ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. މިއަދު ކްރިމިނަލްކޯޓުގައި ކުރިޔަށްދިޔަ މި މައްސަލައިގެ ފަހު އަޑުއެހުމުގައި އަދުހަމް ވަނީ އޭނާއަށް ކުރެވުނު ކުށަށް އިޢުތިރާފްވެ، ޤާސިމްގެ އާއިލާގެ ކިބައިން މާފަށް އެދިފައެވެ.

މިއަދު ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވުމުން ވެސް އަދުހަމް ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި ދައުވާއަށް އިއުތިރާފު ވެސް ވާ ކަމަށާއި, އެކަމަކީ އޭނާއަށް ކުރެވުނު ކަމެއް ކަމަށާއި މިހާރު އެކަމާ ހިތާމަ ކުރާ ކަމަށެވެ. މިއަދުގެ ޝަރީއަތުގައި އަދުހަމް އެއްކޮށްވެސް އިނީ އިސްޖަހައިގެންނެވެ. އަދި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ ގަމީހުން ފޮހެމުންނެވެ.

"އެއީ އަޅުގަނޑަށް ކުރެވުނު ކަމެއް، އޭރު ހުރީ މަސްތުގެ ހާލަތުގައި، ފަހުން ކުރެވުނު ކަމާ ދެރަވި، ތައުބާވެ ނަމާދު ވެސް ކުރިން، އަޅުގަނޑު މިއަދު މާފަށް އެދެން، އާއިލާއިން އަޅުގަނޑަށް މާފުކޮށް ދިނުމަށް އެދެން،" މިަދުގެ އަޑުއެހުމުގައި  އަދުހަމް ބުންޏެވެ.

އަދުހަމް އިއުތިރާފުވެ، ދައުލަތާއެކު ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. މިއީ މަރުގެ މައްސަލައެއް ކަމުން އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ ގާސިމްގެ ވާރިސުން އަދުހަމަށް މާފުދީފިނަމަ އެވެ. މި މައްސަލައިގައި ޤާސިމްގެ ވާރިސުން ޤާތިލުގެ ކިބައިން ޤިޞާސް ހިފަން ބޭނުންނުވާނަމަ ދެން ޤާތިލަށް އަންނާނީ ،17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަމަށް ޝަރީއަތުގައި ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ގިނަ ހެކި ތަކެއް ވަނީ ދައުވާ ލިބޭ އަދުހަމްއާއި ދެކޮޅަށް ހުށަހަޅާފައެވެ. މިގޮތުން އަދުހަމް ތަޙުގީގަށް ދީފައިވާ ޙާދިސާ ހިނގައިދިޔަ ދުވަހު، ކަންތައް ހިނގައިދިޔަގޮތްވަނީ ވަރަށް ތަފްސީލުކޮށް މި ބަޔާނުގައިވެއެވެ.

ބަޔާނުގައި އަދުހަމް ކިޔައިދީފައިވާ ގޮތުގައި ޖަލުގައި ހުކުމެއް ތަންފީޒުކޮށް ނިންމުމަށްފަހު އަދުހަމް އުޅެމުން ދިޔައީ މާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އަދި އެ ކޮޓަރީގެ ކުލި އޭނާ ދައްކަނީ ރައްޓެހިން އަތުން ފައިސާ ހޯދައިގެންނާއި، ވައްކަމާއި ފޭރުމުގެ ތެރެއިން ހޯދާ ފައިސާއިންނެވެ. އެގޮތުން ގާސިމް މަރާލި ދުވަހަކީ ކުލި ދައްކަން ޖެހޭ ދުވަހެއް ކަމާއި ކުލި ނުދައްކައިފިނަމަ އެ ގެއިން ނެރެލާނެ ކަމަށް އެ ދުވަހު ބުނެފައި އޮތް ކަމަށެވެ.

އެހެންވެ އަދުހަމް އެ ދުވަހު ހުޅުމާލެއަށް ދިޔައީ ފޭރިގެން ފައިސާތަކެއް ހޯދުމުގެ ނިޔަތުގައެވެ. ހުޅުމާލޭގައި އެކި ގޮތްގޮތުން ފޭރެން މުޅި ދުވަހު ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެހެންވެ ކެފޭއަކުން ވަޅިއެއް އޭނާ ހޯދިއެވެ. އަދި އެއާޕޯޓަށް ދާން ޓެކްސީއަކަށް އެރިއެވެ. އެ ޓެކްސީ ޑްރަވައިރަށް ވަޅިން ބިރު ދެއްކޭ ގޮތެއް ނުވިއެވެ. އެއާޕޯޓްގައި ވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ދެން ނިންމީ އަނެއްކާވެސް ހުޅުމާލެ ދިޔުމަށެވެ. އެއާޕޯޓް ޓެކްސީ ކިޔުއަށް އަދުހަމް ގޮސް ތަންކޮޅެއް ދުވަސްވީ ޓެކްސީ ޑްރަވައިރެއް އިން ކާރެއް ހޯދިއެވެ. ކަންދިމާކުރިގޮތުން އަދުހަމް ބޭނުންވި ކަހަލަ މީހަކު އިން ޓެކްސީއަކަށް އެރުނެވެ. އެއީ ގާސިމްގެ ޓެކްސީ އެވެ.

ގާސިމްގެ ޓެކްސީއަށް އަރައި ހުޅުމާލޭގެ ޑްރަގް ރީހެބް އަށް ގެންގޮސްދިނުމަށް އަދުހަމްބުނުމުން އެ ތަނެއް ގާސިމަކަށް ނޭނގޭ ވާހަކަ ގާސިމް ބުނިކަމަށް އަދުހަމްގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންވެ ގާސިމް ދުއްވަމުން ދިޔައީ އަދުހަމް ބުނި މަގުތަކުންނެވެ. ތަންކޮޅެއް އަނދިރި މީހުން ނެތް ހިސާބަކަށް ދެވުމާއެކު އަދުހަމް ފުރުސަތުގެ ބޭނުންކޮށް ވަޅި ނެގިއެވެ. އަދި ހަޅޭއްނުލަވައި ފައިސާތައް ދިނުމަށް އަދުހަމް ބުނިކަމަށްވެއެވެ. އެކަމާ ގާސިމް ދެކޮޅު ހަދައި ވަޅީގައި ހިފެހެއްޓިއެވެ. އޭނާގެ އަތް ޒަހަމްވީ އެ ވަގުތުއެވެ. ދެން ވެސް ހަޅޭއްނުލެވުމަށް އަދުހަމް އެންގުމުންވެސް ގާސިމް ގެންދިޔައީ ހުއްޓުމެއް ނެތި ފަހުވަގުތާއި ޖެހެންދެންވެސް އެހީއަށް ގޮވަމުންނެވެ. ދެން އަދުހަމްގެ ހަމަލާ އަމާޒުވީ ގާސިމްގެ ކަރުގެ ވާތް ފަރާތަށެވެ. ގާސިމްގެ ކަރަށް ވަޅި ހަރާލުމާއެކު އޭނާ ވަޅި ދަމައިގަތެވެ. އެ ވަގުތު ގާސިމްގެ މުޅި ގަޔަށް ލޭތައް އޮހޮރިގެން ދިޔަ އެވެ. އަދި އަދުހަމްގެ ގަޔަށް ވެސް ލޭ ބުރައިގެން ދިޔަ އެވެ. އަދުހަމް ވަގުތުން ޓެކްސީއިން ފައިބާ ދުއްވައިގަތެވެ. އަދި ވަޅި އެ ތަނާހުރި ވަޅުގަނޑަކަށް އެއްލާލި އެވެ. އޭރު ކަރުގައި އަތް އަޅައިގެން ގާސިމް އެހީއަށް އެދި މަގުމަތީ ދުވަނީ އެވެ.

އަދުހަމް ލައިގެން ހުރި ނޫކުލައިގެ ގަމީސް ބާލައި ސައިކަލެއް މަތީ ބޭއްވި އެވެ. އަދި އޭނާގެ ރައްޓެއްސެއްގެ ފްލެޓަށް ގޮސް ގަމީހެއް ލައިގެން އައިސް ކުރިން ލައިގެންހުރި ގަމީސް ކުނި ބަސްތާއެއްގެ ތެރެއަށްލާ ފޮރުވިއެވެ. މި ވާހަކަތައް ވަކީލް ކިޔައިދެމުން ދިޔައި ޝަރީއަތުގައި ތިބި ގާސިމްގެ އާއިލާގެ މީހުންނަށް ފުން އަސަރުތަކެއް ކުރަމުން ދިޔަ އެވެ. އަދުހަމް އިނީ އިސް ޖަހައިގެންނެވެ.

މިއަދުގެ އަޑުއެހުމުގެ ޝަރީއަތް ނިންމާލާފައިވަނީ ފަސްދުވަސް ފަހުން އަވަސް ނިޔާގެ އަޑުއެހުމެއް ބޭއވުމަށް ތާވަލުކޮށްފައެވެ. އަދި މި އަޑުއެހުމުގައި ވާރިސުންގެ ބަސް ހޯދައި އަދުހަމްއަށް ޙުކުމް އިއްވުން އޮންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *