"'މޫދު އަޑީގައި އެބައޮތް މީހަކު މަރުވެފަ' އިވުނީ މިހެން ގޮވި އަޑު" ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގެ މޫދަށް ގެންބުނު މީހާ ސަލާމަތް ކޮށްދިން، އަބްދުލް ޢަފޫރު އާދަމް އެ ހާދިސާ ކިޔާދިނީ މޮޅިވެރިކަމާއި އެކުއެވެ.

ކޮންމެ ހެނދުނަކު ރައްޓެހިންނާއި އެކު ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދަށް މޫދަށް ގޮސް އުޅޭ ޣަފޫރަށް މިއަދު އިވުނީ އެހެންޏާ ނީވޭ އަޑެކެވެ. އެހެންޏާ ނުފެންނަ މަންޒަރެކެވެ. އޭނާ ބުނީ މޫދަށް އެރުނުތާ އޭރު ފަސް މިނެޓު ނުވާނެ ކަމަށެވެ. އިވުނީ މޫދު އަޑީގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ދުވަސްވީ އަންހެނަކު ވަރަށް ބާރަށް ގޮވަމުންދިޔަ އަޑެވެ.

"ނެގީ ހަފޫޓު އަޑިން"

ޣަފޫރު އަވަސްވެގަތީ ވެގެން އުޅޭ ގޮތް ބެލުމަށެވެ. އެއާއި އެކު އޭނާ މިސްރާބު ޖެހީ ގެނބިފައިވާ މީހާ ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ވީހާވެސް އަވަހަކަށް ފަތާފައި ދިއުމަށް ކަމަށެވެ. މިނެޓެއްގެ ތެރޭގައި އެ ހިސާބަށް ގޮސް، ބަލާލިއިރު، ގެނބިފައިވާ މީހާ އޮތީ ގާތްގަނޑަކަށް ހަ ފޫޓު އަޑީގައެވެ.

އެހީތެރިވެދިނީ އެމްޕީ ނިޔާ

އެމީހާ މޫދު އަޑިން ނަގާ، އެއްގަމަށް ގެންދިއުމަށް އެހީތެރިވެދިނީ ޢަފޫރާއި އެކު ކޮންމެ ދުވަހަކު މޫދަށް ދާ އެކުވެރިޔާ، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) އެވެ. ނިޔާގެ އެހީތެރިކަމާއި އެކު އެމީހާ އެއްގަމަށް ގެނައުމަށްފަހު އަވަސްވެގަތީ ސީޕީއާރު ދިނުމަށް ކަމަށް ޣަފޫރު ކިޔާދިނެވެ. އޭރު އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ.

އެއްވެސް ވަރަކަށް ހަރަކާތެއް ނުކުރޭ އެއްގަމަށް ނެގިއިރުވެސް.

ޢަފޫރު ބުނީ ދެން އަވަސްވެގަތީ އެމީހާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ސީޕީއާރު ދެމުންދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ލައްވާ ފުލުހުންނަށް ގުޅުވާ އެހީތެރިކަމަށް އެދުނު ކަމަށް އޭނާ ބުންޏެވެ. އަދި މާގިނަ އިރުތަކެއްނުވެ، ފުލުހުންގެ ވެހިކަލްގައި އެމީހާ އަށް ފަރުވާދިނުމަށް ގެންދެވުނީ ހޮސްޕިޓަލަށެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް 'ޖަޒީރާ' އާއި ހިއްސާ ކުރަމުން ޣަފޫރު ބުނީ ގެނބުނީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ ބިދޭސީއެއް ކަމަށެވެ. އަދި އެ ސަރަހައްދަށް އާއްމުކޮށް މޫދަށް ގޮސް އުޅޭ މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެމީހާއަކީ އާއްމުކޮށް އެ ސަރަހައްދަށް މޫދަށް ގޮސް އުޅޭ މީހެއް ކަމަށް ޣަފޫރު ބުންޏެވެ.

ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހާ އަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. އެމީހާގެ ހާލަތު ދެނެގަތުމަށް 'ޖަޒީރާ' އިން ކުރި މަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *