މި ހިނގާ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15ވަނަ ދުވަސް، ދަނޑުވެރިންގެ ދުވަހުގެގޮތުގައި ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. އެގޮތުން ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވާފައިވަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެގޮތުގައި ފާހަގަކުރުމަށެވެ.
ދަނޑުވެރިންގެ ދުވަހެއް، ކޮންމެ އަހަރަކުވެސް ފާހަގަކުރުމަށް ނިންމެވުމުގެ މައިގަނޑު މަޤްޞަދުތަކަކީ، ދިވެހިރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަމަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިޤްތިޞާދުގައި ޙިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ޒުވާނުންނާއި މަސައްކަތްކުރާ ޢުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމެވެ. ހަމަ އެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތިކަންކަން ފާހަގަކޮށް، އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތަޢާރަފުކުރުމެވެ.
ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ސަބަބުތަކާއިހުރެ ދަނޑުވެރިންގެދުވަސް ފާހަގަކޮށްފައިވަނީ، އަހަރުގެ ކޮންމެވެސް އެހެންދުވަހެއްގައެވެ. ނަމަވެސް މިކަމަށް ބަދަލެއްގެނެސް، ދުނިޔޭގެފެންވަރުގައި ފާހަގަކުރަމުންދާ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމަށްވާ، 16 އޮކްޓޯބަރ އާއި ގުޅުވައިގެން، ދަނޑުވެރިންގެދުވަސް ފާހަގަކުރުމަށް މިއަދު ނިންމެވި ސަބަބަކީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމެވެ. ހަމަ އެހެންމެ މިކަން މިގޮތަށް ކުރެވެމުންދާނަމަ، ދިވެހި ދަނޑުވެރިކަމުގެ ތަރައްޤީގެ ސިޔާސަތުތަކާއި މަޝްރޫޢުތައް އެހެނިހެން ސިނާޢަތުތަކާއި އެއް މިސްރާބެއްގައި ތަރައްޤީކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމެއްކަންވެސް، މިއަދުގެ މަޝްވަރާގައި ވަޒީރުން ފާހަގަކުރައްވާފައިވެއެވެ.