދަބީ ފަޒާގެތެރެއަށް، އެ މަލުގެ ޢަބީރު ފެތުރިފައިވަނީ، ވަރަށް ވެސް ބޮޑަށެވެ. ކޮންމަލެއް ކަމަށްތޯއެވެ! އާދޭހެވެ! ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ ވައިލެޓްމަލެވެ. އައްނަބީލާ އާމިނަތު ޙުސެއިން ނުވަތަ "ވައިލެޓްމާ"، އެ މަލުގެ ވާޖިބު އަދާކުރައްވައިފިއެވެ. ދިވެހި ޅެންވެރިކަމުގެ ގުލްޒާރަށް އާރޯކަމާއި ތާޒާކަން ގެނެސްދެއްވައިފިއެވެ. އޮނަތިރީސް އަހަރު ވޭތުވެދިޔައިރު ވެސް، އެ މަލުގެ މީރުވަސް، ދިވެހި ޖައްވުން ފިލައިނުދެއެވެ.އާދޭހެވެ! ހިތް ރުހުނަސް ނުރުހުނަސް، ލޯބިވާ ފަރާތްތަކާ ވަކިވާންޖެހެއެވެ. ނަމަވެސް، އެ ހަނދާންތަކާ ވަކިވެވޭނީ ކޮންފަދައަކުންތޯއެވެ؟ އެ ކޮށްދެއްވި ޚިދުމަތްތަށް ޒިކުރުނުކުރެވި ހުރެވިދާނޭތޯއެވެ؟ ނޫނެކެވެ. ހަނދާންތަކާ ވަތްކެއްނުވެވޭނެއެވެ. ޚިދުމަތްތަކުގެ ޒިކުރު އައުނުކޮށް ނުހުރެވޭނެއެވެ.އާހް! މީލާދީ ސަނަތުން އޮނަވިހި ސަތޭކަ ނަވައިވަނަ އަހަރު ޑިސެމްބަރުމަހުގެ ސާދަވީ ހުކުރުދުވަހު ފަތިހު ފަސްގަޑި ސާޅީސްފަހެއް ހިނގީ، ދިވެހި ދަރީންގެ ހިތްތަކަށް ހިތްދަތިކަން ވެރިކުރުވަމުންނެވެ. އާދޭހެވެ! އަޅުގަނޑުމެންގެ ލޮބުވެތި "ވައިލެޓްމާ" ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ހިތްދަތި ވަގުތުކޮޅެވެ. ޔާ ޙައްޔުލްޤައްޔޫމް! އޭނާއަށް ރަޙުމަތްލައްވައި، ޖަންނަތުލް ފިރުދައުސް ދެއްވާނދޭވެ! އާމީން!

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *