އާދެ! "ކުލަ" މި ލަފުޒަކީ ތިޔަބޭފުޅުންނަށް އައު ލަފުޒަކަށް ނުވާނެކަން ޔަޤީނެވެ. މި ލަފުޒަކީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނެ ލަފުޒެކެވެ. ދިވެހި ބަސްފޮތް ބުނާގޮތުގައި މި ލަފުޒުގެ ނުވަ މާނައެއް އެބައޮތެވެ. އޭގެތެރެއިން ބައެއް މާނަތަކުގައި މި ލަފުޒު ބޭނުންކޮށްފައިވަނީ ބޯދާ ޒަމާނުގައެވެ. އެ ޒަމާނުގައި މި ލަފުޒު ބޭނުންކުރަމުންއައި މާނަތަކަށް ބަލާއިރު ދަރިކޮޅު ނުވަތަ ޢާއިލާ ނުވަތަ ވަންހަ ހިމެނެއެވެ. ހަމަ އެހެންމެ ފަށައިގަންނަ ފަށައިގަތުމުގެ މާނައިގައި ވެސް، މި ލަފުޒު ބޭނުންކޮށްފައިވެއެވެ. 
"ކުލަ" މި ލަފުޒަކީ ވެސް ބޭރު ބަހަކުން ދިވެހިބަހުގެތެރެއަށް އައިސްފައިވާ ލަފުޒެކެވެ. ސާންސްކުރިތު ބަހުގައި ދަރިކޮޅުގެ މާނަކުރެވޭ ލަފުޒުތަކުގެތެރޭގައި "ކުލަ" (kula) ހިމެނެއެވެ. މަލަޔާޅަމް ބަހުގައި "ކުލަމް" (kulam) އޭ ކިޔައެވެ. ތަމަޅަ ބަހުގައި "ކުލައްޓާއި" (kulattai) އޭ ކިޔައެވެ. ގުޖްރާތީބަހުގައާއި، ޕާލީ ބަހުގައި ކުލަ(kula) އޭ ކިޔައެވެ. 
ހިޖުރައިން ފަސްސަތޭކަ ތެޔާހިވަނަ (1196-1197) އަހަރުގައި ލިޔެވިފައިވާ ލޯމާފާނުގައި "ކުލަ" މި ލަފުޒު ބަޔާންވެފައިވެއެވެ. މި ލޯމާފާނަކީ ޝޯމަވަންސަ ނުވަތަ ހަނދުވަންހަ ( Moon Dynasty) ދަރިކޮޅުން ވަޑައިގަތް ޝްރީމަތަ ގަޑަނާދީއްތަ މާރަސުން(މަހާރަދުން) ގެ ރަސްކަމުގައި ލިޔެވުނު ލޯމާފާނެވެ. އާދެ! އަލްޤާޟީ ޙަސަން ތާޖުއްދީން ބަޔާންކުރައްވައިފައިވާ "دنی کلمنجا سری فنادیت مھاردن" (ދިނެއި ކަލަމިންޖާ ސުރީ ފެންނާދީއްތަ މަހާރަދުން)  ގެ  ރަސްކަމުގައެވެ. އެޗް.ސީ.ޕީ ބެލް ވިދާޅުވެފައިވާ "S. Dinei Kalaminja' Sri Fana'ditta maha' r." ގެ ރަސްކަމުގައެވެ. ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވައިފައިވާ ބީދައިން، އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރީ ފެންނާދީއްތަ މަހާރަދުންގެ ރަސްކަމުގައެވެ. މި ލޯމާފާނަކީ އެޗް.ސީ.ޕީ ބެލް ވިދާޅުވެފައިވާ "އެތެރެކޯލު" ލޯމާފާނެވެ. 

މި ލޯމާފާނުގެ ފަނަރަވަނަ ލޯފޮތީގެ ދެވަނަ ފުށުގައި  ބަޔާންވެފައިވަނީ ".....މިމަސްދިދު ބިދެ ނާޝަނާ ކުރެމެވި އެހިންތާކުޅަ ކޮންމެ ކުލެ ރަހަކުން ދޭވަތާއި ނަށަ ދުރޮއިވަނީ ކޮށު...." މާނައަކީ، މި މިސްކިތް ނައްތާލައި ސުންނާފަތިކުރަން ހީކުޅަ ކޮންމެ ޢާއިލާއެއްގެ ރަސްކަލެއް ނަމަވެސް، ކަލާނގެއަށް ދަރަނިވެރިވާ ހުއްޓެވެ. ( ދަނބިދޫ ލޯމާފާނުގެ ތަރުޖަމާ، އަލްމަރުޙޫމު ޢަލީ ނަޖީބު ) އާދެ! އިސްވެ މި ނަކަލުކުރި ޢިބާރާތުން ތިޔަ ފެނިވަޑައިގެންނެވި "ކުލެ" އަކީ، "ކުލަ" އެވެ. 
އިހުގެބައެއް ރަސްރަސްކަލުންގެ ކޮލީނަންފުޅުގައި ވެސް، 
"ކުލަ" މި ލަފުޒު ހިމެނިފައިވެއެވެ. މި ގޮތުން އަޅުގަނޑު ސަމާލުކަމެއްދޭނީ، ހުކުރު މިސްކިތުގައިވާ ކަނބާ ޢައިޝާގެ މަހާނަފުޅުގައި ހުރި ގަލުގައި ދިވެސްއަކުރުން ލިޔެފައިވާ ލިޔުންކޮޅެއްގެ މައްޗަށެވެ. މި މަހާނަފުޅު ހުރީ ހުކުރު މިސްކިތުގައިހުރި ކަނބާ ޒިޔާރަތޭ ކިޔާ ޒިޔާރަތުގެ ގުއްބުގެ ތެރޭގައެވެ. 
އާދެ! އަޅުގަނޑު ނަކަލުކޮށްލާނީ، އެ ލިޔުމުން ބައެކެވެ. އެ ގަލުގައި "....ސިރީ ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންނަށަ މި ކަބާފާނު ރާދަކިހުނުފަން ސިރީ ކުލަ ރަންމީބަ ކައްތިރި ބޮވަނަ މަހާރަދުންގެ...." މި ފަދައިން ލިޔެފައިވެއެވެ. މާނައަކީ  "...އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން( އެއްވަނަ ) ސިރީ ކުލަ ރަންމީބަކައްތިރި ބޮވަނަ މަހާރަދުންނާއި، މި ކަނބާފާނު (އެބަހީ: ކަނބާ ޢައިޝާ) ގެ ދަރިކަލުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުންގެ..." މިއެވެ. 
ދިވެހި ބަސްފޮތުގައިވާ ގޮތުން، އިސްވެ މި ބަޔާންކުރި ލިޔުންކޮޅުގައިވާ "ކުލަސުންދުރަ" އަކީ ރަސްރަސްކަލުންގެ ނަންފުޅުގެ ކުރިއަށް ގެންނަ ނަންއިތުރެކެވެ. މި ލަފުޒަކީ "ކުލަ" އާއި "ސުންދުރަ" މި ދެ ލަފުޒު ލާމެހިގެން އުފެދިފައިވާ ލަފުޒެއްކަމަށް ފެނެއެވެ. އެހެނީ "ކުލަ" އަކީ، އިސްވެ ބަޔާންކުރި ފަދައިން ދަރިކޮޅުގެ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. ދިވެހި ބަސްފޮތް ބުނާގޮތުންކުލަސުންދުރަ އިގެ މާނައަކީ، "މާތް ދަރިކޮޅަކުން އައިސްފައިވާ ރީތި" އެވެ. ހަމަ އެހެންމެ، އެ ލިޔުންކޮޅުން ތިޔަ ފެނިވަޑައިގެންނެވި، "ކުލަ ރަންމީބަ" އަކީ ވެސް މި ފަދަ ނަންއިތުރެކެވެ. ދިވެހި ބަސްފޮތުގައި "ރަންމީބަ" އިގެ މާނައެއްކަމަށް އޮތީ "ރަން ފަދަ" އެވެ. އެހެންކަމުން "ކުލަ ރަންމީބަ" އިގެ މާނައެއްކަމުގައި ފެންނަނީ "މާތް ދަރިކޮޅަކުންއައި ރަން ފަދަ" އެވެ.
އިސްވެ ދިޔަ ވާހަތަކުން "ކުލަ" އަކީ ރަސްރަސްކަލުންގެ ކޮލީ ނަންފުޅުތަކުގައި ވެސް ހިމެނިގެންވާ ލަފުޒެއްކަމުގައި އެނގިގެން ހިނގައްޖެއެވެ. މިއީ ދިވެހިތާރީޚު ވަރުގަދައަށް ހެކިވާ ކަމެއްމެއެވެ. އަޅުގަނޑު ބަޔާންކުރި ދެ ނަންފުޅުގެ އިތުރަށް ވެސް، އެ ފަދަ ކިތަންމެ ނަންފުޅެއް ފެންނަން އެބަހުއްޓެވެ. މި ނުގުތާތަކަށް ބަލާއިރު، އަޅުގަނޑަށް ލަފާކުރެވޭގޮތުގައި "ކުލަ" މި ލަފުޒަކީ، އެ ޒަމާނުގައި މާތް ދަރިކޮޅުތަކަށް ނިސްބަތްކުރާ ލަފުޒެކެވެ.
މެކްޑޮނަލްގެ ފޮތް، "A Sanskrit-English Dictionary,1982" ގެ ހަތްތަރިވަނަ ސަފުހާގައި "ކުލަ" (kula) މި ލަފުޒުގެ މާނަތަކުގެތެރޭގައި "Noble family" އޮތުމަކީ، މި ކަމަށްލިބޭ އިތުރު ތާއީދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.