މިހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް އިއުލާނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިޢުލާނުކޮށްފިއެވެ.
މިނިސްޓަރު ފައްޔާޒު މިކަން އިއުލާންކުރެއްވީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ސޯލިޙްގެ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ މިނިމަމް ވޭޖް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން، އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިއިސްލާހުގައި ވަނީ މިއިސްލާހު ފާސްވުމުން "މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދާ ބޯޑުގެ ލަފާގެ މަތިން އެންމެ ކުޑަ ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރު ކަމަށެވެ.
ބޯޑުގެ ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ކުޑަ އުޖޫރަ ދިނުމާއި ގުޅޭ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ދިރާސާކޮށް މިނިސްޓަރަށް ލަފާ ދިނުމާއި، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާކުރުމާއި އެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން ހިމެނެ އެވެ.އަދި އިސްލާހު ފާސްވާތާ އެއްމަސްދުވަހުގެ ތެރޭގައި ލަފާދޭ ބޯޑު އެކުލަވާލުމަށް އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ.
މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު މުވައްޒަފަކަށް ގަޑިއަކަށް ޖެހޭނެ އަދަދާއި މަސައްކަތުގެ ބަޔަކަށް ޖެހޭނެ އަދަދާއި އަދި އިތުރު ގަޑީގައި ލިބޭނެ މިންވަރުވެސް ކަނޑައެޅި ދާނެ އެވެ.
މި ބިލުގެ ދަށުން އެންމެ ކުޑަ އުޖޫރަ ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކަކީ އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޓޫރިޒަމްގެ ދާއިރާ، ތައުލީމީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ.