އަންނަ ރޯދަމަހަށް ބެނުންވާ ތަކެތީގެ ތެރެއިން 51 އައިޓަމެއްގެ އަގު ދަށްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވަނީ ރޯދަމަހަށް ބޭނުންވާ އަސާސީ ބާވަތްތައް އަގުހެޔޮކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯ މެދުވެރިކޮށް ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ބާވަތެއްގެ "ޑިމާންޑް އެންޑް ސަޕްލައި" އޮންނަ ވަރަކަށް އެތަކެތި ގުދަން ކުރުމަށްޓަކައި ގޮތްތަކެއް ރާވާނެ ކަމަށާއި އެކަމާއި ގުޅޭ ފުރަތަމަ ބައްދަލުވުން މިހަފްތާގެ ބުދަ ދުވަހު ބޭއްވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ރޯދަމަހާއި ދިމާކޮށް އަގު އުފުލިގެންދާ ބައެއް ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް، މިރުސް، އަލުވި އަދި ފަނި ގިރުމަށް ބޭނުންކުރާ ކަރާ، ފެޝަން ފުރުޓު ފަދަ ތަކެތި ހިމެނެއެވެ.
މިދިޔަ އަހަރުގެ ރޯދަމަހު އެންމެ ބޮޑަށް އަގު އުފުލިގެންދިޔަ އެއް ބާވަތަކީ ކަނޑޫދޫ މިރުހެވެ. ކިލޯއެއްގެ އަގު 1000.00 ރުފިޔާއަށްވުރެ މައްޗަށް ދިޔުމުގެ ސަބަބުން، ގިނަ ބަޔަކަށް މިކަމުން ބޮޑެތި ދަތިތަކެއް ކުރިމަތި ވެގެން ގޮސްފައި ވެއެވެ.
އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް ރޯދަ މަހަކީ ކޮންމެ އަހަރަކުވެސް ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާ މަހެކެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެ ގިނަ ހިތްހަމަ ނުޖެހުން ތަކެއް ކުރިމަތިވެގެންދެއެވެ.