ޕްލޭން ހޮޓެލްއިން އެކޮލޮޖިކަލް ފުޑް ރިސައިކްލާ މެޝިނެއް، ރައްޔިތުންގެ މަޖިލީހަށް މިއަދު ހަދިޔާކޮށްފިއެވެ. ޕްލޭން ހޮޓެލްގެ ފަރާތުން ކުނިނައްތާލާ މި މެޝިނު ޙަވާލުކޮށްދެއްވާފައިވަނީ ޕްލޭން ހޮޓެލްގެ ޕްރެޒިޑެންޓް ސާރާ ރޮސޯ އެވެ. ޕްލޭން ހޮޓެލްގެ ފަރާތުން ރާއްޖޭގައި މިހާރުވެސް ދަނީ ފަސް ރިސޯޓު ހިންގަމުންނެވެ.
މަޖިލީހުގެ ފަރާތުން، މި ކުނިނައްތާލާ މެޝިނާ ޙަވާލުވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ރައިސް ނަޝީދުގެ ވާހަކަފުޅުގައި މިއަދަކީ އަޅުގަނޑުމެންނަށް އައި ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަ ކުރައްވަވައި، އަދި ޕްލޭން ހޮޓެލް އަށާއި ސާރާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައިވެއެވެ.
ޕްލޭން ހޮޓެލްއިން މަޖިލީހަށް ހަދިޔާކުރި ކުނިނައްތާލުމުގެ މެޝިނަށް ކާނާގެ ވޭސްޓްތައް އެޅުމުން، ކާއެއްޗެހި ބަދަލުވެގެންދަނީ ގަސްކާނާއަށެވެ. ރައީސް ނަޝީދު ފާހަގަކުރެއްވިގޮތުގައި، އެހެންކަމުން މިއީ ނުހަނު ބޭނުންތެރި، އިޔާދަކުރަނިވި ހަކަތަ އުފައްދާ، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ހިތްވަރުދޭ މެޝިނެއްކަމަށެވެ.
ސާރާއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރީގައި ވަރަށް ފުޅާދާއިރާއެއްގައި، ވަރަށް ގިނަދުވަސް ވަންދެން މަސައްކަތްކުރި، އަދި މަސައްކަތްކުރަމުންދާ އިންވެސްޓަރެކެވެ. ހަމަ އެހެންމެ ސާރާގެ ބައްޕައަކީވެސް ރައީސް އިބްރާހިމް ނާސިރުގެ ޒަމާނުއްސުރެންވެސް ރާއްޖޭގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. ހަމަ އެހެންމެ ރާއްޖެއަށް އެންމެ ފުރަތަމަ އައި ޓޫރިސްޓުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ.