އެކުންފުނިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ގްރޭޓާރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަން މާލެ އާއި ހުޅުމާލެއާއި ދެމެދު ފެބްރުއަރީ 11 ވަނަ ދުވަހުން ފެއްޓިގެން އާ ބަސް ރޫޓެއް ފަށާފައިވާ ކަމަށެވެ. އެ ރޫޓުގައި މާލެ އިން ދެ ތަނަކަށް އަދި ހުޅުމާލެ އިން ވެސް ދެ ތަނަކަށް ބަސް ހުއްޓާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެއީ މާލެ އިން ކާނިވާ ސަރަހައްދުން ފަށައިގެން ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމައްޗަށެވެ. އަދި މި ދަތުރުގައި ހެންވޭރު ވޮލީ ކޯޓު ކުރިމަތީގައި އިން ބަސްހުއްޓިއަށާއި ހުޅުމާލޭގެ ރެޑްވޭވް ކުރިމައްޗަށް މަޑުކުރާގޮތަށް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ.
ނިމިދިޔަ 2019 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވި މި ޚިދުމަތް ވަނީ ތަފާތު އެތަކެއް ސަބަބުތަކާއިހެދި ގިނަ ދުވަސް ތަކަކަށް ލަސްވެގެން ގޮސްފައެވެ.
މީގެ ކުރިން އެކުންފުނިން ޚިދުމަތް ގެންދަމުން ގޮސްފައިވަނީ ހުޅުމާލެއާއި, މާލޭގެ އިންޑަސްޓްރިއަލް ޒޯންއާއި ދެމެދު އެކަންޏެވެ. ނަމަވެސް މިފެށިގެން ދިޔަ ޚިދުމަތުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.