ކ. މާފުށީގައި ބިކިނީ ލައިގެން މަގުމަތީގައި އުޅެނިކޮށް ހައްޔަރު ކުރި، އިނގިރޭސި ވިލާތުގެ ފަތުރުވެރިޔާ ސެސީލިޔާ ޖަސްޓްޒެމްބްސްކާ ކިބައިން ރައީސް މުޚައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފި އެވެ.
މާފުށިން ހައްޔަރު ކުރި އުމުރުން އެންމެ 26 އަހަރުގެ ސިސީލިޔާ ހައްޔަރުކުރި ވީޑިއޯ އާންމުވެ އެކަމުގައި ފުލުހުން އަމަލު ކުރި ގޮތަށް ވަނީ އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. ވީޑިއޯތަކުން ފެންނަ މަންޒަރުން ބިކިނީ ލައިގެން އުޅުނު ފަތުރުވެރިޔާ ހައްޔަރުކޮށްފައިވަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހުވެސް އެކަމަށް ބޯ ނުލެބުމުންނެވެ.
އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ސެސިލިއާގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރުވެސް ސިސިލިޔާގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާކަން ވެސް ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު އުންމީދުކުރަން، ޓޫރިޒަމް މިނިސްޓަރު، ސެސީލިޔާ އަށް އަލުން ރާއްޖެ އައުމަށް، މާފުށީގައި ޗުއްޓީ ހޭދަކުރުމަށް ދަޢުވަތު ދެއްވާނެ ކަމަށް،"
ސެސީލިޔާއަކީ ޓްރެވަލް ބްލޮގަރެއްގެ އިތުރުން، އެގައުމުގެ ޕާލިމަންޓްގެ އެޑްވައިޒަރެއް އަދި ބައެއް މަޝްހޫރު ޓީވީ ޝޯތަކުގައިވެސް ބައިވެރިވެފައިވާ ފަރާތެކަމަށް އިނގިރޭސި ވިލާތުގެ ނޫސްތަކުން ހާމަކުރެއެވެ.