މީސް މީޑިއާގެ މަޝްހޫރު އެކްޓިވިސްޓް އަދި ކުރީގެ ނޫސްވެރިޔާ ތައްޔިބު ޝަހީމަށް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރަކަށް ހަމަޖައްސައިފިއެވެ. މިއަދުގެ ވަގުތެއްގައި ހަމަޖެއްސި މިމަޤާމަކީ ސިޔާސީ މަޤާމެކެވެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި ގިނަ ފަރާތްތަކެއް ދަނީ ތައްޔިބު ޝަހީމަށް މަރުޙަބާ ކިޔަމުންނެވެ. ތައްޔިބު ޝަހީމަކީ ރައީސް ޔާމިނުގެ ވެރިކަމުގައި އެތަކެއް ފަހަރު މަތިން އޭރުގެ ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް އާންމުުންގެ ސަމާލުކަމަށް ގެނެސް ފަޅާ އަރުވާލާފައިވާ ފަރާތަކެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ކޯޓު އަމުރެއްގެ ދަށުން ދިރާގު މެދުވެރިކޮށް، ތައްޔިބު ޝަހީމް ބޭނުންކުރި ޓްވިޓަރ ހެންޑެލްގެ އިތުރުން މީސް މީޑިއާ އެހެނިހެން އެކައުންޓްތައް އަތުލުމަށް މަސައްކަތް ކުރިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިމައްސަލާގައި ފަހުން ތައްޔިބު ޝަހީމްގެ އައިޑީތައް ވަނީ އޭނާއަށް އަނބުރާ ލިބިފައެވެ. ރާއްޖޭގައި އުފެދުނު އެންމެ ޖެހިލުން ކުޑަ އެއް ޝޯޝަލް މީޑިއާ އެކްޓީވިސްޓް ތައްޔިބު ޝަހީމް ވަނީ ދާދި ފަހުން ޑީއާރުޕީގެ ޝޯޝަލް މީޑިއާ ހިންގުމަށް ހަވާލުވާން ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އާއިއެއްކޮށް އެއްބަސްވުމެއްގައި ސޮއެކޮށްފައެވެ.
ތައްޔިބު ޝަހީމަށް އެގްޒެކްޓިވް ޑިރެކްޓަރ ކަން ލިބުމުގެ ދުވަސްކޮޅެއް ތައްޔިބު ޝަހީމް ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މިސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދު ދަނީ ފަހަތައް.
ކުދި/މެދުފަންތީގެ ގިނަ ވިޔަފާރިތައް ފުނޑިއްޖެ. ބޭރުގެ ފަރާތްތަކަށް ކުދި/މެދު ވިޔަފާރި/ޕްރޮޖެކްޓް ހިންގަން ފަހި ފުރުޞަތު ދެވުމުން ނިސްބަތުން އެނބުރޭ ފައިސާ ދައްވެއްޖެ. ދަތިވެއްޖެ، މީހުން ހާލުގަ ޖެހިއްޖެ، ކުދި/މެދުފަންތި ވިޔަފާރިތައް ހީނަރުވެއްޖެ.
28 ޖެނުއަރީ 2020 ވަނަ ދުވަހު ތައްޔިބު ޝަހީމް ކުރެއްވި ޓްވީޓްގައި ވެއެވެ. ނަމަވެސް މިހާރު ތައްޔިބު ޝަހީމްގެ ފަރާތުން ފެނިގެންދަނީ އެމްޑީޕީ ޕްރޮމޯޓްކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ޓްވީޓްތަކެވެ. މިފުރުސަތުގައި "ޖަޒީރާ" ޓީމުގެ ފަރާތުންވެސް ތައްޔިބު ޝަހީމަށް މަރުހަބާ ދަަންނަވަމެވެ.