ދުނިޔޭގެ މޫސުމަށްއަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށްއޮތް ހަނި ފުރުސަތު، ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މޫސުމީ ކުއްލި ހާލަތު އިއުލާންކުރުމަށް ހުށައެޅި ގަރާރު ފާސްވެފައިވަނީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓުލިބިގެނެވެ.

މިގަރާރުގައި ސަމާލުކަން ގެނެސްފައިވާ މައިގަނޑު ކަންކަމަށް ބަލާއިރު ފޮސިލްފިއުލް އުފެއްދުމަށް ޤައުމު ތަކުން މިހާރު ކުރަމުންދާ އިންވެސްޓްމަންޓުތަކަށް ދެމުންދާ ސަބްސިޑީހުއްޓާލުމަށާއި ، މިފައިސާ އިއާދަކުރަނިވި ހަކަތަ އުފައްދަން ހޭދަކުރުމަށް މަގުފަހި ކުރުމަށް ގައުމުތަކަށާއި ، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި މާލީ އިދާރާތަކުގެ ސިޔާސަތުތައް ބަދަލުކުރުމަށްވަނީ ގޮވާލާފައެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ބައިނަލް އަޤްވާމީ މުޖްތަމައުުން ރާއްޖެއަށާއި ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް ދެމުން އަންނަ އެހީއަކީ މުހިންމު އަދި ބޭނުންތެރި އެހީއެއްކަމުގައި ވީނަމަވެސް ، އެއީ މިފަދަ ބޮޑުމައްސަލައެއް ދާއިމީކޮށް ހައްލުކުރެވޭނެ ކަމެއްކަމުގައި ރާއްޖެއިން ނުދެކޭ ކަމަށްވެސް މިގަރާރުގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމުތަކުގެ ދެމިއޮތުން އަދި ރައްކާތެރިކަން ބިނާވެފައިވާނީ ޖައްވުހޫނުވުމަށް މެދުވެރިވާ ގޭސްތައް ބޭރުވުން މަދުކުރުމަށް ކުރާ މަސައްކަތުގެ މައްޗަށްކަމަށްވުމުން ، ކަނޑައެޅިފައިވާ ވަކި މިންގަަނޑުތަކެއްގެތެރޭގައި ޤައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރުމަށް ބައިނަލް އަޤްވާމީ މުޖްތަމައުގައި ރާއްޖޭން ވަކާލާތު ކުރުމަށްވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ދުނިޔެހޫނުވުމާއި މޫސުމަށް ބަދަލު އަންނަ މައްސަލައަކީ ދެބަސް ވެވެން ނެތްމިންވަރަށް ޒަމާނީ ސައިންސްގެ އަލީގައި ސާބިތުކޮށްދީފައިވާ މައްސަލައެއްކަމަށް ދުނިޔޭގެ ޤައުމުތަކުން ބަލައިގަތުމަށް ގޮވާލުމަށްވެސް މިގަރާރުގައިވަނީ ހިމަނާފައެވެ.

ސައިންސްވެރިން ދެމުންއަންނަ އިންޒާރުތަކަށް އިޖާބަ ދިނުމަށާއި ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެއް މައްޗަށް ދިޔަނުދިނުމަށް ޤައުމުތަކަުން ގްރީންހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް މިހާރަށްވުރެއް 45 އިންސައްތަ ދަށްކުރުމަށާއި، ޕެރިސް އެގްރިމަންޓްގެ ރޫހާ ޙިލާފަށް މަތީ މިންވަރަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެގައުމުތަކާ ދެކޮޅަށް ފިޔަވަޅުއެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލާ ތަންފީޒް ކުރުމަށް ބައިނަލް އަގްވާމީ މައިދާނުގައި ރާޖޭން ވަކާލާތު ކުރުމަށްވެސް މިގަރާރުގައި ވަނީ ގޮވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *