މާލެއަށް ޖެހިފައި އޮތް ހާލަތަކީ ފަލަސްތީނަށް ޖެހިފައި އޮތް ހާލަތު ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތަކަށް އެތައްބައެއްގެ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މާލެއަކީ މާލެ ރައްޔިތުންގެ ތަނެއް ކަމަށާއި ނަމަވެސް މާލެ ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.
ރާއްޖޭގެ ވެރިކަން ކުރަމުން އަންނަ މާލެ ސިޓީގެ ބިން ހިއްކައި ހިތުހުރި ގޮތަކަށް ކޮންމެ ސަރުކާރަކުން ވެސް ބަހާލަނީ ކަމަށް ޝަހީމް ވިދާޅުވި އެވެ. ކަނޑުއޮޅިއާ ޖެހެންދެން ހިއްކުމަށްފަހު ވެސް އެހެން ތަންތަނުން މީހުން ގެނެސް ވަޒަންވެރި ކުރުވީ ކަމަށާއި މާލެ މީހުން ތިބީ ތިބި ގޮތަށް ކަމަށެވެ.
އަދި މާލެއަށް ދިމާވަމުން މިދަނީ ގާތްގަނޑަކަށް ފަލަސްތީނަށް ދިމާވެފައިވާފަދަ ޙާލަތެއްކަމަށް ޝަހީމް އިތުރަށް ވިދާޅުވެފައިވުމުން ރަށްރަށުގެ އެތައްބަޔަކު ދަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޝަހީމްގެ މި ބަސްމަގާއި ގުޅިގެން ބައެއް މަޖިލީސް މެމްބަރުންވެސްދަނީ މިކަމަށް ހޫނު ބަހުސްތަކެއް ކުރަމުންނެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ އިސްރާއިލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައަކުން އަތޮޅުތެރޭ މީހުން މިނެކިރުމަކީ އެކަމާ ލަދުވެތިވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެރަވެ ކަންބޮޑުވެސް ވާކަމަށް މެމްބަރު ޔަޢުޤޫބު ވަނީ ވިދާޅުވެފައެވެ.
މި ކަމާއި ގުޅިގެން އެންމެ ހޫނު ރައްދުތަކެއް ދެއްވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިން ވިދާޅުވި ގޮތުގައި، މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށާއި މާލެ ތަރައްގީ ކުރުމަށް ނެގި ލޯންތަކާއި ކުރަމުންދާ ހަރަދުތަކަކީ ދިވެހި ރައްޔިތުންގެ އެސެޓް ކަމުގައެވެ.
އަދި މި ބަހުސްއާއި ގުޅިގެން ސައުދު އިތުރަށް ވިދާޅުވެފައިވަނީ "މާލެ ދަފްތަރުގަ ޖެހިފައިވާ ރައްޔިތުން އެ ލިސްޓް ދޫކޮށް އެ ބަޔަކު ނިސްބަތްވާ ރަށުގަ ރަޖިސްޓްރީއަށް އަވަހަށް ބަދަލުވުމަށް ގޮވާލަން، ރާއްޖެތެރޭ މީހުންގެ ފައިސާއިން މާލެ ތަރައްގީ ކޮށްފަ އެ ރައްޔިތުންނަށް ދަތިކޮށް ފުރައްސާރަ ކުރާނަމަ ދެކުނު ރައްޔިތުން އަނެއްކާވެސް ސުވަދީބު ސަރުކާރެއް އުފައްދަން ޖެހިދާނެ،" ކަމަށެވެ.
މީގެ އިތުރުން ކުރީގެ ނައިބު ރައީސްވެސް ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތައް ކުށްވެރިކޮށްފައެވެ.