މުސްލިމުންގެ މުޤައްދަސްބިންކަމަށްވާ، ސަޢުދީ އަރަބިއްޔާގެ މައްކާއަށް، ޙައްޖާއި އުމްރާގެ މަތިވެރިއަޅުކަން އަދާކުރުމަށް ކޮންމެއަހަރު އެތައް މުސްލިމުން، ދުނިޔޭގެ އެކި ހިސާބުތަކުން ދަތުރު ކުރެއެވެ. ބައެއްމީހުން ސައިކަލު އަދި ބައިސްކަލުގައި ދާއިރު، ހިނގާފައާއި ޖަނާވަރުންގެ ބުރަކަށިމައްޗަށް ސަވާރުވެގެންވެސް ވަރަށް ގިނަ ބަޔަކު ޙައްޖަށްގޮސްފައިވެއެވެ. ނަމަވެސް މިކަންކަން ބޮޑަށް އޮންނަނީ ފިރިހެނުންނަށް ޚާއްސަވެފައެވެ. އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަށް ގޮވާލާޒަމާނެއްގައި ޓިއުނީޝިޔާގެ ސާރާ ޙަބާމިވަނީ މުޅިން އާ ރެކޯޑެއް ޤާއިމް ކޮށްފައެވެ.

ބައިސްކަލުގައި މައްކާއަށް އެތެރެވި ފުރަތަމަ އަންހެނާގެ ލަޤަބް ސަރާ ހޯދީ 53 ދުވަހުގެ ދަތުރަކަށްފަހުއެވެ. ސާރާގެ މުޅިދަތުރު އޭނާވަނީ ރެކޯޑްކޮށް މީސްމީޑިޔާގައި އާންމުކޮށް އަދި އެތައްމިލިއަން މީހުން ބަލާފައެވެ.. #cyclingtoMakkah ބޭނުންކޮށްގެން ސާރާގެ ދަތުރުގެ ޚަބަރުތައް މުޅިދުނިޔެއާއި ޙިއްސާކުރަމުން ދިޔައިރު ގިނަބަޔަކު ދިޔައީ ސާރާއަށް ތަޢުރީފްކޮށް ސާބަސްދެމުންނެވެ. އަދި މައްކާއަށްދެވުމުން އެމީހުންގެ ފަރާތުން ދުޢާކޮށްދޭންވެސް ބައެއްފަރާތްތަކުން ސާރާކާރީގައި އެދުނެވެ. ސާރާ މައްކާއަށް ދަތުރުކުރީ މިޞްރާއި ސޫދާންގެ ހަނަފަސް ސަހަރާތަކުގެ ތެރެއިންލާފައެވެ.

ސާރާދަތުރުކުރަމުން ދިޔައީ އެކަނިކަމުން ބައިސްކަލު ހަލާކުވާ ކޮންމެ ފަހަރަކު އެ މަރާމާތުވެސް ކުރަންޖެހެނީވެސް، ސާރާ އަމިއްލައަށެވެ. ސާރާ ދަތުރުކުރަމުން ދިޔައިރު މީސްމީޑިޔާގައި އާންމުކުރަމުން ދިޔުމުގެ ސަބަބުން ދަތުރުގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސާރާއާއި ބައްދަލުވެސް ކުރިއެވެ. މިގޮތުން ދަތުރުގެ 16 ވަނަ ދުވަހު ސާރާ ސޫދާއަށް އެތެރެވިއިރު ސާރާއާއި ބައްދަލުކުރުމަށް 200 ކިލޯމީޓަރު ދަތުރުކޮށްފައި އަންހެނަކު އައެވެ. މީގެ އިތުރުން ދަތުރުގެ އެކި ހިސާބުން މީހުންއުޅޭ ސަރަހައްދުތަކުން ދަތުރުކުރާއިރު، އެކިފަރާތްތަކުން ސާރާއަށް ކަރާފަނި އަދި ކަދުރު ހަދިޔާކުރަމުންދިޔައެވެ. އަނެއްބަޔަކު ސާރާއަށް ފެނާއި މޭވާ ހަދިޔާކޮށް ދަތުރުގައި ސާރާއާއި ބައިވެރިވާކަން ހާމަކުރަމުންދިޔައެވެ. ބައެއްމީހުން 10 ކިލޯމީޓަރަށް ސާރާއާއިއެކު ދަތުރުވެސް ކުރިއެވެ. މި އެންމެނަށްވެސް ސާރާވަނީ ހިތުގެ އެންމެފުންމިނުން ޝުކުރުއަދާކޮށްފައެވެ. މިދަތުރުގައި ސާރާ ދުއްވި ބައިސްކަލަށް ދީފައިވާނަމަކީ "މަރްޒޫޤާ'' އެވެ. މާނައަކީ "ރަޙްމަތުން ފުރިގެންވާ" އެވެ.

ސާރާގެ މިދަތުރުފެށީ، މައްކާއާއި ހަމައަށްދެވޭނެކަމުގެ މާބޮޑު ޔަގީންކަމެއް އޮވެގެން ނޫނެވެ. އެއްކަމަކީ މިވަރުގެ ދިގު ދަތުރަކަށް ސާރާ ޖިސްމާނީގޮތުން ތައްޔާތުވެފައި ނެތުމެވެ. އަނެއްކަމަކީ، ސާރާ ދަތުރުކުރީ މަޙްރަމަކު ނުލާކަމުން، މައްކާއަށް ސާރާއެތެރެވުމުގެ ހުއްދަ މައްކާގެ ކަމާބެހޭއިދާރަތަކުން ނުދީފާނޭކަމުގެ ބިރު އޮތުމެވެ. ނަމަވެސް ހުރިހާބިރަކާއި ޖެހިލުންވުން އެއްފަރާތް ކޮށް ސާރާގެ ދަތުރުހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން، ﷲގެ ވާގިފުޅާއިއެކު މައްކާގެބިމަށް ސާރާ އެތެރެވީ ފަޚުރިވެރިނަމަކާއި ވެސްއެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *