ރާއްޖޭގައި  ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ހަމައެކަނި ދެކުންފުނި ކަމުގައިވާ ދިރާގާއި އުރީދޫ ފިޔަވައި އެހެން ދެކުންފުންޏެއް ރާއްޖެއަށް ޚިދުމަތްދޭން އަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އިތުރު ކުންފުންޏެއް މި ޚިދުމަތްދޭން އަންނަން ޖެހޭނީ މިދެކުންފުނިން ރަނގަޅު ޚިދުމަތެއް ނުދޭތީ ކަމަށް އީވާ އަބްދުﷲ ވިދާޅުވިއެވެ. 

މިއަދު ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުއްވި ބިލް "ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލު"ގެ ބަހުސްގައި އީވާ ވިދާޅުވީ، މިސަރަހައްދުގެ އެހެން ގައުމު ތަކާއި އަޅާ ބަލާއިރު ދިރާގާއި އުރީދޫން ދޭ ޚިދުމަތުގެ ފެންވަރު ދަށް އިރުގައި އަގުވެސް ރަނގަޅު ނޫންކަމަށެވެ. އަތޮޅު ތެރެއަށް އެ ދެކުންފުނިން ދޭ ޚިދުމަތަކީ ފެންވަރުގެ ގޮތުން ދަށް އަދި ހަގީގަތުގައި އެ ސަރައްހަދުތަކަށް ޚިދުމަތް ނުވެސް ލިބޭ ކަމަށް އީވާ ވިދާޅުވިއެވެ. 

"އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި އެ ލިބޭ އިންޓަނެޓްގެ ޚިދުމަތަކީ 2020 ގައި އިންޓަނެޓް ޚިދުމަތޭ އިއްޒަތްތެރި ރައީސް، ދަންނަވަން ވެސް އަޅުގަނޑަކަށް ނުކެރޭނެ،" 

އިތުރަށް އީވާ ވިދާޅުވީ ކުންފުނިތަކަށް މޮނޮޕޮލީ އޮތުމުގެ ސަބަބުން އެ ކުންފުނިތަކުން އިގުތިސާދީ ބާރު ޙޯދައި، އޭގެ ސަބަބުން ސިޔާސީ ނުފޫޒުވެސް ލިބޭކަމަށެވެ. ރާއްޖޭގެ ހުރި މީޑިއާތަށްވެސް މިފަދަ މޮނޮޕޮލީ ތަކުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިކުނޑިތަކާއި ކުޅުމުގެ ފުރުސަތު އޮންނަ ކަމަށް އީވާ ހާމަކުރެއްވިއެވެ. 

"އަދި އިއްޒަތްތެރި ރައީސް، މީޑިއާތަކުން ވެސް އެ ކުންފުނިތަކުގެ ވާހަކައެއް ލިޔާކަށް ވެސް ނުވެސް ކެރޭ. އުރިދޫ އޭ، ދިރާގޭ ވަތައްނިއްޔާއޭ، އަދި ނުވަތަ އަޅުގަނޑުމެންގެ ސަރުކާރުގެ ޔޫޓިލިޓީ ކުންފުނިތަކޭ ކިޔައިގެން ވެސް ވާހަކައެއް، ދެކޮޅަށް ވާހަކައެއް ޖަހާލާތަނެއް އަޅުގަނޑަކަށް ނުފެނޭ،"

ރައީސް އިބްރާހިމް މުޚައްމަދު ސާލިހްގެ ރިޔާސީ ވައުދެއްކަމަށްވާ އިންޓަރނެޓްގެ އަގުހެޔޮ ކުރުން ލަސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަންނަނީ އަމާޒު ވަމުންނެވެ. މިގޮތުން ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު އަކީ ފެއިލްވެފައި ހުރި މީހެއްކަމަށާއި، މަލީހު އިސްތިއުފާ ދިނުމަށް މީސްމީޑިއާގެ ވަސީލަތްތައް ކަމުގައިވާ ފޭސްބުކް އަދި ޓްވިޓަރގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އީވާ މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު މިއަދު އިންޓަރނެޓަކީ ބައެއް ޤައުމު ތަކުގައި އަސާސީ ޚިދުމަތެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *